މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހި، ނުލިބިވާކަމަށް އެމިނިސްޓްރީގެ 2010ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިސާއާ ގުޅޭ

28 Jan 2016

 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ ވަރުވާ އާއި ކުލީގެ ގޮތުގައި ލިބޭ ފައިސާގެ ހިސާބު އެއްގޮތަކަށްވެސް މިނިސްޓްރީން ލިޔެ ބަލަހައްޓަމުން ނުދާ ކަމަށާއި އެހެންކަމުން ވަރުވާއަށާއި ކުލީގެ ގޮތުގައި ގަވާއިދުން ފައިސާ ދައްކާ ފަރާތްތަކާއި ނުދައްކާ ފަރާތްތައް މިނިސްޓްރީ އިން އެނގެން ނުހުންނަ ކަމަށާއި، ނަމަވެސް މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ދައްކާގޮތުން 26 ޑިސެމްބަރ 2011 ގެ ނިޔަލަށް މިނިސްޓްރީ އިން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 13 ރަށަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 54,110,331.00 ރުފިޔާ ދައުލަތަށް ލިބެންޖެހި، ނުލިބި ވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު އެ މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

 

މިމައްސަލައިގައި މިކޮމިޝަންގެ ތަޙްޤީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑު އެގްރިކަލްޗަރުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާބެހޭ މަޢުލޫމާތު މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީއިން (ކުރިން ޑިޕާޓްމެންޓް އޮފް އިންލެންޑް ރެވެނިއު އިން) މިނިސްޓްރީ އަށް ފޮނުވުމުން، ކުލި ދައްކާފައިނުވާ ފަރާތްތަކަށް ކުލި ދެއްކުމަށް އަންގައި އާންމު އުޞޫލެއްގެ ގޮތުން އެފަރާތްތަކަށް ސިޓީ ފޮނުވާ އުޞޫލުން، ކުލި ދައްކަމުން ނުދާކަމަށް މިމައްސަލާގައި ފާހަގަކޮށްފައިވާ 13 ރަށާ ގުޅިގެންވެސް އެރަށް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކުލި ދެއްކުމަށް އަންގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑު އެގްރިކަލްޗަރުން ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާކަން އެނގޭތީއާއި،

ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ތަންތަނުގެ ކުލި ބަލައިގަތުމާއި ކުލި ނުދައްކާ ފަރާތްތަކާމެދު މިހާރު ފިޔަވަޅު އަޅަނީ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިންކަމަށްވެފައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑު އެގްރިކަލްޗަރުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާގުޅިގެން، ކުއްޔާއި ޖޫރިމަނާ ނުދައްކާކަމަށް ފާހަގަކޮށްފައިވާ 13 ރަށުގެ ތެރެއިން 08 ރަށާ ގުޅޭ މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަން އެނގޭތީއާއި،

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑު އެގްރިކަލްޗަރުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާކަމަށް ފާހަގަކޮށްފައިވާ 13 ރަށުގެ ތެރެއިން 06 ރަށުން ކުއްޔާއި ޖޫރިމަނާ ފައިސާ މިހާރު ދައްކާ ނިންމާފައިވާތީއާއި ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާހުރި 07 ރަށުގެ ތެރެއިން 05 ރަށުގެ މައްސަލަ ކޯޓު މަރުހަލާގައި މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރެވޭތީއާއި،

ކުލި ދައްކަމުން ނުދާކަމަށް މިމައްސަލާގައި ފާހަގަކޮށްފައިވާ 13 ރަށާ ގުޅިގެންވެސް އެރަށްރަށުން ދައުލަތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ދައުލަތުގެ ފަރާތުން ކުރަމުންގެންދާކަން ފާހަގަކުރެވޭތީ،

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާކަމަށް މިމައްސަލާގައި ފާހަގަކޮށްފައިވާ 13 ރަށުން، ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކާ އޮތް އޮތުމަކީ، އެފަރާތްތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ބެލެވެން ނެތުމާއެކު މިކަމުގައި އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާއެއް ހޯދާފައިވާކަމަށް ނުބެލެވޭތީ، މިމައްސަލައިގައި ޤާނޫނު ނަންބަރު 2000/2(ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރ 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×