ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ނަންބަރ 38/2009/ހ-149 (10 ޑިސެމްބަރ 2009) އިޢުލާނާ ގުޅިގެން މިއުޒިއަމް ޕްލޭނަރގެ މަސައްކަތަށާއި އައި.ސީ.ޓީ ކޮންސަލްޓެންޓެއްގެ މަސައްކަތައް ބިޑްހުށަހެޅި ފަރާތްތަކުގެ ބިޑްތައް އިވެލުއޭޓްކުރި ކޮމިޓީން، އެންމެ ދަށްއަގު ހުށަހެޅި ފަރާތާ އެމަސައްކަތް ޙަވާލު ކުރުމަށް ނިންމާފައިވަނިކޮށް، މާލިއްޔަތު ޤަވާޢިދުގެ 8.20 ގައިވާ ގޮތާ ޚިލާފަށް އަދި އެންމެ ބޮޑު ހުށަހެޅި ފަރާތަށްއެމަސައްކަތް ދިނުމަށް ނިންމައި، އިވެލުއޭޝަން ޝީޓުގެ ކަނުގައި ލިޔެ ސޮއިކޮށް އެކަމަށް އެއްބަސްވާތީއާއި، އެކަމާ ގުޅިގެން ރައީސް އޮފީހުގެ ލަފައަކަށް އެދި ސިޓީއެއް ފޮނުވިކަމަށް އެމަރުކަޒުގެ އޭރުގެ ރައީސް އަޙަމްދު ނަޞީރު ބުނާއިރު އިވެލުއޭޝަން ކޮމިޓީން ނިންމި ގޮތެއް އަދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް މާރކްސް ލިބިފައިވާ ގޮތެއް ބަޔާންކޮށްފައި ނުވާތީއާއި، އަދި އެމަސައްކަތް އިވެލުއޭޝަން ކޮމިޓީގެ ނިންމުމާ ޚިލާފަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް ދިނުމަށް ފެންނަކަމަށް ބުނެ، އެކަމަށް ބޭނުންވާ ފައިސާ ލިބޭނެގޮތް ހަދައި ދިނުމަށް އެދިފައިވާތީއާއި، އެންމެ ބޮޑު އަގު ހުށަހެޅި ފަރާތާ އަޙްމަދު ނަޞީރާ ގާތްގުޅުމެއް އޮންނަކަން ހެކިންގެ ހެކިބަހުން އެނގޭތީ މިކަމަކީ އަޙްމަދު ނަޞީރު ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.
އެހެންކަމުން، އަޙްމަދު ނަޞީރު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ފައިދާއެއް ހޯދާދިނުމަށް މަސައްކަތްކޮށްފައިވާތީ، އަޙްމަދު ނަޞީރުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ: 2000/2) ގެ 23 ވަނަމާއްދާގެ ދަށުން ދަޢުވާކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން މިއުޒިއަމް ޕްލޭނަރގެ މަސައްކަތަށާއި އައި.ސީ.ޓީ ކޮންސަލްޓެންޓެއްގެ މަސައްކަތަށް ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު، އެކަން ހިނގާފައިވަނީ މާލިއްޔަތު ޤަވާޢިދުގެ 8.20 އާ ޚިލާފަށް ކަމަށްވާތީ، މާލިއްޔަތު ޤަވާޢިދުގެ 8.20 ގައިވާ ގޮތަށް ޢަމަލު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒަށް އަންގާފައިވަނިކޮށް، އެއެންގުމާ ޚިލާފަށް އެމަރުކަޒުގެ އޭރުގެ ރައީސް އަޙްމަދު ނަޞީރު، މިއުޒިއަމް ޕްލޭނަރެއްގެ މަސައްކަތަށާއި، އައި.ސީ.ޓީ ކޮންސަލްޓެންޓެއްގެ މަސައްކަތަށް ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި، އެއާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބާޠިލްކޮށް، އޭގެ ފަހުން މިއުޒިއަމް ޕްލޭނަރެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާންކޮށްފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/23) ގެ27 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށްވާތީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބުނާކުށް އަޙްމަދު ނަޞީރުގެ މައްޗަށް ސާބިތުވެއެވެ. އެހެން ކަމުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ)ގެ ދަށުންވެސް މއ.އެއިމޭ އަޙްމަދު ނަޞީރުގެ މައްޗަށް ދަޢުވާކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.