ސާކް ސަމިޓަށް ކޮންވެންޝަން ސެންޓަރުގައި ބެހެއްޓުމަށް ސިމެންތިން ހަދާފައިވާ 369,500.00 (ތިންސަތޭކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ) ރުފިޔާގެ ކުރެހުންތައް ހަދާފައިވަނީ ވަކި ފަރާތަކަށް މާލީ ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށްބުނާ މައްސަލައާ ގުޅޭ،

02 Mar 2016

17 ވަނަ ސާކް ސަމިޓަށް ކޮންވެންޝަން ސެންޓަރުގައި ބެހެއްޓުމަށް ސިމެންތިން ހަދާފައިވާ 369,500.00 (ތިންސަތޭކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ) ރުފިޔާގެ ކުރެހުންތައް ހަދާފައިވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށާއި އެ ކުރެހުންތައް އެއްގޮތަކަށްވެސް ބޭނުންނުކޮށް ކޮންވެންޝަން ސެންޓަރުގެ ކޮޓަރިއެއްގައި ގުދަންކުރެވިފައިވާކަމަށާއި، އެހެންކަމުން މި މަސައްކަތްތަކަކީ އިސްރާފުގެ ގޮތުގައި ކުރެވިފައިވާ މަސައްކަތެއް ކަމަށާއި އަދި މިއީ ވަކި ފަރާތަކަށް މާލީ ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށްބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އޮގަސްޓް 2011 އިންފެށިގެން 31 އޮކްޓޫބަރު 2011 އަށް މަހަކު 15,000/- (ފަނަރަހާސް) ރުފިޔާ ދޭގޮތަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ އެންމެހައި ޑިޒައިން އާއި އާރޓް ވާރކްގެ ހުރިހާ މަސައްކަތެއް ކުރުމަށް އެ އިދާރާގެ އެއްބަސްވުމަކުން އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފައިވަނިކޮށް، އައްޑޫ ކޮންވެންޝަން ސެންޓަރުގެ އިންޓީރިއަރ ޑެކަރޭޝަން މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮންކްރީޓް ރީފިލް އާރޓް ވާރކް ގެ މަސައްކަތްތައް އިޢުލާން ކުރުމަކާ ނުލައި އެ ފަރާތާ ޙަވާލުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން 09 އޮކްޓޯބަރު 2011 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ އައްޑޫސިޓީގެ މޭޔަރ ކަން ފާހަގަކުރެވޭތީ އާއި،
2. އެ އެއްބަސްވުމުން އެ ފަރާތާ ޙަވާލުކޮށްފައިވަނީ 84 ރީފިލް އާރޓް އަދި 20 ސިއްކަ ހެދުމަށް ކަމަށްވީނަމަވެސް، އެ މަސައްކަތްތައް ޙަވާލުކުރުމަށް އެ އިދާރާގެ ފަރާތުން ހޯދާފައިވާ 2 އެސްޓިމޭޓުގައި ވަނީ 2 ފޫޓު 4 ފޫޓުގެ 10 ރީފިލް އާރޓް ހެދުމުގެ އަގު ކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ 21,000/- (އެކާވީސް ހާސް) ރުފިޔާގެ އެސްޓިމޭޓަކާއި އަދި މަސައްކަތްތައް ޙަވާލުކުރެވުނު ކުންފުނިން ހުށަހަޅާފައިވާ 20,000/- (ވިހިހާސް) ރުފިޔާގެ އެސްޓިމޭޓެއްކަމަށްވާއިރު، އެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގައި ޙަވާލުކޮށްފައިވަނީ 84 ރީފިލް އާރޓް އަދި 20 ސިއްކަ ހެދުމަށް ކަމަށްވާތީ އެ ހުރިހާ ތަކެތީގެ ޖުމްލަ އެކަނިވެސް 25,000/- (ފަންސަވީސް ހާސް) ރުފިޔާ އަށްވުރެ ބޮޑުވާނެކަން ފާހަގަކުރެވުނު ނަމަވެސް، ރީފިލް އާރޓްތައް ހެދުމުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރުމުގެ ކުރިން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައިނުވާކަން މި މައްސަލަ އާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭތީ އާއި،
