ލ.ގަމުގައި ހެދިކަމަށް ބުނާ އެކްސަސް ރޯޑް ވަރކްސްއާ ގުޅޭ 992,000.00 (ނުވަ ލައްކަ ނުވަދިހަ ދެހާސް) ޔޫ.އެސް.ޑޮލަރު ހޯދުމަށް އެމަސައްކަތްކުރި ފަރާތުން އެދިފައިވީނަމަވެސް، އެފައިސާއަކީ އެފަރާތަށް ދޭންޖެހޭ ފައިސާއެއްކަމަށް ނުވާތީ، އެފައިސާ އެފަރާތަށް ދޫނުކުރުމަށް އަންގައިފި

20 Dec 2011

ލ.ގަން އާރާސްތުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގައި އިމާރާތް ކުރެވުނު 240 ގެ ހެދުމުގެ ތެރޭގައި އެ ހިސާބަށް ދަތުރުކުރުމަށް އޮތް މަގާއި ގެތައް އިމާރާތް ކުރެވުނު ބިން އެމަސައްކަތް ކުރި ކުންފުނިން ހެދުމަށްފަހު އޭގެ އަގުގެ ގޮތުގައި 992,000.00 ޔޫ.އެސް.ޑޮލަރު ހޯދުމަށް މަސައްކަތްކުރާއިރު، އެގެތައް ހެދުމަށް ކުރެވުނު އެއްބަސްވުމުގައި މަގު ހެދުން ނޯންނަކަމަށާއި، އަދި އެގެތައް އަޅާ ބިން ސާފުކުރުމަކީވެސް އެކުންފުނިން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، ނަމަވެސް ސާރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަން ނުކުރުމުން އެކުންފުނިން އެކަން ކޮށްފައި އެއަށް އަގުނަގަން މަސައްކަތްކުރާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން، އެމައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކުރި ކުރުމުގައި ތިރީގައި މިދަންނަވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

1. މަދަނީ ކޯޓުގެ ޤަޟިއްޔާ ނަންބަރު: 310/MC/2007 ގެ ޙުކުމުގައި، 20 ނޮވެމްބަރ 2005 ގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި އެމަސައްކަތް ކުރި ފަރާތާއި ދެމެދު ކުރެވުނު އެއްބަސްވުމާ އެމަސައްކަތް ކުރި ފަރާތުން ޚިލާފުވެފައިވާތީ އެއެގްރީމެންޓް ބާޠިލް ކުރަންޖެހުމުގެ ސަބަބުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ލިބުނު ގެއްލުމުގެ ބަދަލަށް އެއެއްބަސްވުމުގެ އެކިއެކި މާއްދާތަކުން ޖުމްލަ US$2,291,670.00 (ދެމިލިއަން ދެލައްކަ ނުވަދިހަ އެއްހާސް ހަސަތޭކަ ހަތްދިހަ ޔޫ.އެސް.ޑޮލަރ) މަސައްކަތް ކުރި ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ދައްކަންޖެހޭކަމަށް ކަނަޑައަޅާފައިވާތީއާއި މިޤަޟިއްޔާއަށް މަދަނީ ކޯޓުން 08 ނޮވެމްބަރ 2007 ގައި ކޮށްފައިވާ ހުކުމް މަސައްކަތް ކުރި ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވީނަމަވެސް، މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެއްގައި މަތީމަރުހަލާގެ ކޯޓަކުން ދަށު މަރުހަލާގެ ކޯޓެއްގެ ހުކުމަކާމެދު ވަކި ގޮތެއް ނުނިންމާހާ ހިނދަކު ދަށު ކޯޓުގެ ހުކުމަށް ޢަމަލުކުރަންޖެހޭނެތީ މިއެއްބަސްވުމުގެ ދަށުން ދައުލަތުން (އެން.ޑީ.އެމް.ސީ އިން) މަސައްކަތް ކުރި ފަރާތަށް އެއްވެސް ފައިސާއެއް ދޭންޖެހޭނޭ އެއްވެސް ސަބަބެއް ނެތްކަން.

