ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ “ބޯޑަރ ކޮންޓްރޯލް ސިސްޓަމް” ގެ ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާޢިޒު ފައިދާ ހޯދާދިނުމަށް އަމަލުކޮށްފައިވާކަމަށް ބެލެވޭ މައްސަލަ، ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

07 Dec 2011

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ “ބޯޑަރ ކޮންޓްރޯލް ސިސްޓަމް” ގެ ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ސެޕްޓެމްބަރ 2010 ގައި ކޮށްފައިވާ އިޢުލާނަކާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެމަސައްކަތް ހަވާލުކުރަން ނިންމާފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްކަމަށްވާ “ނެކްސްބިޒް” ކުންފުންޏާ ކަމަށާއި، މި ޕްރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މި ކޮމިޝަނުން ތަހުޤީޤުކުރިއިރު، މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމްޕްރޮޖެކްޓްގެ ބީލަމުގެ ކަންތައް ކުރިއަށް ގެންދިޔުމަށްޓަކައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވި އެ ޑިޕާޓްމަންޓްގެ ނަމްބަރު 94-E/13/2010/9(7 މާޗް 2010)ސިޓީއާއެކު ހުށަހަޅާފައިވާ “ރިކުއެސްޓް ފޮރ ޕްރޮޕޯސަލް” (އާރު.އެފް.ޕީ) އަކީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުން (އެން.ޕީ.ސީ) ފާސްކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލްއަށް ނުވާތީއާއި، އެން.ޕީ.ސީއިން ފާސްކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލްގައި ހިމެނޭ 14 މޮޑިއުލްގެ ތެރެއިން 7 މޮޑިއުލެއް އާރު.އެފް.ޕީ ގައި އުނިކޮށް، ބައެއް މޮޑިއުލްތަކަށް ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 49/2009 ދެންނެވުމާއެކު ނެރެފައިވާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ ކަންތައްތައް ކުރިއަށް ގެންދިއުމުގެ އުޞޫލާއި ޚިލާފަށް އެން.ޕީ.ސީގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ބަހެއް ނެތިކަމާއި، އެން.ޕީ.ސީ އިން ފާސްކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލަށް ބަދަލުގެނެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވި އިސްވެދެންނެވުނު ސިޓީގައި ސޮއިކޮށްފައިވަނީޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމް ކަމަށްވާތީއާއި،އެން.ޕީ.ސީ އިން ފާސްކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލަށް އެއްވެސް އުނިއިތުރެއް ގެނައުމުގެ ބާރު އިލްޔާސް ހުސައިން އިބްރާހީމް އަށް ލިބިގެންނުވާތީ، އެކަމަކީ އިލްޔާސް ހުސައިން އިބްރާހީމް އަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، މިއީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް އިލްޔާސް ހުސައިން އިބްރާހީމް ކޮށްފައިވާ ޢަމަލެއްކަމަށް ފާހަގަކުރެވިފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމްޕްރޮޖެކްޓްގެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމް ހިމެނޭ އެޑިޕާޓްމަންޓްގެ ޓީމަކުންކަމަށްވެފައި، އީ.އޯ.އައި ގައި ބެލުމަށް ކަނޑައަޅާފައިވާ ބައިތަކުގެ އިތުރަށް “ކެޕޭސިޓީ ބިލްޑިންގ” ބައި ބަލާ މާރކްސް ދީފައިވަނީ ވަކި ފަރާތަކަށް ގިނައިން މާރކްސް ދިނުމަށް ކަމަށް ފެންނާތީއާއި،މިޕްރޮޖެކްޓްގެ ޓެކްނިކަލް އިވެލުއޭޝަން ފުރަތަމަ ހަދާފައިވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމް ހިމެނޭ އެޑިޕާޓްމަންޓްގެ ޓީމަކުންކަމަށްވެފައި، ޓެކްނިކަލް އިވެލުއޭޝަންގައި “ޓްރެއިނިންގ” ބަޔަށް މާރކްސް ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަމަށް ޓެންޑަރ އިވެލުއޭޝަން ބޯޑަށް ފާހަގަކުރެވިގެން ޓެކްނިކަލް އިވެލުއޭޝަން ބާޠިލްކޮށްފައިވާތީ، މިއީމަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް އިލްޔާސް ހުސައިން އިބްރާހީމް ކޮށްފައިވާ ޢަމަލެއްކަމަށް ފާހަގަކުރެވިފައިވެއެވެ.

