2008 ވަނަ އަހަރު ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން އެއްފަހަރާ ގާތްގަނޑަކަށް 50 އަށްވުރެ ގިނަ ލެޕްޓޮޕް (ގާތްގަނޑަކަށް 900,000.00 ރުފިޔާގެ ލެޕްޓޮޕް) ގަނެފައިވާއިރު އެތަކެތި ގަތުމަށް ޢާންމުކޮށް އިޢުލާންކޮށްފައިނުވާކަމަށާއި، ނަމަވެސް ފަހުން އެތަކެތި ގަވާއިދާއި ޚިލާފަށް ގަނެފައިވާކަން ފޮރުވުމަށް އިޢުލާނެއްކުރެއްވިއިރުވެސް ކޮމްޕިއުޓަރުތައް އެކޮމިޝަނުގައި ހުރިކަމަށްބުނާ މައްސަލަ ބެލިއިރު، 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޭނުން ކުރުމަށް 4 (ހަތަރު) ފަހަރެއްގެމަތިން ޖުމްލަ 57 (ފަންސާސް ހަތެއް) ލެޕްޓޮޕް(NEC VERSA S3300 ސީރީސްގެ ނޯޓްބުކް ކޮމްޕިއުޓަރ ސިސްޓަމްގެ ލެޕްޓޮޕް) 621,015.00 (ހަލައްކަ އެކާވީސް ހާސް ފަނަރަ ރުފިޔާ) އަށް ގަނެފައިވެއެވެ. އެއީ ލެޕްޓޮޕެއް 10,895.00 (ދިހަހާސް އަށްސަތޭކަ ނުވަދިހަ ފަސްރުފިޔާ) ގެ ރޭޓުންނެވެ. މިހުރިހާ ލެޕްޓޮޕެއްވެސް ގަނެފައިވަނީ އެއްފަރާތަކުންނެވެ.
ފުރަތަމަ ގަނެފައިވާ 20 (ވިހި) ލެޕްޓޮޕް ގަނެފައިވަނީ 16 ސެޕްޓެމްބަރ 2008 ގައި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނެއްގެ ދަށުން 217,900.00 (ދެލައްކަ ސަތާރަހާސް ނުވަސަތޭކަ ރުފިޔާ) އަށެވެ.އޭގެ ފަހުން ގަނެފައިވާ 37 (ތިރީސް ހަތެއް) ލެޕްޓޮޕް ގަނެފައިވަނީ އިޢުލާން ކުރުމެއްނެތި، އަދި އިތުރު ފަރާތްތަކުގެ އަގު ބެލުމެއް ނެތިއެވެ. އެއީ ދެވަނަ ފަހަރު 108,950.00 (އެއްލައްކަ އަށްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) އަށް ގަނެފައިވާ 10 ލެޕްޓޮޕާއި، ތިންވަނަ ފަހަރު 108,950.00 (އެއްލައްކަ އަށްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) އަށް ގަނެފައިވާ 10 ލެޕްޓޮޕާއި، އަދި ހަތަރުވަނަ ފަހަރު 185,215.00 (އެއްލައްކަ އަށްޑިހަފަސްހާސް ދުއިސައްތަ ފަނަރަ ރުފިޔާ) ގަނެފައިވަނީ 17 ލެޕްޓޮޕެވެ.
މި 57 ލެޕްޓޮޕް ތަފާތު 4 ފަހަރެއްގެ މަތިން ގަނެފައިވަނީ 21 ދުވަހުގެ ތެރޭގައެވެ. އެއީ 25 ސެޕްޓެމްބަރ 2008 އިން 15 އޮކްޓޫބަރ 2008 އަށެވެ. މި ލެޕްޓޮޕްތައް ގަތުމަށް ދެފަރާތުގެ ދެމެދު އެއްބަސްވުންތަކެއް ވެފައިވެއެވެ. މި އެއްބަސްވުންތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ނަޢީމެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރާ ދުވަހުން ފެށިގެން 1 (އެކެއް) ދުވަހުގެ ތެރޭގައި ގަންނަ ފަރަތާއި ލެޕްޓޮޕް ހަވާލުކޮށް ގަންނަ ފަރާތުން ކަނޑައަޅާ ތަނެއްގައި ބަހައްޓާ، ބޭނުންކުރުމުގެ ކުރިން ކުރަންޖެހޭ ހުރިހާކަމެއް ކޮށްދޭންވާނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް އެއްބަސްވުންތަކުގައިވާ ތާރީޚަށްވުރެ ކުރިން އިލެކްޝަން ކޮމިޝަނަށް ލެޕްޓޮޕްތައް ލިބިފައިވާކަމަށް ޑެލިވަރީ ނޯޓުތަކުން އެނގެއެވެ.
