މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ބެލެވޭ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

15 Apr 2012

ޑިފެންސް މިނިސްޓްރީގެ ބަޖެޓްގައި އުޅުނު މ.ހިޔާވަހިގެ ޙަސަން އަޙްމަދު ދައުލަތުގެ ފައިސާއަށް ޙިޔާނަތްތެރިވެފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މުވައްޒަފެއްގެ ޢާއިލާގެ މެމްބަރަކު ބަލިވެގެން ޑިފެންސް މިނިސްޓްރީން އެހީގެ ގޮތުގައި ދިން 2 ޓިކެޓަށްވާ 10,434.20 ރުފިޔާ އެމުވައްޒަފުގެ ނަމުގައި ނަގައި ފައިސާ ޙަވާލުކުރާ ފޮތުގައި ސޮއިކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މިމައްސަލަ މިކޮމިޝަނުން އިތުރަށް ތަޙުޤީޤުކުރި ކުރުމުގައި 01 ޖެނުއަރީ 2000 ން ފެށިގެން 31 މާޗް 2002 ގެ ނިޔަލަށް ބެލިއިރު، ޑިފެންސް މިނިސްޓްރީން ޓިކެޓް ދީފައިވާ 6 މީހަކަށް ޓިކެޓްގެ ފައިސާ ދިނުމުގެ ނަމުގައި މާލެ/ޓްރިވެންޑްރަމް/މެޑްރާސް/ޓްރިވެންޑްރަމް/މާލެ އަށް، އަދި 4 މީހެއްގެ ނަމުގައި މާލެ/ޓްރިވެންޑްރަމް/ބެންގަލޫރް/ޓްރިވެންޑްރަމް/މާލެ އަށް، ޖުމްލަ 10 މީހުންގެ ނަމުގައި 90,987.94 ރުފިޔާ (ނުވަދިހަހާސް ނުވަސަތޭކަ އަށްޑިހަހަތްރުފިޔާ ނުވަދިހަހަތަރުލާރި) ބަޖެޓުން ނަގާފައިވާކަން ފާހަގަކުރެވިފައިވެއެވެ. އެފައިސާ ވާނީ އެފަރާތްތަކާ ޙަވާލުކުރެވިފައިކަމަށް މިމައްސަލައިގައި ތުހުމަތުކުރެވޭ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން އަޙްމަދު (މ.ހިޔާވަހިގެ، މާލެ) ބުނެފައިވެއެވެ. ނަމަވެސް، ޓިކެޓް ދީފައިވާ މީހަކަށް ޓިކެޓްގެ ފައިސާ ދޭގޮތަށް ހަމަޖެހިފައިނުވާކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ބުނެފައިވެއެވެ. އަދި، އެ 10 މީހުންނަށް ދިނުމަށް ހަމަޖެއްސި ޓިކެޓްތަކުގެ ތެރެއިން ބައެއް ޓިކެޓް ނުނަގާ ހުންނާނެކަމަށާއި ޓިކެޓްތަކުގެ ރިފަންޑްފައިސާ ހޯދައި އެފައިސާ ވާނީ ޖަމާކޮށްފައިކަމަށް ޙަސަން އަޙްމަދު ބުނެފައިވާއިރު، އެ 10 މީހުންނަށް ދިނުމަށް ނަގާފައިވާ ޓިކެޓްފައިސާގެ އިތުރަށް އެ 10 މީހުންނަށް ދިނުމަށް ހަމަޖައްސާފައިވާ ޓިކެޓް ގަތުމަށް ވަކިން ފައިސާ ނަގައި ޓިކެޓް ވިއްކި ފަރާތްތަކާ އެފައިސާ ޙަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގެން އޮވެއެވެ. އޭގެ ތެރެއިން އެއްވެސް ފައިސާއެއް ރިފަންޑްކޮށް އަނބުރާ ޖަމާކުރިކަން އެނގޭކަށް ނެތެވެ.
މިމައްސަލާގައި ޓިކެޓްގެ ފައިސާ ދިނުމަށް ނެގި 90,987.94 ރުފިޔާ (ނުވަދިހަހާސް ނުވަސަތޭކަ އަށްޑިހަހަތްރުފިޔާ ނުވަދިހަހަތަރުލާރި) ދެއްކުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ޙަސަން އަޙްމަދަށް އެންގުމުން އެފައިސާ އޭނާ ދައްކާފައިވެއެވެ. ނަމަވެސް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޚަރަދުގައި ބޭސްކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޓިކެޓް ދީފައިވާ ފަރާތްތަކަށް އެމިނިސްޓްރީން ޓިކެޓް ދީފައިވަނިކޮށް އޭގެ އިތުރަށް އެފަރާތްތަކަށް ޓިކެޓްފައިސާ ދިނުމުގެ ނަމުގައި (މިމައްސަލަ ހުށަހެޅި މުވައްޒަފަށް ދިނުމުގެ ނަމުގައި ނެގި ފައިސާއާއެކު) އެމިނިސްޓްރީގެ ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި އޮންނަ 75 ނަންބަރު އެކައުންޓުން ޖުމްލަ 101,422.14 ރުފިޔާ (އެއްސަތޭކަ އެއްހާސް ހަތަރުސަތޭކަ ބާވީސްރުފިޔާ ސާދަލާރި) ނަގައި އެފައިސާ ޙަސަން އަޙްމަދު ބޭނުންކޮށްފައިވާކަމަށް ބެލެވެއެވެ.
އެހެންކަމުން، މިމައްސަލާގައި ޙަސަން އަޙްމަދު (މ.ހިޔާވަހިގެ، މާލެ) ގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132، 143، 146 ވަނަ މާއްދާގެ ދަށުން ޚިޔާނާތުގެ ކުށުގެ ދަޢުވާކުރުމަށް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި 01 އޭޕްރިލް 2012 ވަނަ ދުވަހު މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×