17 އޮކްޓޫބަރ 2010 ގައި މެލޭޝިޔާގެ “ނެކްސްބިޒް ލިމިޓެޑް” އާއި ދިވެހި ދަޢުލަތުގެ ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ސޮއިކޮށްފައިވާ ކޮންސެޝަން އެގްރީމަންޓްގައި، ނެކްސްބިޒް ލިމިޓެޑްގެ ފަރާތުން މި ޕްރޮޖެކްޓަށް ހުށަހެޅި ޓެކްނިކަލް ޕްރޮޕޯސްލްގައި ދިވެހި ދައުލަތަށް ހިލޭ ފޯރުކޮށްދޭނެކަމަށް ބަޔާންކޮށްފައިވާ 29 ސްކޮލަރޝިޕްއާއި، 2 ލައްކަ އައި.ޑީ ކާޑް ހިމަނާފައި ނުވާތީއާއި، އެ އެއްބަސްވުމުގައި ދިވެހި ދަޢުލަތުގެ ފަރާތުން ސޮއިކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމް ކަމަށްވާތީ، މިއީ، ދައުލަތަށް ލިބެން އޮތް ފައިދާއެއް، ދައުލަތަށް ނުލިބޭގޮތަށްއިލްޔާސް ހުސައިން އިބްރާހީމް ކޮށްފައިވާ ޢަމަލެއްކަމަށް ފާހަގަކުރެވިފައިވެއެވެ.

މި ޕްރޮޖެކްޓްގައި ނެކްސްބިޒް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ފައިނޭންޝަލް ޕްރޮޕޯސަލްގައި ކޮންމެ ޕަސެންޖަރެއްގެ އަތުން 2 އެމެރިކާ ޑޮލަރު ނެގުމަށް ހުށަހަޅާފައިވީ ނަމަވެސް، ދިވެހިރާއްޖެއަށް އަންނަ ކޮންމެ ބިދޭސީ ޕެސެންޖަރެއްގެ އަތުން 2 އެމެރިކާ ޑޮލަރު ނެގުމަށާއި، އަދި ދިވެހިރާއްޖެއިން ފުރައިގެންދާ ކޮންމެ ބިދޭސީ ޕެސެންޖަރެއްގެ އަތުން 2 އެމެރިކާ ޑޮލަރު ނެގުމަށް، 17 އޮކްޓޫބަރ 2010 ގައި މެލޭޝިޔާގެ “ނެކްސްބިޒް ލިމިޓެޑް” އާއި ދިވެހި ދަޢުލަތުގެ ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ސޮއިކޮށްފައިވާ ކޮންސެސަން އެގްރީމަންޓްގައި ހިމަނާފައިވާތީއާއި، އެ އެއްބަސްވުމުގައި ދިވެހި ދަޢުލަތުގެ ފަރާތުން ސޮއިކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމް ކަމަށްވާތީ، މިއީ، ދައުލަތަށް ލިބެން އޮތް ފައިދާއެއް، ދައުލަތަށް ނުލިބޭގޮތަށްއިލްޔާސް ހުސައިން އިބްރާހީމް ކޮށްފައިވާ ޢަމަލެއްކަމަށް ފާހަގަކުރެވިފައިވެއެވެ.