އެގޮތުން ފުރަތަމަ ގަނެފައިވާ 20 (ވިހި) ލެޕްޓޮޕް ގަތުމަށް އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2008 ވީ ބުރާސްފަތި ދުވަހުއެވެ. “ގުޑްސް ޑެލިވަރީ” ނޯޓުން އެނގޭގޮތުގައި މި 20 (ވިހި) ލެޕްޓޮޕް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވަނީ އޭގެ އެއްދުވަސްކުރިން 24 ސެޕްޓެމްބަރ 2008 ބުދަ ދުވަހުއެވެ. ދެވަނަ ފަހަރު ގަނެފައިވާ 10 (ދިހައެއް) ލެޕްޓޮޕް ގަތުމަށް އެއްބަސްވުން ހަދާފައިވަނީ 26 ސެޕްޓެމްބަރު 2008 ވީ ހުކުރު ދުވަހުއެވެ. “ގުޑްސް ޑެލިވަރީ” ނޯޓުން އެނގޭގޮތުގައި މި 10 (ދިހައެއް) ލެޕްޓޮޕް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވަނީ ހަމައެދުވަހުއެވެ. (އެއީ 26 ސެޕްޓެމްބަރ 2008 ވީ ހުކުރު ދުވަހުއެވެ.) ތިންވަނަ ފަހަރު ގަނެފައިވާ 10 (ދިހައެއް) ލެޕްޓޮޕް ގަތުމަށް އެއްބަސްވުން ހަދާފައިވަނީ 05 އޮކްޓޫބަރ 2008 ގައެވެ. “ގުޑްސް ޑެލިވަރީ” ނޯޓުން އެނގޭގޮތުގައި މި 10 (ދިހައެއް) ލެޕްޓޮޕް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވަނީ 29 ސެޕްޓެމްބަރ 2008 ގައެވެ. ހަތަރުވަނަ ފަހަރު ގަނެފައިވާ 17 ލެޕްޓޮޕް ގަތުމަށް އެއްބަސްވުން ހަދާފައިވަނީ 15 އޮކްޓޫބަރ 2008 ގައެވެ. “ގުޑްސް ޑެލިވަރީ” ނޯޓުން އެނގޭގޮތުގައި މި 17 (ދިހައެއް) ލެޕްޓޮޕްގެ ތެރެއިން 15 ލެޕްޓޮޕެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވަނީ 29 ސެޕްޓެމްބަރ 2008 ގައެވެ. އަދި ބާކީ ދެ ލެޕްޓޮޕް ލެޕްޓޮޕް އިލެކްޝަންސް ކޮމިޝަނަށް ލިބުނުކަމަށް ޝައުކަތު އިބްރާހީމްގެ ނަން ލިޔެ ސޮއިކޮށްފައިވާ ލިޔުމެއް ފެންނަން އޮތެވެ. އޭގައިވާ ތާރީޚަކީ 04 އޮކްޓޫބަރ 2008 އެވެ.
