މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފަކު ޤާނޫނީ ދާއިރާއިން ޑިގްރީ ކޯހެއް ހެދުމަށް ފޮނުވުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިމުވައްޒަފަކު ފޮނުވާފައިވާކަމަށް ބެލެވޭ މައްސަލަ، ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

04 Jan 2012

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެކުންފުނީގައި މަސައްކަތްކުރާތާ އަހަރު ހަމަނުވާ އިދާރީ މުވައްޒަފަކު ޤާނޫނީ ވަކީލުކަމުގެ ޑިގްރީ ކޯހެއްގައި މެލޭޝިޔާއަށް ފޮނުވާފައިވާކަމަށާއި، އެކޯހަކީ 2009 ވަނަ އަހަރުގެ ކުންފުނީގެ ބަޖެޓުގައި ކަނޑައަޅާފައިނުވާ ކޯހެއްކަމަށާއި، އެ މުވައްޒަފު ކޯހަށް ފޮނުވި ފޮނުވުމުގައި ކޯހަށްއެދި ކުރިމަތިލާން ބޭނުންވާ އެހެން މުވައްޒަފުންނަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެގޮތަށް އިޢުލާނުކޮށްފައި ނުވާކަމަށާއި، އިސްވެދެންނެވި މުވައްޒަފު ކޯހަށް ފޮނުވާފައިވަނީ ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު މަޙްދީ އިމާދު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށްބުނެ މިކޮމިޝަނަށް ހުށަހެޅި މައްސަލަ މި ކޮމިޝަނުން ބެލިބެލުމުން، މަޙްދީ ޢިމާދު އޭނާގެ މަޤާމު ބޭނުންކޮށްގެން ނުވަތަ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވަކި މުވައްޒަފަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދީފައިވާކަމަށް މިކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

އެހެންކަމުން، މަޙްދީ އިމާދުގެ މި ޢަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނޫ ނަންބަރު 2000/2) ގެ 12 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށަކަށްވާތީ، މިމައްސަލަ ޝަރީޢަތަށް ހުށަހަޅުއްވައި ދެއްވުމަށްއެދި 28 ޑިސެމްބަރ 2011 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×