17 އޮކްޓޫބަރ 2010 ގައި މެލޭޝިޔާގެ “ނެކްސްބިޒް ލިމިޓެޑް” އާއި ދިވެހި ދަޢުލަތުގެ ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ސޮއިކޮށްފައިވާ ކޮންސެސަން އެގްރީމަންޓްގައި ނެކްސްބިޒް ލިމިޓެޑުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޓެކްސް މަޢާފްކޮށްދިނުމަށް ނުވަތަ ޓެކްސް މަޢާފްކޮށްނުދެވޭނަމަ، މިޕްރޮޖެކްޓުގައި ނެކްސްބިޒް ލިމިޓެޑުން ނަގާ އަގުތައް ބޮޑުކުރުމަށް، ހިމަނާފައިވީ ނަމަވެސް،ޤަނޫނު ނަމްބަރ 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) ގައި މިޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުގެ ކުރިން، ޤާނޫނު ނަމްބަރ 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާއި ބެހޭ ޤާނޫނު) ގެ ދަށުން ވެވޭ އެއްބަސްވުންތަކުގައި ޓެކްސް ދެއްކުމުން އިސްތިސްނާ ކުރެވުނުކަމަށް ބުނެފައިވާ ބުނުމަކީ، މިޤާނޫނުގެ މަޤްޞަދަށްޓަކައި އެއްވެސް ބާރެއް ހިނގާނެ ބުނުންތަކެއް ނޫންކަމަށް ބަޔާންކޮށްފައިވާތީއާއި، މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 17 އޮކްޓޫބަރ 2010 ގައި ކަމަށްވެފައި، މި ޤާނޫނު ފާސްވެ، ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވަނީ 18 ޖަނަވަރީ 2011 ގައި ކަމަށްވާތީ، މި އެއްބަސްވުމުގެ ދަށުން ޓެކްސް މަޢާފްކޮށްދޭންވާނެކަމަށް، ބުނެފައިވާ ބުނުމަކީޤަނޫނު ނަމްބަރ 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) މަޤްޞަދަށްޓަކައި އެއްވެސް ބާރެއް ހިނގާނެ ބުނުންތަކެއް ނޫންކަމާއި، ޤާނޫނު ނަމްބަރ 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާއި ބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓްމަންޓުން ސަރުކާރަށް ނެގޭ ޑިއުޓިއާއި ޓެކްސް، ދިވެހި ސަރުކާރަށް ފެނުނު މުއްދަތަކަށް މަޢާފުކުރުމުގެ އިޚުތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީ، މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ޑިއުޓީ މަޢާފްކޮށްދިނުމަށް ސަރުކާރުން ހުއްދަ ދީފައިނުވާތީއާއި، މި އެއްބަސްވުމުގެ ދަށުން ޓެކްސް މަޢާފްކޮށްދިނުމާއި، ފީތައް ބޮޑުކުރުމަށް ހުއްދަ ދިނުމަކީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމް އަށް ލިބިގެން ނުވާ ބާރެއްކަމަށް ތަހުޤީޤަށް ފެންނާތީއާއި، އެ އެއްބަސްވުމުގައި ދިވެހި ދަޢުލަތުގެ ފަރާތުން ސޮއިކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމް ކަމަށްވާތީ، މިއީ، ދައުލަތަށް ލިބެން އޮތް ފައިދާއެއް، ދައުލަތަށް ނުލިބޭގޮތަށްއިލްޔާސް ހުސައިން އިބްރާހީމް ކޮށްފައިވާ ޢަމަލެއްކަމަށް ފާހަގަކުރެވިފައިވެއެވެ.