މި 57 ލެޕްޓޮޕް އެކިފަހަރުމަތިން ބައިބައިކޮށްގެން އެއްފަރާތަކުން ގަނެފައިވަނީ އެދުވަސްވަރު ޢަމަލުކުރަމުން ދިޔަ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.31 ވަނަ މާއްދާ (އެއްފަރާތަކުން ތަކުރާރުކޮށް ތަކެތި ގަތުމުގައި ޢަމަލުކުރަންވީ އުޞޫލު) އާއި ޚިލާފަށްކަން ފާހަގަކުރެވެއެވެ. އެ މާއްދާގައި ކުރީގައި ބީލަމެއް މެދުވެރިކޮށް ތަކެތި ވިއްކާފައިވާ ފަރާތްތަކުން ތަކުރާރުކޮށް ތަކެތި ގަތުމަށް އެދެވޭނީ ކުރިން ގަތްތަކެއްޗަކީ ރަގަޅު ތަކެތިކަމަށްވުމާއި، އެތަކެތީގެ ސްޕެއަރ ޕާޓްސް ލިބެންހުރުމާއި ގަތުމަށް ފަހުގެ ޚިދުމަތް ލިބެންހުރުމާއި، މުދާ ފޯރު ކޮށްދެވޭ މުއްދަތާއި އަގަށް ބެލުމަށްފަހުކަމަށާއި، އެ މާއްދާގެ (ހ) ގައި ތަކުރާރުކޮށް އޯޑަރކުރެވޭ އަގު ކުރީގެ ކޮންޓްރެކްޓްގައިވާ އަގުތަކާއި އެއްވަރު ނުވަތަ އެއަށްވުރެ ދަންވާންޖެހޭނެ ކަމަށާއި، އަދި މިފަދަ ތަކެތި ވިއްކާ ފަރާތްތަކުން އެވަގުތަކު ވިއްކަންހުރި އަގުތަކަށް ބަލާއިރު އެއަގަކީ އެކަށީގެންވާ ހެޔޮ އަގެއް ކަމުގައި ވާންވާނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް އިތުރު ފަރާތްތަކުން އަގު ހޯދާފައިނުވާތީ އެއަގަކީ އެކަށީގެންވާ އަގެއްކަން އެނގެން ނެތުމާއި، އެ މާއްދާގެ (ށ) ގައި ގަންނަންދޭ އޯޑަރ ނުވަތަ ހުށަހެޅުން އެއީ ކޮންޓްރެކްޓް ބައިބައިކޮށްގެން ކުރާ ކަމެއްގެ ގޮތުގައި ވެގެން ނުވާނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް ލެޕްޓޮޕްތައް ގަނެފައިވަނީ ބައިބައިކޮށްގެންކަމާއި، އެ މާއްދާގެ (ނ) ގައި ތަކުރާރުކޮށް އޯޑަރކޮށްގެން ތަކެތި ގަންނަންވާނީ އެ ކޮންޓްރެކްޓް ފެށުމަށްފަހު ތިންމަސްދުވަހުގެ ތެރޭގައި ކަމަށާއި، އަދި މިތަކެތި ގަތުމަށްފަހު އެތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތަކުގެ އެއްޗެއް ދެވަނަ ފަހަރަށް ގަނެވޭނީ އެންމެ އަވަސްވެގެންވެސް 2 މަސް ފަހުންކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މިތަކެތި ގަނެފައިވަނީ 21 ދުވަހުގެ ތެރޭގައި ކަމަށާއި، އެ މާއްދާގެ (ރ) ގައި މި ނަމްބަރުގެ (ނ) ގައިވާފަދަ ހާލަތެއް މެދުވެރިވެގެން އެއްޗެއް ހޯދޭނީ އަސްލު ކޮންޓްރެކްޓްގައިވާ ބާވަތްތަކުގެ ތެރެއިން ހޯދަން ބޭނުންވާ އެއްޗެއްގެ ފަންސަވީސް އިންސައްތައަށް ވުރެ މަދުންކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެއަށްވުރެ އިތުރަށް ތަކެތި ހޯދާފައިވާކަން ފާހަގަކުރެވެއެވެ.
މިކޮމިޝަނުން މިމައްސަލަ ތަޙްޤީޤް ކުރިކުރުމުގައި، އިލެކްޝަންސް ކޮމިޝަނުން މިތަކެތި ހޯދާފައިވަނީ އެދުވަސްވަރު ޢަމަލުކުރަމުން ދިޔަ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” އާ ކަނޑައެޅިގެން ޚިލާފަށްކަން ފާހަގަކުރެވެއެވެ. މިގޮތުން މި ގަވާއިދުގެ 8.06 ވަނަ މާއްދާގެ ދަށުން މި މަސައްކަތަކީ ކުއްލި ހާލަތެއްގައި ކުރެވުނު މުޢާމަލާތެއްކަމަށް ތަހުޤީޤަށް ބަޔާންދިން ފަރާތްތަކުންނާއި އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިން ފަރާތްތަކުން ބުނެފައިވީ ނަމަވެސް މި މަސައްކަތަކީ ކުއްލި ހާލަތެއްގައި ކުރެވުނު މަސައްކަތެއްކަން އެނގެން ނެތުމާއި، މި ގަވާއިދުގެ 8.10 ވަނަ މާއްދާގައި މުދާ ގެންނައިރު އައިސްފައިވަނީ އޯޑަރުކުރި ތަކެތިތޯ ސްޓޮކުން ބަލާ ޗެކުކުރަންވާނެ ކަމަށް ބުނެފައިވީނަމަވެސް އެފަދައިން ޢަމަލުކޮށްފައިވާކަން އެނގެންނެތުމާއި، މިގަވާޢިދުގެ 8.11 ވަނަ މާއްދާގައި ބުނެފައިވާ މުދާ ބަލައިގަންނަންވާނީ ރަގަޅަށް ޗެކްކޮށްފައިކަމަށް ބުނެފައިވީނަމަވެސް އެފަދައިން ޢަމަލުކޮށްފައިވާކަން އެނގެންނެތުމާއި، މި ގަވާއިދުގެ 8.15 ވަނަ މާއްދާގެ (ހ) ގައި އެއްފަހަރާ ގަންނަންޖެހޭ ތަކެތީގެ ޖުމްލައަގު 25،000.00 (ފަންސަވީސް ހާސް) ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެތަކެތި ގަންނަންވާނީ ޢާއްމުކޮށް އިޢުލާންކޮށްގެންލިބޭ އަންދާސީ ހިސާބުތައް ބަލައިގެންކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެފަދައިން ޢަމަލުކޮށްފައިވާކަން އެނގެންނެތުމާއި، މި ގަވާއިދުގެ 8.16 ވަނަ މާއްދާގައި އިއުލާނާއި ގުޅިގެން ލިޔުމުން މައުލޫމާތު ދޭންވާނެކަމަށް ބުނެފައިވީނަމަވެސް އެފަދައިން ޢަމަލުކޮށްފައިވާކަން އެނގެންނެތުމާއި، މި ގަވާއިދުގެ8.17ވަނަ މާއްދާގައި އަންދާސީ ހިސާބު ބަލައިގަތުމުގައި ޢަމަލުކުރަންވީ އުސޫލުތަކަށް ޢަމަލުކޮށްފައި ނުވުމާއި، މި ގަވާއިދުގެ8.18ވަނަ މާއްދާގައި އަންދާސީ ހިސާބު ބަލާ ކޮމެޓީ އުފައްދަންވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެފަދަ ކޮމެޓީއެއް އުފައްދާ އެފަރާތްތަކަށް ލިޔުމުން އެކަން އަންގާފައިވާކަން އެނގެން ނެތުމާއި، މި ގަވާއިދުގެ8.19 ވަނަ މާއްދާގައި އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލަންވީ ކަންތައް ބަލާފައިވާކަން އެނގެން ނެތުމާއި، އަދި މި ގަވާއިދުގެ 8.20 ވަނަ މާއްދާގައި މަސައްކަތް ހަވާލުވާނެ ފަރާތް ކަނޑައެޅުމުގައި އަންދާސީ ހިސާބުބަލާ ކޮމިޓީން ޕޮއިންޓް ދޭންވާނެކަމަށް ބުނެފައިވީނަމަވެސް އެފަދައިން ޢަމަލުކޮށްފައިވާކަން އެނގޭކަށް ނެތެވެ.
2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގަނެފައިވާ 57 (ފަންސާސް ހަތެއް) ލެޕްޓޮޕްގެ ތެރެއިން ފުރަތަމަ ގަނެފައިވާ 20 (ވިހި) ލެޕްޓޮޕް ގަނެފައިވަނީ އާއްމުކޮށް އިޢުލާން ކޮށްގެން އަންދާސީ ހިސާބުތައް ހޯދައިގެންނެވެ. މިމަސައްކަތް ހަވާލުކުރުމުގައި އެދުވަސްވަރު ޢަމަލުކުރަމުން ދިޔަ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.16 ގައިވާ ގޮތުގެމަތިން އިއުލާނާއި ގުޅިގެން ލިޔުމުން މައުލޫމާތު ދިންކަން އެނގެންނެތުމުންނާއި، މި ގަވާއިދުގެ8.19 ގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލަންވީ ކަންތައް ބަލާފައިވާކަން އެނގެން ނެތުމާއި، އަދި މި ގަވާއިދުގެ 8.20 ގައިވާ ގޮތުގެމަތިން މަސައްކަތް ހަވާލުވާނެ ފަރާތް ކަނޑައެޅުމުގައި އަންދާސީ ހިސާބުބަލާ ކޮމިޓީން ޕޮއިންޓް ދިންކަން އެނގެން ނެތް ނަމަވެސް އެ ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ނަޢީމް މި މަސައްކަތް ވަކި ފަރާތަކާއި ހަވާލުކޮށްގެން ކުރުވާފައިވެއެވެ.