2. ކޮންޓްރެކްޓް ވޭރިއޭޝަންގެ ގޮތުގައި އެކްސަސް ރޯޑު ވާރކްސްއާ ގުޅޭ ފައިސާ ހޯދުމާ ބެހޭގޮތުން އެމަސައްކަތްކުރި ކުންފުނީގެ ފަރާތުން ހައުސިންގ އިންފްރާސްޓްރަކްޗަރ ރިޑިވެލޮޕްމެންޓް ޔުނިޓް (ހިރު) އަށް ހުށަހަޅައި، އެތައް ފަހަރެއްގެ މަތިން މިކަމާމެދު މަޝްވަރާކޮށްފައިވާކަން ލިޔުންތަކުން އެނގެއެވެ. ނަމަވެސް ހައުސިންގ އިންފްރާސްޓްރަކްޗަރ ރިޑިވެލޮޕްމެންޓް ޔުނިޓް (ހިރު) ގެ ފަރާތުންވެސް އަދި ފްރެންޗް ރެޑް ކްރޮސް (އެފް.އާރު.ސީ)ގެ ފަރާތުންވެސް މިމަސައްކަތް ވޭރިއޭޝަންގެ ގޮތުގައި ގަބޫލުކޮށްފައިވާކަން އެނގޭނޭ އެއްވެސް ލިޔުމެއް ފެންނަން ނެތްކަން.
3. މިޕްރޮޖެކްޓް ކޮންސަލްޓަންޓްގެ ފަރާތުން އެމަސައްކަތް ކުރި ކުންފުންޏަށް 01 އޮކްޓޯބަރ 2006 ތާރީޚުގައި ފޮނުވާފައިވާ ސިޓީގައި އެކްސެސް ރޯޑު ވާރކްސް ކްލެއިމް ކޮންސިޑަރކުރުމަށް އެފް.އާރު.ސީ.އިން ނިންމާފައިވާކަމަށް ބުނެފައިވީނަމަވެސް މަގުހެދުމުގެ މަސައްކަތަށް ހުށަހަޅާފައިވާ ހުށަހެޅުން ޤަބޫލުކުރެވެން ނެތްކަމަށް އެފް.އާރު.ސީ.ގެ ފަރާތުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓްއަށް 14 ނޮވެމްބަރ 2006 ދުވަހު ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވުމާއި، އެމަސައްކަތް ކުރި ކުންފުނިން ހުށަހަޅާފައިވާ ވޭރިއޭޝަން ކްލެއިމްތަކާ ބެހޭގޮތުން ވަރަށްގިނަ ބައްދަލުވުންތަކުގައި މަޝްވަރާކުރެވިފައިވާކަމަށާއި މިކަންތައްތައް ތަކުރާރުކޮށް ހުށަހެޅުމުގެ އިތުރަށް މިއަދާހަމައަށްވެސް މިކަންތައްތައް ލިޔުމުން ޖަސްޓިފައިކޮށްދެވިފައިނުވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެން.ޑީ.އެމް.ސީ)ގެ ފަރާތުން އެމަސައްކަތް ކުރި ކުންފުންޏަށް 14 ޑިސެމްބަރ 2006 ތާރީޚުގައި ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވުމާއި، ވޭރިއޭޝަންގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމާ ބެހޭގޮތުން ތަކުކާރުކޮށް ހުށަހަޅާފައިވީނަމަވެސް އެއްވެސް ސަޕޯޓިންގ ޑޮކިއުމެންޓެއް، ރިޕޯޓް ހެދި ދުވަހާހަމައަށް ހުށަހަޅާފައިނުވާކަމަށާއި އެމްޕްލޮޔަރގެ ފަރާތުންވެސް އަދި އެންޖިނިއަރގެ ފަރާތުންވެސް ޓެމްޕަރަރީ ރޯޑު ވާރކްސްގެ ގޮތުގައި ޕޭމެންޓެއް ދިނުމަށް އެއްބަސްވެފައިނުވާކަމަށް 15 ޑިސެމްބަރ 2006 އާ ހަމައަށް (އިންވޮއިސް ނަންބަރު 05ގެ ޕޭމެންޓެއް ދިނުމާ ހަމައަށް) ތައްޔާރުކޮށްފައިވާ ސަމަރީ އޮފް ފައިނޭންޝިއަލް ޕޭމެންޓްސް އެންޑް ލައިބިލިޓީސް ރިޕޯޓްގައި ބަޔާންކޮށްފައިވުމުން އެކްސެސް ރޯޑު ވާރކްސް ޕޭމެންޓަކީ އެމަސައްކަތް ކުރި ކުންފުންޏަށް ދޭންޖެހޭނެ ފައިސާއެއްނޫންކަމަށް ދަލީލުކޮށްދޭކަން.

4. އެން.ޑީ.އެމް.ސީ.ގެ ނަންބަރު 0167/2011/1014 ޕޭމަންޓު ވައުޗަރުން ފައިސާ ޚަރަދުކުރުމަށް އެދިފައިވާ އެމަސައްކަތް ކުރި ކުންފުނީގެ އިންވޮއިސްއާ ގުޅޭގޮތުން އެފް.އާރު.ސީ.ގެ ފަރާތުން މަޢުލޫމާތު ސާފުކުރުމަށް އެދުމުން، އެފް.އާރު.ސީ.ގެ ފަރާތުން މިކޮމިޝަނަށް މަޢުލޫމާތު ދީފައިވަނީ އެއިންވޮއިސްއަކީ ފައިސާ ދައްކަންޖެހޭނެ އިންވޮއިސްއެއް ނޫންކަމަށާއި އެއިންވޮއިސްއަކީ އެން.ޑީ.އެމް.ސީ.ގެ ފަރާތުންނާއި އެފް.އާރު.ސީ.ގެ ފަރާތުން ޤަބޫލުކޮށްފައިނުވާ އިންވޮއިސްއެއްކަން.

އެހެންކަމުން، މަތީގައި ދެންނެވިފައިވާ ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ނަންބަރު 0167/2011/1014 ޕޭމަންޓު ވައުޗަރުން ފައިސާ ޚަރަދުކުރުމަށް އެދިފައިވާ އެމަސައްކަތް ކުރި ކުންފުނީގެ އިންވޮއިސްގައިވާ 992,000.00 (ނުވަ ލައްކަ ނުވަދިހަ ދެހާސް) ޔޫ.އެސް.ޑޮލަރަކީ ދައުލަތުން އެމަސައްކަތް ކުރި ކުންފުންޏަށް ދޭންޖެހޭނެ ފައިސާއެއްނޫންކަމަށްވާތީ، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ނަންބަރު 0167/2011/1014 ޕޭމަންޓު ވައުޗަރުން އެދިފައިވާ ފައިސާ ދޫނުކުރުމަށް 19 ޑިސެމްބަރ 2011 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވާނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×