ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ޙަވާލު ކުރުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަމަށް ބެލެވޭ މައްސަލަ، ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

29 Oct 2011

ތިލަފުށީގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކުރުމުގެ ގޮތުން ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކުރުމުގައި، ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤު ކުރިއިރު، ތިލަފުށީ ބިން ހިއްކާދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އީ.އޯ.އައި ހުށަހެޅުމަށް، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން 5 އޭޕްރީލް 2010 ގައި އިޢުލާން ކުރުމާ ގުޅިގެން، އީ.އޯ.އައި ހުށަހެޅި ފަރާތްތަކަށް 24 ޖޫން 2010 ގައި އާރު.އެފް.ޕީ ދޫކުރުމުން، އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، 20 ޖުލައި 2010 ގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ރިވިއު ކޮމެޓީގެ ބައްދަލުވުމުން، އީ.އޯ.އައި ހުށަހެޅި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ނިންމާފައިވާކަމާއި، މިގޮތުން، 08 އޯގަސްޓް 2010 ގައި 6 ފަރާތަކަށް މަޝްވަރާކުރުމުގެ ދަޢުވަތު ފޮނުވާފައިވާކަން އެނގެއެވެ. ނަމަވެސް، އީ.އޯ.އައި ހުށަހެޅި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދިނުމުން، އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަނޭޅުމުން، ނެގޯޝިއޭޓް ކުރުމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުން ނިންމާފައި ނުވާކަން އެނގެއެވެ. އަދި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ތިލަފުށި ބިންހިއްކުމުގެ ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ ކުންފުނީގެ ބޯޑްގެ ލަފާގެ މަތިން ނޫންކަމާއި، އެކަން ކޮށްފައިވަނީ އެކުންފުނީގެ ހިންގާ ޤަވާޢިދުގެ 42 ވަނަ މާއްދާގައިވާގޮތާ ޚިލާފަށްކަން ފާހަގަ ކުރެވިފައިވެއެވެ. އަދި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން އެމަސައްކަތް އެވޯޑްކޮށްފައިވާ ކުންފުންޏަށް3,000,000.00 (ތިން މިލިޔަން) ޑޮލަރަށްވާ ދިވެހިފައިސާ މޮބިލައިޒޭޝަން ޕޭމަންޓެއްގެ ގޮތުގައި ދީފައިވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގެ އިއްތިފާޤުން ނިންމައިގެން ނޫންކަމާއި، އެކަން ކޮށްފައިވަނީ އެކުންފުނީގެ ހިންގާ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ބ) އާ ޚިލާފަށްކަން ފާހަގަ ކުރެވިފައިވެއެވެ. އަދި މީގެ އިތުރަށް، ތިލަފުށި ހިއްކުމުގެ ޕްރޮޖެކްޓް ޙަވާލުކޮށްފައިވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން 5 އޭޕްރީލް 2010 ގައި ކުރި އިޢުލާންގައިވާގޮތަށް އެޕްރޮޖެކްޓަށް ކޮންޓްރެކްޓަރ ފައިނޭންސް ކުރާގޮތަށް ނޫންކަން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި މަސައްކަތް ޙަވާލުކޮށްފައިވާ ކުންފުނިން 30 ސެޕްޓެމްބަރ 2010 ގައި ސޮއިކޮށްފައިވާ އެގްރިމެންޓްގެ ޖެނެރަލް ކޮންޑިޝަންސްގެ 11.3 ން އެނގެއެވެ. އަދި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން އެމަސައްކަތް ޙަވާލުކޮށްފައިވާ ކުންފުންޏަށް މޮބިލައިޒޭޝަން ޕޭމަންޓެއްގެ ގޮތުގައި 3,000,000.00 (ތިން މިލިޔަން) ޑޮލަރަށްވާ ދިވެހިފައިސާ ދީފައިވާއިރު، އެގްރިމެންޓްގެ ޖެނެރަލް ކޮންޑިޝަންސްގެ 11.2 އާ ޚިލާފަށް، އިންޖިނިއަރގެ އެޕްރޫވަލްއަކާ ނުލައި އެފައިސާއެކުންފުންޏަށް ދީފައިވާކަމާއި، އެޑްވާންސް ޕޭމަންޓްގެ ފުލް އެމައުންޓަށް އެދި ހުށަހަޅާއިރު ތިލަފުށި ކޯޕަރޭޝަނުން އެޕްރޫވްކުރާ ތިންވަނަ ފަރާތެއްގެ ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، ސެކިއުރިޓީގެ ގޮތުގައި ގަބޫލުކޮށްފައިވަނީ އެކުންފުނިންހުށަހަޅާފައިވާ 1,840,000.00 (އެއްމިލިޔަން އަށްސަތޭކަސާޅީސްހާސް) ޑޮލަރުގެ ތިން އުޅަނދު ކަމާއި، އެޑްވާންސް ޕޭމަންޓްގެ ސެކިއުރިޓީގެ ގޮތުގައި ބެހެއްޓި 3 އުޅަނދުގެ އަގުކޮށްފައިވާ ފަރާތެއް އެނގެން ނެތީސް އެއުޅަނދުތައް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެފައިވާކަމާއި، އެޑްވާންސް ޕޭމަންޓްގެ ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓަރ ހުށަހަޅާފައިވާ 3 އުޅަނދުގެ ސެކިއުރިޓީގެ ގޮތުގައި ހުށަހެޅި ލިޔުމުގައި ސޮއިކޮށްފައިވަނީ އެމަސައްކަތް ޙަވާލުކޮށްފައިވާ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާއިރު އެކުންފުނީގެ އެސެޓް ވިއްކުމާއި އެހެންފަރާތަކަށް ދިނުމާއި ރަހުނުކުރުމުގެ ބާރު އެ ޑިރެކްޓަރަށް ލިބިދޭ ކުންފުނީގެ ބޯޑު ރިޒޮލިއުޝަނެއް އެކުންފުނިން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑަށް ހުށަހަޅާފައި ނުވަނީސް ސެކިއުރިޓީގެ ގޮތުގައި އެ 3 އުޅަނދު ގަބޫލުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މިހެންކަމުން،ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ޙަވާލު ކުރުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ އިވެލުއޭޝަން ކޮމެޓީގެ ތިންމެމްބަރުން ކަމުގައިވާ އެކުންފުނީ ކުރީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މއ.މާޒާގޭ އިބްރާހީމް ރިޔާޟްއާއި މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ގ.ރަންގިރީގޭ މުޙައްމަދު ވާފިރާއި ޑިރެކްޓަރ މއ.ރާހާ އަޙްމަދު ޢަދުލީ ރަޝީދު މަސައްކަތް ކޮށްފައިވާކަމަށް ބެލެވެއެވެ.

ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ޢައްޔަންކޮށްފައިވާ އިންޖިނިއަރ ހ.ލައިނޫފަރުމާގޭ ޢަބްދުﷲ ޒިޔާދާއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ވެފައިވާ އެއްބަސްވުން ޕްރޮޖެކްޓް ނުނިމެނީސް އުވާލުމަށްފަހު، އިންޖިނިއަރެއް ހޯދުމަށް އަލުން އިޢުލާން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބަޔާންކޮށްފައިވުމާއި، ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ޕްރޮޖެކްޓްގެ އޮނިގަނޑަށް ބަދަލު ގެނެވިފައިވާކަމަށް ބަޔާންކޮށްފައިވުމާއެކު، ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތު ކައިރިވެފައިވަނިކޮށް، ޕްރޮޖެކްޓްގެ އޮނިގަނޑަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދަނީ، މަސައްކަތް ނިންމަންޖެހޭ މުއްދަތަށް ކޮންޓްރެކްޓަރަށް މަސައްކަތް ނިންމާ ނުލެވޭނެތީ، އެމަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް އެހީތެރިވެދިނުމުގެ ގޮތުން، އެފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަމަށް ބެލެވެއެވެ.

އެހެންކަމުން، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ އިވެލުއޭޝަން ކޮމެޓީގެ ތިންމެމްބަރުން ކަމުގައިވާ އެކުންފުނީ ކުރީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މއ.މާޒާގޭ އިބްރާހީމް ރިޔާޟްއާއި މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ގ.ރަންގިރީގޭ މުޙައްމަދު ވާފިރާއި ޑިރެކްޓަރ މއ.ރާހާ އަޙްމަދު ޢަދުލީ ރަޝީދުގެ މައްޗަށްކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2000/2) ގެ 12 ވަނަ މާއްދާގެ (ހ) ދަށުން ދަޢުވާކޮށްދިނުމަށް އޮކްޓޯބަރ 2011 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×