ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންނާއި، މުވައްޒަފުން އިއްޔެ (7 ފެބުރުވަރީ 2016) ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވައިފިއެވެ. އިއްޔެ އެކޮމިޝަނުގެ ކޮންފަރެންސް ރޫމްގައި ބޭއްވުނު ރަސްމިއްޔާތުގައި ފުރަތަމަ ސޮއިކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންނެވެ. އިއްޔެ ބޭއްވުނު ރަސްމިއްޔާތާއެކު ސިވިލް ސަރވިސް ކޮމިޝަން ވެގެން ގޮސްފައިވަނީ އަލަށް ތަޢާރަފްކުރެވުނު ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރި ފުރަތަމަ މުއައްސަސާއަށެވެ. އިއްޔެގެ ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ 46 މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފައިވެއެވެ.
ދައުލަތުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަކީ ނަޒާހަތްތެރިކަން އިސްކުރާ ބަޔަކަށް ހެދުމަށް ބާރުއެޅުމަށާއި، ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަނުން މިންޖުވެފައިވާ ނަޒާހަތްތެރި މުޖުތަމަޢަކަށް ހެދުމުގެ މަޤްޞަދުގައި ތަޢާރަފްކޮށްފައިވާ މިވަޢުދުގައި ސޮއިކުރުމުގެ ފުރުޞަތު ދައުލަތުގެ ހުރިހާ އިދާރާއަކަށްވަނީ ހުޅުވައިލެވިފައެވެ. އަދި މިކޮމިޝަނުން އިސްނެގުމުގެ މަތިން ދައުލަތުގެ ބައެއް އިދާރާތަކަށް ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމަށް ދަޢުވަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނާއި، މެމްބަރުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވައިފި
08 Feb 2016