ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޙަރަކާތްތަކާ ބެހޭގޮތުން ފުވައްމުލަކުގެ އެކި އިދާރާތަކާ އޭސީސީން މަޝްވަރާ ކުރަނީ

24 Feb 2016

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް މިއަހަރު ފުވައްމުލަކުގައި ފާހަގަކުރުމަށް ހަމަޖެހިފައިވުމާއެކު، ފުވައްމުލަކުގައި ޤާއިމް ކުރެވިފައިވާ ދައުލަތުގެ އެކި އިދާރާތަކާއެކު ދުވަހުގެ ޙަރަކާތްތައް ގެންދާނެ ގޮތާބެހޭގޮތުން މަޝްވަރާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޓީމެއް ފުވައްމުލަކުގައި ޙަރަކާތްތެރިވަމުން އެބަ ގެންދަވައެވެ. މި ދަތުރުގައި ފުވައްމުލަކުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކާ މަޝްވަރާކޮށް ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ކުރިއަށް ގެންދިއުމަށް އޭސީސީން ކަނޑައަޅާފައިވާ ޙަރަކާތްތައް ތަންފީޒު ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމާއި، އިދާރާތަކުގެ ދައުރާ ބެހޭގޮތުން މަޝްވަރާކޮށް، ޙަރަކާތްތައް އިންތިޒާމް ކުރުމުގައި ހަމަޖައްސަންޖެހޭ ކަންތައްތައް ކަނޑައަޅާނެއެވެ.
މިދަތުރުގައި ކޮމިޝަންގެ ފަރާތުން، ފުވައްމުލަކު އަތޮޅު ކައުންސިލާއި، ރަށު ކައުންސިލް ތަކާއި، އަތޮޅު ހޮސްޕިޓަލާއި، ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި، ފެނަކަ ކޯޕަރޭޝަނާއި، އެމް.އާރު.ޑީ.ސީ އާއި، ބޭންކް އޮފް މޯލްޑިވްސް އާއި، އެސް.ޓީ.އޯ އާއި، ދިރާގާއި، އުރީދޫއާއި، ފުވައްމުލަކު ސްކޫލްތަކާއި އެމް.އެން.ޑީ.އެފް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ފަޔަރ ސަރވިސް އާއި، ޒުވާނުންގެ މަރުކަޒާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ފުވައްމުލަކުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތަކާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަދި މޯލްޑިވްސް އިމިގްރޭޝަންއާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
23 ފެބްރުއަރީ 2016 އިން ފެށިގެން 26 ފެބުރުވަރީ 2016 އަށް ކުރިއަށް ގެންދާ މި ދަތުރުގައި އިސްބޭފުޅެއްގެ ގޮތުގައި ޙަރަކާތްތެރިވަނީ ކޮމިޝަންގެ ނާއިބްރައީސް އަލްއުސްތާޛް މުއައްވިޒް ރަޝީދެވެ. ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. މި އަހަރުގެ ޤައުމީ އެންޓި- ކޮރަޕްޝަން ދުވަސް ފުވައްމުލަކުގައި ފާހަގަ ކުރާ ގޮތަށް ހަމަޖެއްސެވީ އެކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ރަށްތަކުގެ ހުށަހެޅުންތަކަށް ބެލުމަށް ފަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×