ޤާނޫނު ނަންބަރު10/96(ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖެއިން ބޭރުގައި އުފައްދައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކުން ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގަން ވާނީ، އެ ވިޔަފާރިއެއް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ހޯދުމަށްފަހު، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ބޭރު ކުންފުންޏެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓްރީ ކުރުމަށްފަހު ކަމަށާއި، ޤާނޫނު ނަމްބަރ 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާއި ބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމެންޓެއް ހިންގޭނީ، މިޤާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ޓޫރިޒަމްގެ މަސައްކަތެއް ފިޔަވާ، އެހެން ކަމެއްގައިނަމަ، މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރުގައި އެ އިންވެސްޓްމެންޓެއް ރަޖިސްޓްރީކޮށް، އެގްރީމަންޓެއްގައި ސޮއިކުރުމަށް ފަހުގައިކަމަށާއި، މިޤާނޫނުގެ 3 ވަނަ މާއްދާގައި ޓޫރިޒަމްގެ މަސައްކަތެއް ފިޔަވާ، އެހެން ކަމެއްގައިނަމަ، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކާ މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރާ ދެމެދު އެގްރީމަންޓެއްގައި ސޮއިކުރަންވާނެކަމަށާއި، އެ އެގްރީމަންޓުގައި، އެ އިންވެސްޓްމަންޓެއްގެ ދަށުން ކުރާނެ ހުރިހާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ހިންގާނޭގޮތް ތަފުޞީލުކޮށް ކަނޑައެޅި ބަޔާންވެފައި އޮންނަންވާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ނެކްސްބިޒް ލިމިޓެޑުން ދިވެހިރާއްޖޭގައި ވިޔަފާރީގެ މުޢާމަލާތް ހިންގުމަށްޓަކައި ކަމާބެހޭ އެއްވެސް އިދާރާއެއްގެ ހުއްދައެއް ނަގާ، ރީ ރަޖިސްޓްރީކޮށްފައި ނުވާތީއާއި، 17 އޮކްޓޫބަރ 2010 ގައި މެލޭޝިޔާގެ “ނެކްސްބިޒް ލިމިޓެޑް” އާއި ދިވެހި ދަޢުލަތުގެ ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ސޮއިކޮށްފައިވާ ކޮންސެސަން އެގްރީމަންޓްގެ ދަށުން ނެކްސްބިޒް ލިމިޓެޑުން ދިވެހިރާއްޖޭގައި ޢަމަލީގޮތުން ވިޔަފާރީގެމުޢާމަލާތްތަކެއްހިންގާފައިވާކަން ތަހުޤީޤަށް ފެންނާތީއާއި، އެ އެއްބަސްވުމުގައި ދިވެހި ދަޢުލަތުގެ ފަރާތުން ސޮއިކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމް ކަމަށްވާތީ، މިއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް އިލްޔާސް ހުސައިން އިބްރާހީމް ކޮށްފައިވާ ޢަމަލެއްކަމަށް ފާހަގަކުރެވިފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމްޕްރޮޖެކްޓްގައި ނެކްސްބިޒް ލިމިޓެޑުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ 2.6 ވަނަ މާއްދާގައި (ނެކްސްބިޒް ކޮންސޯޓިއަމް ޕްރޮފައިލްގައި) އެކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ކޮންސޯޓިއަމްއަކުން ކަމަށާއި، އެކޮންސޯޓިއަމް ޕާރޓްނަރުންނަކީ ނެކްސްބިޒް ލިމިޓެޑް (މެލޭޝިއާ) އާއި، ޑާރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމް ޖީ.އެމް.ބީ.އެޗް (ޖާރމަނީ) އާއި، އެޑަޕްޓިވް ރެކޮގްނިޝަން ހަންގޭރީ (ހަންގޭރީ) ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، 17 އޮކްޓޫބަރ 2010 ގައި މެލޭޝިޔާގެ “ނެކްސްބިޒް ލިމިޓެޑް” އާއި ދިވެހި ދަޢުލަތުގެ ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ސޮއިކޮށްފައިވާ ކޮންސެސަން އެގްރީމަންޓްގައި އެއްބަސްވެފައިވަނީ ހަމައެކަނި ނެކްސްބިޒް ލިމިޓެޑްގެ ނަމުގައި ކަމަށްވާތީ، ޤާނޫނު ނަންބަރު 94/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ކޮންޓްރެކްޓެއް ކުރެވެނީ އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލު ކުރުމުން ކަމުގައި ބަޔާންކޮށްފައިވާއިރު،ނެކްސްބިޒް ލިމިޓެޑް (މެލޭޝިއާ) އާއި،ޑާރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމް ޖީ.އެމް.ބީ.އެޗް (ޖާރމަނީ) އާއި، އެޑަޕްޓިވް ރެކޮގްނިޝަން ހަންގޭރީ (ހަންގޭރީ) ހިމެނޭ ކޮންސޯޓިއަމެއްގެ ނަމުގައި، އެ ކޮންސޯޓިއަމުގައި ހިމެނޭ ޑާރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމް ޖީ.އެމް.ބީ.އެޗް (ޖާރމަނީ) އާއި، އެޑަޕްޓިވް ރެކޮގްނިޝަން ހަންގޭރީ (ހަންގޭރީ) ގެ ބަހެއްނެތި، ހަމައެކަނި ނެކްސްބިޒް ލިމިޓެޑް (މެލޭޝިއާ) އިން ހުށަހެޅި ހުށަހެޅުމެއް ޤަބޫލުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ޞައްޙަޢަޤުދެއް ވުޖޫދަށް އަންނާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތް ކަމަށް ނުދެކޭތީ، އެ އެއްބަސްވުމުގައި ދިވެހި ދަޢުލަތުގެ ފަރާތުން ސޮއިކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމްކަމަށްވާތީ، މިއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް އިލްޔާސް ހުސައިން އިބްރާހީމް ކޮށްފައިވާ ޢަމަލެއްކަމަށް ފާހަގަކުރެވިފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމްޕްރޮޖެކްޓްގައި ނެކްސްބިޒް ލިމިޓެޑުން ހުށަހަޅާފައިވާ ޕްރޮޕޯސަލާއެކު ހުށަހަޅާފައިވާ “ލެޓަރ އޮފް ޓެކްނިކަލް ބިޑް” ގެ (C) ގައި އެފަރާތުން ހުށަހަޅާފައިވާ ޓެކްނިކަލް ބިޑާއި،ފައިނޭންޝަލް ބިޑްގެ ޞައްހަކަން، ބިޑްކުރުމާއި ބެހޭ ލިޔެކިޔުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދެމިއޮންނާނީ، ބިޑްތައް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 90 ދުވަސްވާންދެން ކަމަށާއި، އެމުއްދަތު ހަމަވުމުގެ ކުރިން، ކޮންމެ ވަގުތަކުވެސް ބިޑް ޤަބޫލުކުރެވިދާނޭ ކަމަށާއި، ބިޑް ހުށަހެޅިފަރާތުގެ މައްޗަށް ބިޑްގައި ބަޔާންކޮށްފައިވާ ކަންތައްތައް ލާޒިމުވާނީ އެމުއްދަތުގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ބިޑް ހުށަހަޅަން ކަނޑައަޅާފައިވާ ތާރީޚަކީ 30 މެއި 2010 ކަމަށްވާއިރު،އޭގެ 93 ދުވަސް ފަހުން “ޓެކްނިކަލް ބިޑް” އިވެލުއޭޝަނުގެ 60 މާރކްސްގެ ތެރެއިން 20 މާރކްސް ފުރިހަމަކޮށް، “ޕްރައިސް ބިޑް” އޭގެ 114 ދުވަސް ފަހުން ހުޅުވައި އިވަލުއޭޓް ކޮށްފައިވަނީމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލްގެ ބެލުމުގެ ދަށުން ކަމަށްވެފައި، މި ޕްރޮޖެކްޓްގެ އާރު.