އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އުފައްދާ 13 އެޕިސޯޑުގެ މައްޗަށް އެކުލެވޭ ބިތުފަންގި-2 ޓީވީ ޕްރޮގްރާމް ބްރޯޑްކާސްޓްކުރުމަށް 6 ޓީވީ ޗެނަލްއަކާއެކު އިއްޔެ (15 ފެބުރުވަރީ 2016) ފަހުމުނާމާއެއްގައި ސޮއކޮށްފިއެވެ. މިފަހުމުނާމާގެ މަޤްސަދަކީ އެޕްރޮގްރާމް ބްރޯޑްކާސްޓްކޮށްގެން ކޮރަޕްޝަނާއި، ކޮރަޕްޝަންގެ ސަބަބުން މުޖުތަމަޢަށްކުރާ ނޭދެވޭ އަސަރުތަކާމެދު ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުވައި، ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމަޢެއްކަމުގައި ހެދުމަށް މަސައްކަތްކުރުމެވެ.
މިގޮތުން އޭސީސީގެ ކޮންފަރެންސް ރޫމްގައި ބޭއްވުނު ރަސްމިއްޔާތުގައި އޭސީސީއާއެކު ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ވީޓީވީ، ދިޓީވީ، ސަންޓީވީ، ޗެނަލް 13 އަދި އައިސް ޓީވީއެވެ. މިފަހުމުނާމާގައިވާ ގޮތުން އެއްވެސް އަގަކާ ނުލާ މިޗެނަލްތަކުން ކޮންމެ ހަފްތާއަކުވެސް ބިތުފަންގި ސިލްސިލާ ޕްރޮގްރާމްގެ އެޕިސޯޑުތައް ބްރޯޑްކާސްޓްކުރާނެއެވެ.
ބިތުފަންގި ސިލްސިލާ ޕްރޮގްރާމްތައް ޕްރިމިއަރކުރުމަށް ހަމަޖެހިފައިވަނީ 22 ފެބުރުވަރީ 2016 ގައި އޮލިމްޕަސް ހޯލްގައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ބިތުފަންގި ޓީވީ ސިލްސިލާ ބްރޯޑްކާސްޓްކުރުމަށް 6 ޓީވީ ޗެނަލްއަކުން އޭސީސީ އާއެކު ފަހުމުނާމާގައި ސޮއިކޮށްފި
16 Feb 2016