އެހެންކަމުން، މިމައްސަލައިގެ ތަޙްޤީޤު މަރުހަލާގައި ލިބުނު މަޢުލޫމާތުތަކާއި، ތަހުޤީޤީ ބަޔާންތަކާއި، މިމައްސަލައާ ގުޅޭ ލިޔެކިއުންތަކުން ލިބުނު މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމުން،މިކަމަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، ޤާނޫން ނަންބަރު 02/200 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުން) ގެ 12 ވަނަމާއްދާގެ (ހ) ގެ ދަށުން،އެ ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ މ.ވާރުލުގެ/މާލެ އަޙްމަދު ނަޢީމްގެ މައްޗަށް ދަޢުވާކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހަޅުއްވައި ދެއްވުމަށް 17 ނޮވެމްބަރ 2011 ގައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.
2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގަނެފައިވާ 57 (ފަންސާސް ހަތެއް) ލެޕްޓޮޕްގެ ތެރެއިން ދެވަނަ ފަހަރަށް ގަނެފައިވާ 10 ލެޕްޓޮޕް ގަނެފައިވަނީ އެ ކޮމިޝަނުގެ މެމްބަރުންގެ ހުއްދަ ލިބިގެންކަން އެނގެން ނެތްނަމަވެސް މި 10 ލެޕްޓޮޕް ގަތުމަށް ޙަވާލުކޮށްފައިވާ ފަރާތުން ހޯދާފައިވާ ކޯޓޭޝަނުގައި އެތަކެތި ގަތުމަށް އެ ކޮމިޝަނުގެ އިންތިޤާލީ މަރުޚަލާގެ މެމްބަރު މުޙައްމަދު މާހިރު ދަފްތަރު ނަމްބަރ 1540/މާލެ ހުއްދަދީފައިވެއެވެ. މި 10 ލެޕްޓޮޕް ގަނެފައިވަނީ އެދުވަސްވަރު ޢަމަލުކުރަމުން ދިޔަ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.15 ގައިވާ ގޮތުގެމަތިން އާއްމުކޮށް އިޢުލާންކޮށްގެން ނޫންކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިމުޢާމަލާތަކީ ކަނޑައެޅިގެން މިޤަވައިދާގެ 8.16، 8.17، 8.18، އަދި 8.19 އާ ޚިލާފަށް ހިންގާފައިވާ މުޢާމަލާތެކެވެ. އަދި މިތަކެތީގެ ޖުމްލަ އަގު “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.15 ގައި ބަޔާންކޮށްފައިވާ އަގުތަކަށްވުރެ ބޮޑުކަމަށްވީހިނދު، ކުއްލިގޮތަކަށް ހޯދަންޖެހުނުތަކެތިކަމަށް ބުނެ، އެފަދަ ޙާލަތްތަކުގައި ހުއްދަ ހޯދަންޖެހޭފަރާތްތަކާއި މަޝްވަރާކޮށް ހުއްދަ ހޯދާފައިނުވުމުގެ އިތުރުން މިމުޢާމަލާތަކީ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.06ގެ ދަށުން ކުއްލި ހާލަތެއްގައި ކުރެވުނު މުޢާމަލާތެއްކަމަށް ބެލެވޭނެ ކަމަކަށް ނުފެނެއެވެ.
އެހެންކަމުން، މިމައްސަލައިގެ ތަޙްޤީޤު މަރުހަލާގައި ލިބުނު މަޢުލޫމާތުތަކާއި، ތަހުޤީޤީ ބަޔާންތަކާއި، މިމައްސަލައާ ގުޅޭ ލިޔެކިއުންތަކުން ލިބުނު މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމުން،މިކަމަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، ޤާނޫން ނަންބަރު 02/200 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުން) ގެ 12 ވަނަމާއްދާގެ (ހ) ގެ ދަށުން އެ ކޮމިޝަނުގެ އިންތިޤާލީ މަރުޚަލާގެ މެމްބަރުދަފްތަރު ނަމްބަރ 1540/މާލެ މުޙައްމަދު މާހިރުގެ މައްޗަށް ދަޢުވާކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހަޅުއްވައިދެއްވުމަށް 17 ނޮވެމްބަރ 2011 ގައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.
