މ.ވޭވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެމަސައްކަތް ޙަވާލުކޮށްފައިވަނީ އެންމެ މަދުން ޕޮއިންޓް ލިބުނު ފަރާތާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤް ކުރިއިރު މެދު ޕްރޮވިންސް އޮފީހުގެ ބެލުމުގެ ދަށުގައިވާ ސަރުކާރުގެ އޮފީސްތަކުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް، މެދު ޕްރޮވިންސް އޮފީހުގެ ނަންބަރ A-208/2009/07 (06 ޑިސެމްބަރ 2010) އިޢުލާނުން ހުޅުވާލުމާއި ގުޅިގެން މ.ވޭވަށު ސެކިއުރިޓީ ބެލެހެއްޓުމަށް 6 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، އެމަސައްކަތް ޙަވާލުކުރުމަށް އަތޮޅު އޮފީހުން ނިންމާފައިވަނީ އިވެލުއޭޝަންގައި އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތަށްކަމަށް ނުވާތީއާއި، ވޮޗަރުން އައުޓް ސޯސްކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގައިޑްލައިން މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ނަންބަރު (M)C-2009/1446 (17 ޑިސެމްބަރ 2009) ފެކްސް މެސެޖުން އަތޮޅު އޮފީސްތަކަށް އަންގާފައިވާތީއާއި، މ.ވޭވަށު އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާއި ޙަވާލުކުރުމަށް ނިންމާފައިވާ ނިންމުމަކީ އަތޮޅު އޮފީހުގެ ނިންމުމެއްކަމަށް މ.އަތޮޅު އޮފީހުގެ ކުރީގެ ކައުންސިލްރ މުޙައްމަދު ޢާދިލް ބުނެފައިވާތީ، އެމަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވެއެވެ.
އެހެންކަމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ: 2000/2) ގެ 12 ވަނަމާއްދާގެ (ހ) ގައި ބުނާފަދައިން މ.އަތޮޅު އޮފީހުގެ ކުރީގެ ކައުންސިލްރ މ.މުލައް ރޯޝަނީގެ މުޙައްމަދު ޢާދިލް، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް މަސައްކަތްކޮށްފައިވާތީ، މުޙައްމަދު ޢާދިލްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ: 2000/2) ގެ 12 ވަނަމާއްދާގެ (ހ) ގެ ދަށުން ދަޢުވާކޮށްދެއްވުމަށް އެދި 26 ޑިސެމްބަރ 2011 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.