މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ވަޒީފާ އަދާކުރި ފަރާތަކުން އޭނާގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އޭނާގެ ގާތްތިމާގެ މީހުންނަށް އެމް.ޕީ.އެލްގެ އެކިއެކި ވަޒީފާތައް ދިންކަމަށް ބުނާ މައްސަލައާ ގުޅޭ

01 Mar 2016

މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އޭނާގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އޭނާގެ ގާތްތިމާގެ މީހުންނަށް އެމް.ޕީ.އެލްގެ އެކިއެކި ވަޒީފާތައް ދިންކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އިޢުލާނެއްގައި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އެސިސްޓަންޓް ޔާޑް ސުޕަވައިޒަރގެ މަޤާމަށް އެދި ކުރިމަތިލާ ފަރާތްތަކުން 09 މެއި 2006 ވަނަ ދުވަހުގެ ކުރިން އެއޮތޯރިޓީއަށް ސިޓީ ހުށަހެޅުމަށް ބަޔާންކޮށްފައިއޮތްނަމަވެސް، 17 މެއި 2006 ވަނަ ދުވަހު އަމިއްލަ ފަރާތަކުން އެ މަޤާމަށް އެދި ސިޓީ، އަދި 28 މެއި 2006 ވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ “ވަޒީފާއަށް އެދޭ ފޯމް” އެ އޮތޯރިޓީއަށް ހުށަހަޅާފައިވާކަން މި މައްސަލައިގައި ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެންއޮތަތީއާއި،

2. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އިޢުލާނުގެ މުއްދަތު ހަމަވުމުގެ ފަހުން ވަޒީފާއަށް އެދި ސިޓީ ހުށަހަޅާފައިވާ ފަރާތާ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން އިންޓަރވިއުކޮށް، އިންޓަރވިއު ޝީޓުގެ ކަނެއްގައި “އޯކޭ” މިގޮތަށް ލިޔެ 25 މެއި 2006 ވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ، ސޮއިކޮށްފައިވާކަން އެ އިންޓަރވިއު ޝީޓުން އެނގެން އޮތަތީއާއި،
3. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އިޢުލާނާ ގުޅިގެން، އެ އިޢުލާނުގެ މުއްދަތު ހަމަވެ 09 ދުވަސް ފަހުން، ވަޒީފާއަށް އެދި ކުރިމަތިލާފައިވާ ފަރާތާ އިންޓަރވިއުކޮށްފައި އެވަނީ އެދުވަސްވަރު މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ މެނޭޖިންގ ޑިރެކްޓަރ ކަމަށާއި، އެސިސްޓަންޓް ޔާޑް ސުޕަވައިޒަރގެ މަޤާމަށް ހޮވާފައިވާ ފަރާތާ އިންޓަރވިއުއަށް ގެނައުމަށް އޭރުގެ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ މެނޭޖިންގ ޑިރެކްޓަރ އަންގާފައިވާކަން ތަޙްޤިގަށް ފާހަގަކުރެވިފައިވާތީއާއި،
4. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރި ފަރާތުން ހުއްދަދިންކަމަށް ސޮއިކޮށް އެ އޮތޯރިޓީގެ “ވަޒީފާ ދެއްވި ޗިޓް” ން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އެސިސްޓަންޓް ޔާޑް ސުޕަވައިޒަރގެ މަޤާމަށް އެފަރާތް ހޮވާފައިވާކަން އެނގެންއޮތަތީއާއި،
5. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އިޢުލާނާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން އެސިސްޓެންޓް ޔާޑް ސުޕަވައިޒަރގެ ވަޒީފާދިން ފަރާތަކީ އޭނާއާ އާއިލީ ގުޅުން އޮންނަ ފަރާތެއްކަން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ “ވަޒީފާ ދެއްވި ޗިޓް” ގައި ހުއްދަދިންކަމަށް ސޮއިކޮށްފައިވާ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މިކޮމިޝަނުގެ ތަޙްޤީޤަށް އިޢުތިރާފްވެފައި އޮތުމުން، މިމައްސަލާގައި ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނު) ގެ 12 ވަނަ މާއްދާގައި ބުނާފަދަ ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަން، ސާބިތުވާމިންވަރަށް ހެއްކާއި ޤަރީނާހުރުމުން، ޤާނޫނު ނަންބަރު 13/2008 (އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނު) ގެ 12 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމަށް މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

މިހެންވެ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×