ހދ.ނައިވާދޫ ރައްޔިތުންގެ ޚަރަދުގައި 2009 ވަނަ އަހަރުގެ ތެރޭގައި އެރަށު އިންޖީނުގެއަށް ގެނައި 80 ކިލޯވޯޓުގެ ޖަނަރޭޓަރ ގެނައުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށްނާޖާޢިޒު ފައިދާއެއް ހޯދައިދީފައިވާކަމަށް ބެލެވޭ މައްސަލަ، ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

27 Dec 2011

ހދ.ނައިވާދޫ ރައްޔިތުންގެ ޚަރަދުގައި 2009 އޮކްޓޯބަރ މަހުގެ ތެރޭގައި، ހދ.ނައިވާދޫ އިންޖީނުގެއަށް ގެނައި 80 ކިލޯވޯޓްގެ ޖަނަރޭޓަރ ގެނައުމާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ތަޙުޤީޤުގައި، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 8 ވަނަ ބާބުގެ 8.01 ގެ (ހ) އާއި (ށ) އާއި 8.10 ގެ (ހ) އާއި 8.15 ގެ (ހ) އާއި 8.16 އާއި 8.18 އާއި 8.20 އާއި 8.22 ވަނަމާއްދާއާ ޚިލާފަށް ހދ.ނައިވާދޫގައި އޭރު ހުރި ކައުންސިލަރ ހދ.ނައިވާދޫ/ނަފާ، މުޙައްމަދު ޝަފީޤު އާދަމް ޢަމަލުކޮށްފައިވާކަމާއި، މިކަމުން މުޙައްމަދު ޝަފީޤު އާދަމް ނާޖާއިޒުގޮތުގައި 14,750.00ރ. (ސާދަހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ)ގެ ފައިދާއެއް ހޯދައިފައިވާކަން އެނގިފައިވެއެވެ. ހަމައެހެންމެ މިޖަނަރޭޓަރ ގަތުމުގެ ސަބަބުން ނައިވާދޫ ރައްޔިތުންނަށް 20,336.95ރ. (ވިހިހާސް ތިންސަތޭކަ ތިރީސް ހަރުފިޔާ ނުވަދިހަ ފަސްލާރި) ގެއްލުންވެފައިވާކަމާއި، އަދި ޖަނަރޭޓަރ އިންސްޓޯލް ކުރުމަށްޓަކައި ޖަނަރޭޓަރ ވިއްކި ކުންފުންޏާ ގުޅައިގެން ހދ.ނައިވާދޫ ކައުންސިލަރަކަށް އޭރު ހުރި ހދ.ނައިވާދޫ/ނަފާ، މުޙައްމަދު ޝަފީޤު އާދަމް، އޭނާގެ ޢާއިލާގެ ފަރާތެއް ލައްވައި ޖަނަރޭޓަރ އިންސްޓޯލް ކުރުވައި، އެފަރާތަށް ފައިދާ ހޯދައިދީފައި ވާކަންވެސް އެނގެއެވެ.

އެހެންކަމުން މިމައްސަލައިގައި ހދ.ނައިވާދޫގެ ކުރީގެ ކައުންސިލަރ ހދ.ނައިވާދޫ، ނަފާ މުޙައްމަދު ޝަފީޤު އާދަމްގެ މައްޗަށް ޤާނޫނު ނަންބަރ: 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ދަޢުވާ ކުރުމަށާއި، މިމައްސަލައިގައި މުޙައްމަދު ޝަފީޤު އާދަމް ޢަމަލުކުރިގޮތުން ހދ.ނައިވާދޫ ރައްޔިތުންގެ އަތުން ގެއްލިގެންދިޔަ 20,336.95ރ. (ވިހިހާސް ތިންސަތޭކަ ތިރީސް ހަރުފިޔާ ނުވަދިހަ ފަސްލާރި) މުޙައްމަދު ޝަފީޤު އާދަމްގެ އަތުން ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި 26 ޑިސެމްބަރ 2011 ގައި މިމައްސަލަ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×