ޝަކުވާތައް އަޑުއެހުން

01 Mar 2016

ވަނުއާޓޫގެ ވެރި ރަށް، ޕޯޓް ވިލާ ގައި މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފެށި ޚަބަރު ލިބުމުން ޓޮމް (އަސްލު ނަމެއް ނޫން) ދިޔައީ ސިހިގެންނެވެ. އަދި މިޚަބަރު މިގޮތަށް ލިބުމުން ސިހިގެން ދިޔައީ ޓޮމް އެކަންޏެއް ނޫނެވެ. ޢާއްމުންގެ ތެރެއިން ގިނަ މީހުން ދެކެނީ މިއީ ވަނުއާޓޫގެ ގުދުރަތީ އަދި އިޖްތިމާއީ ނިޒާމަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއްކަމުގައެވެ.
އެހިސާބުގަނޑުގައި ދިރިއުޅެމުންދާ މަސްވެރީން ޤަބޫލުކުރާގޮތުގައި ވަނުއާޓޫގެ ހާބަރު ސަރަޙައްދުގައި ކާރޫބާރު ބޮޑުވުމުގެ ސަބަބުން އެމީހުންނަށް އެހިސާބުގައި ހިނގާބިގާނވެ އުޅެން ދަތިވާނެއެވެ. އަދި މަސްވެރިކަން އިންޑަސްޓްރިއަލް ލެވެލްއެއްގައި ފެށުމުން އާދައިގެ މަސްވެރީން ބާނާ މަސްމަދުވެ ލިބޭ އާމްދަނީ ދަށްވުމުގެ ބިރާ އެމީހުން ވަނީ ކުރިމަތިލާން ޖެހިދާނެއެވެ. އަދި ހަމައެހެންމެ ބާނާ މަސްތައް އެއްގަމު މަގުން އެތެރެކުރަން ޖެހުމާމެދުވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ޕޯޓް ވިލާގެ ހަލަބޮލި މަގުތައް އިތުރަށް ތޮއްޖެހި ގަދަ އަތްވާއި ހޫނުގެ އިތުރުން ވައިޖެހޭނަމަ މުޅި ސަރަޙައްދުގައި އެއްވަހަކަށް މަސްވަސް ދުވާނެއެވެ. މީގެ ހުރިހާ ތަކްލީފެއް ތަޙައްމަލް ކުރަންޖެހޭނީ ޕޯޓް ވިލާގެ ރައްޔިތުންނެވެ.
މަސް ކެނޑުމާއި ޕްރޮސެސް ކުރަން ބޭނުން ކުރާ ފެން، ފަޅު ތެރެއަށް ދޫކުރަން ފެށުމަކީ ކުޑަކުދީން ޢާއްމުކޮށް ފެތުމާއި ކުޅެން އުޅޭ ސަރަޙައްދުތަކަށް މިޔަރު އައުން އެކަށީގެންވާކަމެކެވެ. އަދި މިމަސް ފެކްޓަރީގެ ސަބަބުން ވަނުއާޓޫގެ ގިނަ ރައްޔިތުން އޭގެ މައްޗަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ގޯސް އަސަރުކޮށް ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާނެއެވެ.
މި މަސް ފެކްޓަރީއަކީ ވަނުއާޓޫއާ ޗައިނާގެ ސަރުކާރާ ދެމެދު ހެދުނު ޖޮއިންޓް ވެންޗަރއެއްގެ ދަށުން އެއްވެސް ވަރަކަށް ޢާއްމުންގެ ޚިޔާލު ނުހޯދައި ފަށާފައިވާ ޕްރޮޖެކްޓެކެވެ. 2008 ވަނަ އަހަރު ޓޮމް ހިމެނޭހެން ޢާއްމުންގެ ބަޔަކު ވެގެން ފެކްޓަރީގެ ސަބަބުން ތިމާވެޓަށް ކުރާނެ ގެއްލުން ދިރާސާ ކުރުމަށްޓަކައި އެސެސްމަންޓް ހެދުމަށް އަމުރެއް (ކޮންސެންޓް އޯޑަރ) ހޯދިއެވެ. އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓްތައް (އީ.އައި.އޭ) ހެދުމަކީ ތަފާތު އެކިއެކި ޕްރޮޖެކްޓްތަކުގެ ސަބަބުން މުޖްތަމަޢަށް ކުރާނީ ކޮންކަހަލަ އަސަރެއްތޯ ދެނެގަތުމަށް ޤާނޫނުން ލާޒިމްކޮށްފައިވާ އެސެސްމަންޓެކެވެ.
އީ.އައި.އޭ ހަދަން ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެގެންދިޔައިރުވެސް މަސައްކަތް ފެށިފައި ނުވުމުގެ ސަބަބުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ވަނުއާޓޫގެ އެހީ ހޯދުމަށް ޢާއްމުން ދިޔައެވެ. އެއާއެކު ކަމާބެހޭ އިދާރާތަކުން އެސެސްމަންޓްގެ މަސައްކަތް ކުރިޔަށް ގެންދަން ފެށިއެވެ. ނަމަވެސް މި އެސެސްމަންޓް ހެދުމަށް ޙަވާލުކުރެވިފައިވާ ފަރާތަކީ ބެއިޖިންގ އިން ފަންޑުކުރާ ބައެއްކަން އެނގުމާއެކު ޢާއްމުންގެ މީހުން މުޒާހަރާ ކުރަން ފެށިއެވެ. އެހެންކަމުން އެސެސްމަންޓް ހެދުން ހުއްޓާލެވުނެވެ.
މިމައްސަލައިގައި ޝާމިލުވާ ޢާއްމުން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރުމުގެ އާޚިރު ނަތީޖާއަކަށްވެގެން ދިޔައީ، މިކޭސް ސުޕްރީމް ކޯޓާ ހަމަޔަށް ދިޔުމެވެ. އެންމެ ފަހުން ސުޕްރީމް ކޯޓުން ކަނޑައެޅީ އެސެސްމަންޓް ހަދަން ޖެހޭނީ މަސްލަޙަތު ފުށުނާރާ މިނިވަން ފަރާތަކުން ކަމެވެ. ވަނުއާޓޫގެ ސަރުކާރުން މިހާރުދަނީ އޮސްޓްރޭލިޔާގެ ތިމާވެއްޓާބެހޭ ޤާނޫނީ މާހިރުންނާއެކީ މިނިވަން އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
މަސް ފެކްޓްރީގެ މަސައްކަތް ނިމިފައިވީ ނަމަވެސް ފެކްޓަރީ ހުޅުވޭނެކަން އެނގިގެންދާނީ އެސެސްމަންޓް ހަދާ ނިމުމުންނެވެ. މިކޭހުންވެސް ދައްކައި ދެނީ އިންވެސްޓަރުންނާއި މުޖްތަމަޢުގައި ދިރިއުޅޭ އަފްރާދުންގެ ބޭނުންތަކާއި އެމީހުންނަށް އެންމެ ފައިދާހުރިގޮތަކަށް ކަންކަން ކުރުމަށްޓަކައި ޤާނޫނުތައް ހަދަންޖެހޭކަމާއި ބޮޑުބިޔަ ޕްރޮޖެކްޓްތައް ފެށިގެންދާއިރު ރައްޔިތުންގެ ބަސް ހިމެނޭނެހެން ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ނިންމުމުގެ މުހިއްމުކަމެވެ.
……………………………………………………………………………………………………………………………………….
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ޕްރޮސެސިންގ ކޮމްޕްލެއިންޓްސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

http://www.transparency.org/news/story/processing_complaints



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×