2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގަނެފައިވާ 57 (ފަންސާސް ހަތެއް) ލެޕްޓޮޕްގެ ތެރެއިން ތިންވަނަ ފަހަރަށް ގަނެފައިވާ 10 ލެޕްޓޮޕް ގަނެފައިވަނީ އެ ކޮމިޝަނުގެ މެމްބަރުންގެ ހުއްދަ ލިބިގެންކަން އެނގެން ނެތްނަމަވެސް މި 10 ލެޕްޓޮޕް ގަތުމަށް ޙަވާލުކޮށްފައިވާ ފަރާތުން ހޯދާފައިވާ ކޯޓޭޝަނުގައި އެތަކެތި ގަތުމަށް އެ ކޮމިޝަނުގެ އިންތިޤާލީ މަރުޚަލާގެ ނައިބު ރައީސް އަޙްމަދު ޝާހިދު މއ.ޗަބޭލިއާގެ/މާލެ ހުއްދަދީފައިވެއެވެ. މި 10 ލެޕްޓޮޕް ގަނެފައިވަނީ އެދުވަސްވަރު ޢަމަލުކުރަމުން ދިޔަ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.15 ގައިވާ ގޮތުގެމަތިން އާއްމުކޮށް އިޢުލާންކޮށްގެން ނޫންކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިމުޢާމަލާތަކީ ކަނޑައެޅިގެން މިޤަވައިދާގެ 8.16، 8.17، 8.18، އަދި 8.19 އާ ޚިލާފަށް ހިންގާފައިވާ މުޢާމަލާތެކެވެ. އަދި މިތަކެތީގެ ޖުމްލަ އަގު “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.15 ގައި ބަޔާންކޮށްފައިވާ އަގުތަކަށްވުރެ ބޮޑުކަމަށްވީހިނދު، ކުއްލިގޮތަކަށް ހޯދަންޖެހުނުތަކެތިކަމަށް ބުނެ، އެފަދަ ޙާލަތްތަކުގައި ހުއްދަ ހޯދަންޖެހޭފަރާތްތަކާއި މަޝްވަރާކޮށް ހުއްދަ ހޯދާފައިނުވުމުގެ އިތުރުން މިމުޢާމަލާތަކީ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.06ގެ ދަށުން ކުއްލި ހާލަތެއްގައި ކުރެވުނު މުޢާމަލާތެއްކަމަށް ބެލެވޭނެ ކަމަކަށް ނުފެނެއެވެ.
އެހެންކަމުން، މިމައްސަލައިގެ ތަޙްޤީޤު މަރުހަލާގައި ލިބުނު މަޢުލޫމާތުތަކާއި، ތަހުޤީޤީ ބަޔާންތަކާއި، މިމައްސަލައާ ގުޅޭ ލިޔެކިއުންތަކުން ލިބުނު މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމުން،މިކަމަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، ޤާނޫން ނަންބަރު 02/200 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުން) ގެ 12 ވަނަމާއްދާގެ (ހ) ގެ ދަށުން އެ ކޮމިޝަނުގެ އިންތިޤާލީ މަރުޚަލާގެ ނައިބު ރައީސް މއ.ޗަބޭލިއާގެ/މާލެއަޙްމަދު ޝާހިދުގެމައްޗަށް ދަޢުވާކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހަޚޅުއްވައިދެއްވުމަށް 17 ނޮވެމްބަރ 2011 ގައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.
