ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް ބާއްވައިފި

24 Jan 2016

ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް އިއްޔެ (23 ޖަނަވަރީ 2016) ބާއްވައިފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނާ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ގުޅިގެން ބާއްވުނު މިވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ދެސެޝަނަކަށް ބަހައިލެވިގެންނެވެ. މި ވޯކްޝޮޕްގައި ޖުވެނައިލް ކޯޓުގެ 22 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ވޯކްޝޮޕްގައި ނަޒާހަތްތެރިކަމާއި، ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަތައްތަކާއި، އަދި ޢާއްމުންނަށް ޚިދުމަތް ދިނުމުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތު ބައިވެރިންނަށް ވަނީ ފޯރުކޮށްދެވިފައެވެ. އަދި މާލިއްޔަތު ޤަވާޢިދުގެ ތެރެއިން ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ހިފަހައްޓަންޖެހޭ މައިގަނޑު އަސާސްތަކާއި ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ޕްރޮކިޔުމަންޓްގެ މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތުވެސް ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ ދެވިފައެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް ވޯކްޝޮޕް ފުރިހަމަ ކުރި ކަމުގެ ހަނދާނީ ލިއުންވަނީ ދެވިފައެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެތަންތަނުގެ މުވައްޒަފުންނަށް މިފަދަ ވޯކްޝޮޕްތައް ހިންގަވަން ބޭނުންފުޅުވާ އިދާރާތަކަށް އޭސީސީގެ ފަރާތުން މި ފަދަ ވޯކްޝޮޕްތައްދަނީ އިންތިޒާމްކޮށްދެމުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×