ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ގަވާއިދާ ޚިލާފަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހއ.ބާރަށުން ބައެއް ފަރާތްތަކަށް ބިން ބޮޑުކޮށްދީފައިވާކަމަށް ބެލެވޭ މައްސަލަ، ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

19 Oct 2011

ހއ.ބާރަށު ކައުންސިލަރ ޢަލީ ޝަމީމް ބާރަށު އޮފީސް ހިންގުމާ ޙަވާލުވި ފަހުން ޤަވާޢިދާ ޚިލާފަށް އޭނާގެ ޢާއިލާ މީހުންގެ ގޭގެއަށް ބިން އިތުރުކުރަމުންދާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ބެލިއިރު، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވާތީއާއި ބިން އިތުރު ކުރުމުގައި ރަށުގެ އިޖްތިމާޢީ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭނެކަމަށް ފެންނަ ބިންތަކާއި، ކުރިން އަތޮޅު އޮފީހުންނާއި ރަށު އޮފީހުން އިތުރުކޮށް ނުދިނުމަށް ނިންމާފައި ހުރި ބިންތައް، ކައުންސިލަރކަމަށް ޢަލީ ޝަމީމް ޢައްޔަން ކުރެވުނުފަހުން އޭރުގެ ހއ.އަތޮޅު އޮފީސް ހިންގެވުމާ ޙަވާލުވެހުރި ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ ނައިބުގެ މަޤާމުގައި ހުރި ހއ.ދިއްދޫ، ޖަރީމާގޭ އާދަމް ނަސީރު (އަތޮޅު އޮފީހުގެ ފަރާތުން) ހުއްދަ ދެއްވުމުން އިތުރުކޮށްދީފައިވާތީއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ގޮތުން ފުރަތަމަ ވަކި ބަޔަކަށް ބިން އިތުރުކޮށްދިނުމުން ފަހުން އެކަން ޢާންމުވެ ގިނަ ގޯތިތަކެއްގެ ބިން އިތުރުކޮށްދޭންޖެހި ރަށުގެ މަޞްލަޙަތު ގޯސްވެފައިވާތީ، އެކަށީގެންވާ ސަބަބުތަކެއް ނެތި މަޤާމުގެ ހައިސިއްޔަތުން ލިބިދޭ އިޚްތިޔާރު ނަހަމަގޮތުގައި ބޭނުންކޮށް، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދިވެހިރާއްޖެއިން ދިރިއުޅުމަށް ބިން ދޫކުރެވޭނެ އެންމެ ބޮޑުމިންކަމަށްވާ 4000 އަކަފޫޓަށްވުރެ ބޮޑުވާގޮތަށް ގިނަ ބިންތަކެއް ބޮޑުކޮށްދިނުމަށް އާދަމް ނަސީރު ހުއްދަ ދެއްވާފައިވެއެވެ. އަދި މިކަން މިގޮތަށް ކޮށްފައިވަނީ ބާރަށު ކުރީގެ ކައުންސިލަރ ޢަލީ ޝަމީމްކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ.
އެހެންކަމުން، އޭރު ހއ.އަތޮޅު އޮފީސް ހިންގެވުމާ ޙަވާލުވެ ހުރި ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒްގެ ނާއިބު ހއ.ދިއްދޫ ޖަރީމާގޭ، އާދަމް ނަސީރާއި ބާރަށު ކުރީގެ ކައުންސިލަރ ހއ.ބާރަށު ގޯލްޑަންހައުސް، ޢަލީ ޝަމީމްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާޢިޒު ފައިދާއެއް ހޯދައިދިނުމުގެ ދަޢުވާކުރުމަށް މިމައްސަލަޝަރީޢަތަށް ހުށަހަޅުއްވައި ދެއްވުމަށްއެދި 16 އޮކްޓޯބަރ 2011 ގައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×