ޑްރަގް ކޯޓުގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް ހޮނިހިރު ދުވަހު (06 ފެބުރުވަރީ 2016) ބާއްވައިފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނާ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ގުޅިގެން ބޭއްވުނު މިވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ދެސެޝަނަކަށް ބަހައިލެވިގެންނެވެ. މި ވޯކްޝޮޕްގައި ޑްރަގް ކޯޓުގެ 19 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ވޯކްޝޮޕްގައި ނަޒާހަތްތެރިކަމާއި، ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި، އަދި ޢާއްމުންނަށް ޚިދުމަތް ދިނުމުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތު ބައިވެރިންނަށް ވަނީ ފޯރުކޮށްދެވިފައެވެ. އަދި މާލިއްޔަތު ޤަވާޢިދުގެ ތެރެއިން ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ހިފަހައްޓަންޖެހޭ މައިގަނޑު އަސާސްތަކާއި ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ޕްރޮކިޔުމަންޓްގެ މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތުވެސް ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ ދެވިފައެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް ވޯކްޝޮޕް ފުރިހަމަ ކުރި ކަމުގެ ހަނދާނީ ލިއުންވަނީ ދެވިފައެވެ. ހަނދާނީ ލިޔުން ބައިވެރިންނާ ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ނާއިބުރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެތަންތަނުގެ މުވައްޒަފުންނަށް މިފަދަ ވޯކްޝޮޕްތައް ހިންގަވަން ބޭނުންފުޅުވާ އިދާރާތަކަށް އޭސީސީގެ ފަރާތުން މި ފަދަ ވޯކްޝޮޕްތައްދަނީ އިންތިޒާމްކޮށްދެމުންނެވެ.