އެފް.ޕީގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ނެކްސްބިޒް ލިމިޓެޑްގެ ޕްރޮޕޯސަލް (ހުށަހެޅުން) ބާޠިލް ވެފައިވާއިރު، އެ ޕްރޮޕޯސަލް އިވެލުއޭޓްކޮށްފައިވާތީ، މިއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލް ކޮށްފައިވާ ޢަމަލެއްކަން ފާހަގަކުރެވިފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމުކުރުމުގެ ޕްރޮޖެކްޓުގެ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރު.އެފް.ޕީ)ގެ 2.1.5 ގައި، ބިޑް ހުށަހަޅާ ފަރާތުން ބިޑްގައި ސޮއިކުރާ ފަރާތަށް ދީފައިވާ ޕަވަރ އޮފް އެޓަރނީ އެއް ހުށަހަޅަންވާނެކަމަށާއި، ބިޑް ހުށަހަޅަނީ ކޮންސޯޓިއަމް އަކުން ކަމުގައިވާނަމަ، އެކޮންސޯޓިއަމްގެ އެހެން ބައިވެރިންގެ ފަރާތުން ބިޑްހުށަހަޅާ މެމްބަރަށް (ލީޑް މެމްބަރަށް) ދީފައިވާ ޕަވަރ އޮފް އެޓަރނީއެއް ހުށަހަޅަންވާނޭކަމަށް ބަޔާންކޮށްފައިވީ ނަމަވެސްނެކްސްބިޒް ލިމިޓެޑްގެ ޕްރޮޕޯސަލްއާއެކު ހުށަހަޅާފާ ޕަވަރ އޮފް އެޓާރނީއަކީ ހަމައެކަނި އެކުންފުނީގެ ސޭލްސް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރަށް ނެކްސްބިޒް ލިމިޓެޑްއިން ދީފައިވާ ޕަވަރ އޮފް އެޓަރނީއެއް ކަމަށްވެފައި، ކޮންސޯޓިއަމްގެ ލީޑް މެމްބަރުކަމަށް ނެކްސްބިޒް ލިމިޓެޑްގެ ޕްރޮފައިލްގެ 2.6 ގައި ބަޔާންކޮށްފައިވާ ފަރާތަށް ކޮންސޯޓިއަމްގެ އަނެއް ދެ މެމްބަރުންޑާރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމް ޖީ.އެމް.ބީ.އެޗް (ޖާރމަނީ) އާއި، އެޑަޕްޓިވް ރެކޮގްނިޝަން ހަންގޭރީ (ހަންގޭރީ) ތަމްޘީލުކުރުމަށް ދީފައިވާ ޕަވަރ އޮފް އެޓަރނީއެއް ނެތްއިރު،ނެކްސްބިޒް ލިމިޓެޑްގެ ޕްރޮޕޯސަލް ބަލައިގަނެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލްކަމަށްވާތީ، މިއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލް ކޮށްފައިވާ ޢަމަލެއްކަން ފާހަގަކުރެވިފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓްގެ ޓެކްނިކަލް އިވެލުއޭޝަން ހެދުމަށް ދެވަނަ ފަހަރު އެކުލަވާލި ޓީމުން (މިނިވަން ޓީމުން) އިވެލުއޭޓް ކޮށްފައިވަނީ ޕްރޮޖެކްޓްގެ އާރު.އެފް.ޕީ ގެ 3.1 ގައި ބަޔާންކޮށްފައިވާ ޓެކްނިކަލް އިވެލުއޭޝަންގެ މިންގަނޑުގައި ބަޔާންކޮށްފައިވާ 60 މާރކްސްގެ ތެރެއިން 3 ބަޔަށްވާ ޖުމްލަ 40 މާރކްސްކަން ޓެކްނިކަލް އިވެލުއޭޝަން ހެދި ޓީމުގެ ރިޕޯރޓުން އެނގޭތީއާއި، ބާކީ 20 މާރކްސް ގެބައި އިވެލުއޭޓްކޮށްފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލްގެ ބެލުމުގެ ދަށުން ކަމަށްވެފައި، މިނިވަން ޓީމުން ދީފައިވާ 40 މާރކްސްގެ އިތުރުން ބާކީވާ 20 މާރކްސް ދިނުމުގައި ބިޑާރސް ޕްރޮފައިލްއާއި، ރިފަރެންސް އެންޑް އެކްސްޕީރިއަންސް އާއި، ސަޕްލިމަންޓަލް އިންފޮމޭޝަންގެ ތިން ބަޔަށް މާރކްސްދީފައިވަނީ ނެކްސްބިޒް ކޮންސޯޓިއަމްއެއްގެ ގޮތުގައި ބަލައިގެންކަމަށްވާތީ، މި ޕްރޮޖެކްޓްގެ އާރު.