އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 18 ފެބުރުވަރީ 2016 ވީ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.
މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އިސްލާމިކް މިނިސްޓްރީއަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުންނާއި، ޕްލޭން ތަންފީޒު ކުރުމުގައި އެފަރާތުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން އެ ވުޒާރާގެ އިސްވެރިންގެ ފަރާތުން އޭސީސީއަށް ވަނީ އަރުވާފައެވެ.
މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް، ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް، ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުދަނީ ކުރަމުންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ޕްލޭން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ ޙިއްސާކޮށްފި
21 Feb 2016