ސުނާމީ ކާރިޘާއަށްފަހު ލ.ގަމު އާރާސްތު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލ.ގަމުގައި 240 ގެ ހެދުމުގެ މަސައްކަތާ ގުޅޭގޮތުން ހުށަހަޅާފައިވާ އިންވޮއިސްތަކަކަށް ދޭންނުޖެހޭ ފައިސާތަކެއް ދިނުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށް ބެލެވޭ މައްސަލަ، ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

12 Mar 2012

ސުނާމީ ކާރިޘާއަށްފަހު ލ.ގަމު އާރާސްތު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލ.ގަމުގައި 240 ގެ ހެދުމުގެ މަސައްކަތާ ގުޅޭގޮތުން އެމަސައްކަތް ޙަވާލުކުރި ފަރާތުން ހުށަހަޅާފައިވާ ދެއިންވޮއިސް އަކަށް ދޭންނުޖެހޭ 18,757,659.00 (އަށާރަމިލިއަން ހަތްސަތޭކަ ފަންސާސް ހަތްހާސް ހަސަތޭކަ ފަންސާސް ނުވައެއް) ރުފިޔާ ދީފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުން ތަޙުޤީޤުކުރިއިރު، މަސައްކަތް ޙަވާލުކުރި ފަރާތުން ހުށަހަޅާފައިވާ ނަންބަރު 06 (14.03.2007) އިންވޮއިސްއަކީ ޞައްޙަ އިންވޮއިސްއެއްނޫންކަން ތަޙްޤީޤުން ޔަޤީންކުރެވޭތީއާއި ނަންބަރު 2007/212 އިންވޮއިސްގައިވާ ޢަދަދަކީ ރިޓެންޝަން ކްލެއިމްގޮތުގައި ހޯދުމަށް ހުށަހެޅިދާނެ ޢަދަދެއްކަމުގައި ނުބެލެވޭތީ، މި ދެއިންވޮއިސްގައިވާ ފައިސާ އަކީ މަސައްކަތް ޙަވާލުކުރި ފަރާތަށް ދައްކައިގެންވާނެ ފައިސާއެއް ނޫންކަން ތަޙްޤީޤުން ދަލީލުކޮށްދެއެވެ. އަދި މަސައްކަތް ޙަވާލުކުރި ފަރާތުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް ޖުމްލަ 2,291,670.00 (ދެމިލިއަން ދުއިސައްތަ ނުވަދިހަ އެއްހާސް ހަސަތޭކަ ހަތްދިހަ) ޔޫއެސްޑޮލަރު މަސައްކަތް ޙަވާލުކުރި ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް ދައްކަންޖެހޭނެކަމަށް ކަނޑައަޅައި މަދަނީ ކޯޓުގެ ނަންބަރު 310/MC/2007 ޤަޟިއްޔާއިން ނިންމުމުން މަސައްކަތް ޙަވާލުކުރި ފަރާތުން މިމައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވުމުން ހައިކޯޓަށް އިސްތިޢުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނުނިމެނީސް މަސައްކަތް ޙަވާލުކުރި ފަރާތުން ކޮށްފައިވާ އެއްވެސް މަސައްކަތަކަށް ނުވަތަ އެފަރާތަށް އެއްވެސް ފައިސާއެއް ދިނުމަކީ ކުރެވިދާނެކަމެއްކަމަކަށް ނުބެލެވެއެވެ. މީގެ އިތުރުން އެއިންވޮއިސްގައިވާ އިންވޮއިސްގައިވާ ފައިސާގެ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ނޫންކަމާއި، އިންވޮއިސްގައި ހިމަނާފައިވަނީ ރިޓެންޝަން ކްލެއިމްގެ ގޮތުގައި ކަނޑާފައިވާ އަދަދު ނޫންކަމަށް ވުމާއެކު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރގެ ނަންބަރު 0107/2011/1014 ޕޭމަންޓު ވައުޗަރުން ޚަރަދުކޮށް މަސައްކަތް ޙަވާލުކުރި ފަރާތަށް ދީފައިވާ 18,757,659.00 (އަށާރަ މިލިއަން ހަތްސަތޭކަ ފަންސާސް ހަތްހާސް ހަސަތޭކަ ފަންސާސް ނުވައެއް) ރުފިޔާއަކީ އެފަރާތަށް ދޭންޖެހޭ ފައިސާއަކަށް ނުވާއިރު އެފައިސާ ދޫކޮށްފައިވަނީ އެފަރާތަށް ފައިދާއެއް ހޯދައި ދިނުމުގެގޮތުންކަމުގައި މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. ޕޭމަންޓް ވައުޗަރުގައި މިފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވާ އެއްފަރާތަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރގެ ޑެޕިޔުޓީ މިނިސްޓަރ އަޙުމަދު ޒަކީއެވެ. އަދި މިފައިސާ ހޯދައިދިނުމަށް ޢަމަލީގޮތުން އިސްކޮށް މަސައްކަތްކޮށްފައިވަނީ އަޙުމަދު ޒަކީކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން މަސައްކަތް ޙަވާލުކުރި ފަރާތަށް ދީފައިވާ 18,757,659.00 (އަށާރަ މިލިއަން ހަތްސަތޭކަ ފަންސާސް ހަތްހާސް ހަސަތޭކަ ފަންސާސް ނުވައެއް) ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ފައިސާ ޚަރަދު ކުރުމަށް ހުއްދަ ދީފައިވާ އެއްފަރާތަކީ އެން.ޑީ.އެމް.ސީ.ގެ ޑެޕިޔުޓީ މިނިސްޓަރ އާދަމް ސަޢީދެވެ.