އެފް.ޕީގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ނެކްސްބިޒް ލިމިޓެޑްގެ ޕްރޮޕޯސަލް (ހުށަހެޅުން) ބާޠިލް ވެފައިވާއިރު، އެ ޕްރޮޕޯސަލް ބަލައިގަނެ، އިވެލުއޭޓްކޮށްފައިވާތީ، މިއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލް ކޮށްފައިވާ ޢަމަލެއްކަން ފާހަގަކުރެވިފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓްގެ ޕްރައިސް ޕްރޮޕޯސަލްއަށް މާރކްސްދޭންވީ މިންގަނޑެއް އާރު.އެފް.ޕީ ގެ 6.16 ގައި ބަޔާންކޮށްފައިވަނިކޮށް އެ މިންގަނޑާއި ޚިލާފަށް އެނޫން އެހެންގޮތަކަށް މާރކްސް ދިނުމުގެ ސަބަބުން ފައިނޭންޝިއަލް އިވެލުއޭޝަންގެ ނަތީޖާއަށް ބަދަލު އައިސްފައިވާތީއާއި، އާރު.އެފް.ޕީ ގައި ބަޔާންކޮށްފައިވާ މިންގަނޑަށް މާރކްސް ދިންނަމަ މި ޕްރޮޖެކްޓް ލިބެންވާނީ މިހާރު ޕްރޮޖެކްޓް އެވޯޑްކޮށްފައިވާނެކްސްބިޒް ލިމިޓެޑަށް ނޫންކަން ތަހުޤީޤުން ބެލިބެލުމުން އެނގޭތީއާއި، އާރު.އެފް.ޕީ ގައި ޕްރައިސް ޕްރޮޕޯސަލްއަށް ކަނޑައެޅިފައިވާ 40 މާރކްސް 2 ބަޔަކަށް ބަހާލައިގެން އަގުތަކުގެ ބަޔަށް 30 މާރކްސް އަދި ރޯޔަލްޓީއަށް 10 މާރކްސްދޭންވާނެކަމަށާއި، ބިޑްތައް އިވެލުއޭޓްކުރުމުގައި އާރު.އެފް.ޕީ ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ބަދަލު ނުގެނެވޭނެ ކަމަށް އާރު.އެފް.ޕީގެ 2.30.1 ގައި ބަޔާންކޮށްފައިވީ ނަމަވެސް،ފައިނޭންޝަލް އިވެލުއޭޝަން ހެދުމަށް ކަނޑައެޅިފައިވާ ޖުމްލަ 40 މާރކްސް 4 ކެޓަގަރީއަށް އެއްވަރަކަށް، ބަޔަކަށް 10 މާރކްސް ލިބޭގޮތަށް، ބަހާލައިގެން މާރކްސް ދީފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލްކަމަށްވާތީ، މިއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލް ކޮށްފައިވާ ޢަމަލެއްކަން ފާހަގަކުރެވިފައިވެއެވެ.

އެހެންކަމުން، ޤާނޫނު ނަންބަރު 02/200 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުން) ގެ 12 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭރުހުރި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހީމް މ.ޖަވާހިރުވާދީ / މާލެ، (އައި.ޑީ. ކާރޑް ނަމްބަރ A032681) މައްޗަށް ދަޢުވާކުރުމަށާއި، ޤާނޫނު ނަންބަރު 02/200 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުން) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލް ހ.ރަންގަލި / މާލެ، (އައި.ޑީ. ކާރޑް ނަމްބަރ A012688) މައްޗަށް ދަޢުވާކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޤާނޫނު ނަމްބަރ 2008/13 (އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގެ ދަށުން ދަޢުވާކޮށްދިނުމަށް07 ޑިސެމްބަރ 2011 ގައި މިމައްސަލަ ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×