ސީ.އެޗް.އެސް.އީ ކެންޓީނާއި ސީ.އެޗް.އެސް.އީ އެނެކްސްގެ ކެންޓީން ކުއްޔަށް ދިނުމުގައިމަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށްނާޖާޢިޒު ފައިދާއެއް ހޯދައިދީފައިވާކަމަށް ބެލެވޭ މައްސަލަ، ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

31 Oct 2011

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ އެނެކްސްގެ ނަމުގައި ހިންގަމުން ދިޔަ ޢިމާރާތުގައި އެސެންޓަރުގެ ދަރިވަރުންނަށް ކެންޓީނެއްގެ ޚިދުމަތް ދިނުމަށް ކުރެވުނު އިޢުލާނުގައިވެސް، އަދި އެ އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތުގައިވެސް ޢާންމު ރައްޔިތުންނަށް ހޮޓަލެއްގެ ޚިދުމަތް ދެވޭނެކަމަށް ބަޔާންކޮށްފައިނުވާއިރު، ސީ.އެޗް.އެސް.އީ އެނެކްސްގައި ޢާންމު ރައްޔިތުންނަށް ހޮޓަލެއްގެ ޚިދުމަތް ދެވޭނެގޮތަށް ސައުތުބީޗާ ދެމެދު އެސެންޓަރުން އެގްރިމެންޓްކޮށް، އެތަން އެގޮތަށް ޙަވާލުކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ބެލިއިރު، ސީ.އެޗް.އެސް.އީ ކެންޓީނާއި ސީ.އެޗް.އެސް.އީ އެނެކްސް ކެންޓީން ސައުތުބީޗަށް ކުއްޔަށް ދިނުމުގައި ޢާއްމުކޮށް މިފަދަ ކަންކަން ކުރުމަށް އޮންނަ އުޞޫލާ ޚިލާފުވެފައިވާކަން ފާހަގަކުރެވުނެވެ. އަދި ސްކޫލް ބޯޑުން ވަކި ގޮތަކަށް ނިންމި ނަމަވެސް ހެދިފައިވާ ގަވާއިދުތަކާއި، ޢަމަލުކުރުމަށް އޮންނަ އުޞޫލުތަކާ ޚިލާފަށް އެއްވެސް ފަރާތަކަށް ޢަމަލުކުރުން ލާޒިމުނުވާތީއާއި، ސްކޫލް ބޯޑުން ނިންމުމެއް ނިންމި ކަމުގައިވީނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރަންޖެހޭއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެގޮތަށް އަމަލުކޮށްފައިނުވާތީ، ސީ.އެޗް.އެސް.އީ ކެންޓީނާއި ސީ.އެޗް.އެސް.އީ އެނެކްސް ކެންޓީން ސައުތުބީޗަށް ކުއްޔަށް ދިނުމުގައި ސީ.އެޗް.އެސް.އީގެ ޕްރިންސިޕަލް ޢާއިޝަތު ޞަފޫރާ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ޢަމަލުކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ.
ސީ.އެޗް.އެސް.އީގެސްކޫލް ބޯޑުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ސައުތުބީޗާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަނާ ދެމެދު ސީ.އެޗް.އެސް.އީ އެނެކްސް ކެންޓީނާއި ސީ.އެޗް.އެސް.އީ ކެންޓީން ކުށްޔަށްދިނުމަށް 21 ސެޕްޓެމްބަރ 2009 ގައި ވެފައިވާ އެއްބަސްވުމުގައިދެ ކެންޓީންވެސް ކުއްޔަށްދީފައިވަނީ މީލާދީ10 އަހަރު ދުވަހަށްކަމަށްވާއިރު، އިޢުލާނު ކުރިއިރު އަދި މަޢުލޫމާތު ދިންއިރު ކުއްޔަށްދޭ މުއްދަތު ބަޔާންކޮށްފައިނުވާކަމާއި، އަދި ޢާންމުކޮށް ސްކޫލްތަކުގެ ކެންޓީންތައް ކުއްޔަށްދޭ މުއްދަތު ތަކަށްވުރެން މުއްދަތު ދިގުކަމާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 6.05 ގެ (ނ) ގައި ކުއްޔަށް ދައުލަތުގެތަނެއް ނުވަތަ އެއްޗެއް ދޫކުރާނަމަ ކުލި ލިބެންޖެހޭ މުއްދަތުގައި ކުލި ނުލިބޭގޮތަށް އެއްވެސް މާއްދާއެއް އެގްރިމެންޓްގައި ހިމަނައިގެންނުވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެއްބަސްވުމުގައި ކުލި މަޢާފް ކުރެވޭނެ ދުވަސްތަކެއްކަމުގައި ރަމަޟާން މަހުގެ ދުވަސްތަކާއި ދިރާސީ އަހަރުގެ ޗުއްޓީދުވަސްތައް ހިމަނާފައިވާކަމާއި، އަދި މަޢުލޫމާތު ދިންއިރު އެކަން އަންގާފައިނުވުމާއި ކެންޓީނުން ބޭރަށް ދޮރުކަނޑައިގެން މިދުވަސްތަކުގައިވެސް ޢާންމުންނަށް ޚިދުމަށް ދެވޭނެކަން އެއްބަސްވުމުން ދޭހަވާކަމާއި، އަދި މިކަމަކީ ސައުތުބީޗުން ހުށަހެޅި ޕްރޮޕޯސަލްގައިވެސް ހިމަނާފައިވާ ކަމެއްނޫންކަމާއި،ސްކޫލް ކިޔެވުން އޮންނަ ދުވަސްތަކުގެ ހެނދުނު 7.00 ން ރޭގަނޑު 7.00 އަށް ކެންޓީން ހުޅުވާފައި ހުންނަށްވާނެކަމަށާއި އަދި ޢާއްމުންނަށް ބޭރުން ވަދެވޭގޮތަށް ހެދުމަށްފަހު ސަރުކާރު ހުއްދަކުރާ ގަޑިތަކުގައި ހުޅުވާފައިބެހެއްޓުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީނަމަވެސް މިފަދަ މަޢުލޫމާތެއް އިޢުލާނުކުރިއިރު އަދި މަޢުލޫމާތު ދިންއިރު ދީފައިނުވާކަމާއި، ކެންޓީނުގައި ބޭނުންކުރާ ފެނާއި އަދި ކަރަންޓްގެ ބިލް 1 އަހަރުވަންދެން ދައްކާނީ ކުއްޔަށްދޭ ފަރާތުންކަމަށާއި އެއްބަސްވުމުގައި ސޮއިކުރާތާ 1 އަހަރު ވުމުގެ ކުރިން ޢާންމުން ވަންނަ ބައިގެ ފެނާއި ކަރަންޓް ވަކިކުރުމަށްފަހު އެ ބިލްތައް ދައްކާނީ ކުއްޔަށް ހިފިފަރާތުންކަމަށް އެއްބަސްވުމުގައި ވާކަމާއި، މި ފަދަގޮތަކަށް އެއްބަސްވެފައިމިވަނީ ފެނާއި ކަރަންޓައް ދާނެ ޚަރަދު އަންދާޒާ ކުރުމެއްނެތި ޢާއްމުފަރާތަކުން ކުރާ ވިޔަފާރީގެ ފެނާއި ކަރަންޓްގެ ޚަރަދުތައް ދައުލަތުގެ ފައިސާއިން ކުރެވޭފަދަ ގޮތަކަށްކަން ފާހަގަކުރެވެއެވެ. އަދި މިކަމަކީ މަޢުލޫމާތު ކަރުދާހުގައިވެސް ހިމެނިފައިނުވާ އަދި ސައުތުބީޗުން ހުށަހެޅި ޕްރޮޕޯސަލްގައިވެސް ހިމެނިފައިވާކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ފައިސާއިން ވަރަށްގިނަ ފައިސާތަކެއް ވަކިފަރާތެއްގެ ވިޔަފާރީގެ ޚަރަދުތައް ހަމަޖެއްސުމަށް ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދިކެންޓީން ކުއްޔަށްދޭ ފަރާތުން އެއްބަސްވުން ބާޠިލް ކުރަން ޖެހިއްޖެ ހާލަތެއްގައި ޢަމަލުކުރަންވީ ގޮތެއް އެއްބަސްވުމުގައި ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ކުއްޔަށް ހިފާފަރާތުން ޢިމާރާތް ދޫކޮށްލަން ބޭނުންވެއްޖެ ހިނދެއްގައި 3 މަސްދުވަހުގެ ނޯޓިސް ކުރިން ދިނުމަށްފަހު ޢިމާރާތް ދޫކޮށްލެވިދާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.
އެހެންކަމުން، ސީ.އެޗް.އެސް.އީގެ ޕްރިންސިޕަލް ސ.ފޭދޫ/ އީރާނުގެ، ޢާއިޝަތު ޞަފޫރާގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމަށްޓަކައި އޮކްޓޯބަރ 2011 ގައި މައްސަލަ ޝަރީޢަތަށް ހުށަހަޅުއްވައިދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ. އަދި ސައުތުބީޗާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަނާ ދެމެދު ސީ.އެޗް.އެސް.އީ އެނެކްސް ކެންޓީނާއި ސީ.އެޗް.އެސް.އީ ކެންޓީން ކުށްޔަށްދިނުމަށް 21 ސެޕްޓެމްބަރ 2009 ގައި ވެފައިވާ އެގްރިމެންޓް ބާޠިލްކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅުމަށްވެސް މިކޮމިޝަނުން ވަނީ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×