އެން.ޑީ.އެމް.ސީ.އިން މިނިސްޓްރީ އޮފް ފިނޭންސްގެ ކިބައިން ފައިސާ ހޯދުމަށް އެދިފައިވަނީ މަސައްކަތް ޙަވާލުކުރި ފަރާތުން 2007 ވަނަ އަހަރު ހުށަހެޅިކަމަށް ބުނާ އިންވޮއިސްތަކަކަށް ކަމަށްވެފައި، އެއިންވޮއިސްތަކަށް ދައްކާނެ ފައިސާ 2011 ވަނަ އަހަރަށް ބަޖެޓް ކޮށްފައިނުވާއިރު، ފައިސާ ހޯދުމަށް އެން.ޑީ.އެމް.ސީ. އިން ހުށަހަޅާފައިވާ އިންވޮއިސްތަކަކީ ޞައްޙަ އިންވޮއިސްތަކެއްތޯ ބަލާލުމެއްނެތި މިނިސްޓްރީ އޮފް ފިނޭންސުން އެއިންވޮއިސްތަކަށްވާ ފައިސާ ހަމަޖައްސާދީފައިވުމަކީ މަސައްކަތް ޙަވާލުކުރި ފަރާތަށް ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ ޢަމަލެއްކަމުގައި ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. މިފައިސާގެ ބަޖެޓް އެލޮކޭޝަން ހަދައި ބަޖެޓް ކޮންޓްރޯލް އެޕްރޫވް ކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޢާރިފް އެވެ.
އެހެންކަމުން، ޤާނޫނު ނަންބަރު 02/200 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުން) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އެން.ޑީ.އެމް.ސީ.ގެ ޑެޕިޔުޓީ މިނިސްޓަރ އަޙުމަދު ޒަކީ އާއި ، އެން.ޑީ.އެމް.ސީ.ގެ ޑެޕިޔުޓީ މިނިސްޓަރ އާދަމް ސައީދު އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑު ޓްރެޜަރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަލީ އާރިފްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާޢިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާކުރުމަށާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރގެ ނަންބަރު 0107/2011/1014 ޕޭމަންޓު ވައުޗަރުން ޚަރަދުކޮށް މަސައްކަތް ޙަވާލުކުރި ފަރާތަށް ދީފައިވާ 18,757,659.00 (އަށާރަ މިލިއަން ހަތްސަތޭކަ ފަންސާސް ހަތްހާސް ހަސަތޭކަ ފަންސާސް ނުވައެއް) ރުފިޔާއަކީ ދައުލަތުން ދައްކަންޖެހޭ ފައިސާއަކަށްނުވާއިރު، އެފައިސާ ދޫކުރުމުގެ ސަބަބުން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18,757,659.00 (އަށާރަ މިލިއަން ހަތްސަތޭކަ ފަންސާސް ހަތްހާސް ހަސަތޭކަ ފަންސާސް ނުވައެއް) ރުފިޔާ، އެފައިސާ ދޫކުރުމަށް ހުއްދަދިން އަޙުމަދު ޒަކީއާއި އާދަމް ސަޢީދުގެ އަތުން ހޯދުމަށް ދަޢުވާކުރުމަށް 08 މާރޗް 2012 ވަނަ ދުވަހު މިމައްސަލަ ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×