2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގަނެފައިވާ 57 (ފަންސާސް ހަތެއް) ލެޕްޓޮޕްގެ ތެރެއިން ހަތަރުވަނަ ފަހަރަށް ގަނެފައިވާ 17 (ސަތާރަ) ލެޕްޓޮޕް ގަނެފައިވަނީ، އެ ކޮމިޝަނުގެ އެއްވެސް މެމްބަރެއްގެ ހުއްދަ ލިބިގެންކަން އެނގޭނެ އެއްވެސް ލިޔުމެއް ފެންނަން ނެތްނަމަވެސް އެ ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ނަޢީމް މި މަސައްކަތް ވަކި ފަރާތަކާއި ހަވާލުކޮށްގެން ކުރުވާފައިވެއެވެ. މި 17 ލެޕްޓޮޕް ގަނެފައިވަނީ އެދުވަސްވަރު ޢަމަލުކުރަމުން ދިޔަ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.15 ގައިވާ ގޮތުގެމަތިން އާއްމުކޮށް އިޢުލާންކޮށްގެން ނޫންކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިމުޢާމަލާތަކީ ކަނޑައެޅިގެން މިޤަވައިދާގެ 8.16، 8.17، 8.18، އަދި 8.19 އާ ޚިލާފަށް ހިންގާފައިވާ މުޢާމަލާތެކެވެ. އަދި މިތަކެތީގެ ޖުމްލަ އަގު “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.15 ގައި ބަޔާންކޮށްފައިވާ އަގުތަކަށްވުރެ ބޮޑުކަމަށްވީހިނދު، ކުއްލިގޮތަކަށް ހޯދަންޖެހުނުތަކެތިކަމަށް ބުނެ، އެފަދަ ޙާލަތްތަކުގައި ހުއްދަ ހޯދަންޖެހޭފަރާތްތަކާއި މަޝްވަރާކޮށް ހުއްދަ ހޯދާފައިނުވުމުގެ އިތުރުން މިމުޢާމަލާތަކީ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.06ގެ ދަށުން ކުއްލި ހާލަތެއްގައި ކުރެވުނު މުޢާމަލާތެއްކަމަށް ބެލެވޭނެ ކަމަކަށް ނުފެނެއެވެ.
އެހެންކަމުން، މިމައްސަލައިގެ ތަޙްޤީޤު މަރުހަލާގައި ލިބުނު މަޢުލޫމާތުތަކާއި، ތަހުޤީޤީ ބަޔާންތަކާއި، މިމައްސަލައާ ގުޅޭ ލިޔެކިއުންތަކުން ލިބުނު މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމުން،މިކަމަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، ޤާނޫން ނަންބަރު 02/200 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުން) ގެ 12 ވަނަމާއްދާގެ (ހ) ގެ ދަށުން،އެ ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ މ.ވާރުލުގެ/މާލެ އަޙްމަދު ނަޢީމްގެ މައްޗަށް ދަޢުވާކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހަޅުއްވައިދެއްވުމަށް17 ނޮވެމްބަރ 2011 ގައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.
މި ކޮމިޝަނުން މި މައްސަލަ ތަޙްޤީޤް ކުރިކުރުމުގައި، މި ދެންނެވި 57 ލެޕްޓޮޕް އެ ކޮމިޝަނަށް ހޯދުމަށްފަހު، އެދުވަސްވަރު ޢަމަލުކުރަމުން ދިޔަ “ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު” ގެ 8.12 ގައިވާ ގޮތުގެ މަތިން އެތަކެތި އެ ކޮމިޝަނުގެ ސްޓޮކަށް ވައްދާފައި ނުވުމުގެ ސަބަބުން 57 ލެޕްޓޮޕްގެ ތެރެއިން 05 ލެޕްޓޮޕް ގެއްލިފައިވާކަން ފާހަގަކުރެވެއެވެ. ގެއްލިފައިވާ 05 ލެޕްޓޮޕްގެ ތެރެއިން 02 ލެޕްޓޮޕަކާއި އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނަރަލް ޝައުކަތު އިބްރާހީމް ހ.ހަބަރުގެ/މާލެ ހަވާލުވެފައި ވާއިރު، މި މަސައްކަތުގެ އޮޕަރޭޝަންސް ހެޑަކަށް ހުރީ ޝައުކަތު އިބްރާހީމްކަމަށްވެފައި، އެ ލެޕްޓޮޕްތައް ސްޓޮކަށް ވައްދާފައި ނުވަނީ ޝައުކަތު އިބްރާހީމްގެ އިހުމާލުންކަމަށް ތަހުޤީޤަށް ފާހަގަކުރެވޭތީ، މި މަސައްކަތަށް ގަނެފައިވާ 57 ލެޕްޓޮޕްގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ ސްޓޮކުން މަދުވާކަމަށް ދައްކާ 05 ލެޕްޓޮޕްގެ ބަދަލު ނުވަތަ އެ 5 ލެޕްޓޮޕްގެ އަގުކަމަށްވާ 54,475.00 (ފަންސާސް ހަތަރުހާސް ހަތަރު ސަތޭކަ ހަތްދިހަ ފަސް ރުފިޔާ)ހޯދުމަށް ޝައުކަތު އިބްރާހީމްގެ މައްޗަށް ދަޢުވާކުރުމަށް 17 ނޮވެމްބަރ 2011 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.