އަމިއްލަ ކުންފުންޏަކުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯރޓްސް އަށް ދައްކަންޖެހޭ 07 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ގިނަ ދުވަސްވެފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު އެ މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގައި މިކޮމިޝަންގެ ތަޙްޤީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އަމިއްލަ ކުންފުންޏަކާ ގުޅުންހުރި އެކިއެކި މަސައްކަތްތަކަށް ގެނެސްފައިވާ ބިދޭސީންގެ ވާރކްޕާމިޓް ފީއަށާއި ޖޫރިމަނާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 12 އޮކްޓޯބަރ 2010 ވަނަ ދުވަހާ ހަމައަށް 8,707,250.00 (އަށްމިލިއަން ހަތްސަތޭކަ ހަތްހާސް ދުއިސައްތަ ފަންސާސް) ރުފިޔާ ނުދައްކައި އޮތްކަން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ލިޔެކިޔުންތަކުން އެނގެއެވެ. އަދި މި ފައިސާ ހޯދަން އެކިފަހަރުމަތިން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން އެކުންފުންޏަށް ސިޓީ ފޮނުވާފައިވީނަމަވެސް، މިހާތަނަށް އެ ފައިސާ ދައްކާފައިނުވާކަމަށް ތަހުޤީގަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން މިއީ ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށް ވުމާއެކު ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މެދުވެރިކޮށް އިސްވެ ބަޔާންކުރެވުނު ފައިސާ ޖޫރިމަނާ އާއެކު ހޯދުމަށް، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ) 25 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ވަނީ 8 ފެބުރުވަރީ 2016 ގައި އެންގިފައެވެ.
މިހެންވެ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.