މިނިސްޓްރީ އޮފް ހޯމް އެފެއާޒް މިހާރު ހިނގަމުންދާ ވެލާނާގެ އޮފީސް ބިލްޑިންގުގެ 10 ވަނަ ފަންގިފިލާގައި، ރެޑީމޭޑް ޕާރޓްޝަން ޖެހުމާބެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް އިވަލުއޭޓް ކުރުމުގައި އެމިނިސްޓްރީގެ ބިޑް އިވަލުއޭޝަން ކޮމެޓީގެ މެމްބަރުން ކޮރަޕްޝަނަށް މަގު ފަހިވާފަދަ ގޮތަކަށް ޢަމަލްކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ ތަޙްޤީޤުކުރި އިރު، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ބިޑް އިވަލުއޭޝަން ކޮމެޓީން، ބިޑްތަކަށް މާކްސް ދިނުމަށް ކަނޑައެޅިފައިވާ ބައިތަކުގެ ތެރެއިން ތަޖުރިބާއަށް މާކްސް ދިނުމުގައި ޢަމަލްކޮށްފައިވަނީ މަޢުލޫމާތު ކަރުދާހާއި އަދި ބިޑް އިވަލުއޭޝަން ކޮމެޓީގެ ބައްދަލުވުމުގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށްކަމަށާއި އަދި ބިޑް އިވަލުއޭޝަން ކޮމެޓީން ވަކިފަރާތަކަށް ބިޑް އެވޯޑް ކުރުމަށް މަސައްކަތްކޮށްފައިވާކަން މިމައްސަލައިގެ ތަޙްޤީގުންވަނީ އެނގިފައެވެ.
އެހެންކަމުން، މިކަމުގައި ޤާނޫނު ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މަޤާމުގެ ނުފޫޒުން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ކުށާއި އަދި މިޤާނުގެ 13 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ސަރުކާރުގެ އެއްވެސް މުވައްޒަފަކު، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް އެއްވެސް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަކަށް، ނުވަތަ ލިބެންއޮތް ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭގޮތަކަށް ކުރުމުގެ ކުށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ އިވަލުއޭޝަން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މައިމޫނާ އަޙްމަދު (ހ.މަހާސާ/މާލެ) އާއި، ޙާމިދު ޔޫސުފް (ޒިލީތަން/ރ.ހުޅުދުއްފާރު) އާއި، އަޙްމަދު ޝަރީފް ނަފީސް (ދަފްތަރު 1119) އާއި، އިސްޙާޤު އަޙްމަދު (ގ.ޗެރީ/މާލެ) އާއި، މުޙައްމަދު މާހިރު ޢީސާ (ހިޔާވަހި/ޅ.ހިންނަވަރު) އާއި، ހުސައިން ރަޝީދު ޔޫސުފް (ދަފްތަރު 2065) އަދި މުޙައްމަދު އާދަމް (މއ.މާނިކަ/މާލެ) ގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ: 2000/2) ގެ 12 ވަނަމާއްދާގެ (ހ) އަދި 13 ވަނަމާއްދާގެ (ހ) ގެ ދަށުން ދަޢުވާކޮށްދެއްވުމަށް 03 ޖެނުއަރީ 2012 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.