3. އެ އެއްބަސްވުމުގައި އެއްބަސްވުމުގެ ނަންބަރާއި، މަސައްކަތުގެ އަގާއި، ފައިސާ ދިނުމުގައި ޢަމަލުކުރާނެ ގޮތް އަދި މަސައްކަތް ނިންމަންޖެހޭނެ ތާރީޚް ބަޔާންކޮށްފައިނުވިނަމަވެސް މަސައްކަތް ނިންމުމަށްފަހު ބިލް ހުށަހެޅުމުން ފައިސާ ދޫކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭތީ އާއި،
4. އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން 09 އޮކްޓޯބަރު 2011 ގައި އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައި 84 ރީފިލް އާރޓް އަދި 20 ސިއްކަ ހަދަންވާނެ ކަމަށާއި އަދި އިތުރު އާރޓް ވާރކް ގެ މަސައްކަތެއް ކުރަން ޖެހިއްޖެނަމަ، އެ މަސައްކަތެއްވެސް ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އިތުރު މަސައްކަތްތަކެއް ޙަވާލުކުރެވުނުކަން ލިޔެކިޔުންތަކުން އެނގެން ނެތްއިރު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް 64 ރީފިލް އާރޓްގެ މަސައްކަތްކުރުމަށްފަހު މުޅި މަސައްކަތަށް ޖުމުލަ 336,000.00 (ތިންލައްކަ ތިރީސްހަހާސް) ރުފިޔާ ބިލްކުރުމުން 02 ފަހަރެއްގެ މަތިން އެ ފައިސާ ދޫކޮށްފައިވާތީ އާއި،
5. ރީފިލް އާރޓް ގެ މަސައްކަތް ޙަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގައި ފައިސާ ދޫކުރާނެގޮތެއް ބަޔާންކޮށްފައިނުވިނަމަވެސް، އެ މަސައްކަތުގެ އަގުގެ %20 އަށްވާ 67,200/- (ފަސްދޮޅަސް ހަތްހާސް ދުއިސައްތަ) ރުފިޔާ އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ޕޭމަންޓް ވައުޗަރ އަކުން އެ ކުންފުންޏަށް ދޫކޮށްފައިވާއިރު، އެ ފައިސާ ދޫކުރުމުގެ ކުރިން އެ މަސައްކަތަކީ ނިމިފައިވާ މަސައްކަތެއްތޯ ޔަޤީންކުރުމަށް އިންސްޕެކްޝަން އެއް ހަދާފައި ނުވާތީ އާއި،
6. އެ މަސައްކަތުގެ ބާކީ %80 އަށްވާ 268,800/- (ދެލައްކަ ފަސްދޮޅަށް އަށްހާސް އަށް ސަތޭކަ) ރުފިޔާ އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ޕޭމަންޓް ވައުޗަރ އަކުން އެ ކުންފުންޏަށް ދޫކޮށްފައިވަނީ އިންސްޕެކްޝަންއެއް ހަދައިގެން ކަމަށްވީނަމަވެސް، އެ އިންސްޕެކްޝަން ހަދާފައިވަނީ ސާކް ސަމިޓު ބޭއްވުނުފަހުން، 06 ފެބްރުއަރީ 2012 ގައި ކަން މި މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި ބަޔާންދީފައިވާ ފަރާތްތަކުގެ ބަޔާނުން އެނގޭއިރު، އެ އިންސްޕެކްޝަން އަކީ ސާކް ސަމިޓް ބޭއްވުނުތާ ގާތްގަނޑަކަށް 03 މަސްދުވަސް ފަހުން ހަދާފައިވާ އިންސްޕެކްޝަންއެއް ކަމަށްވާތީ އެ މަސައްކަތް ސާކް ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ނިންމުނުކަން ނުވަތަ ނޫންކަން ޔަޤީންކުރެވިފައިނުވާކަން ފާހަގަކުރެވޭތީ އާއި،
7. އެ މަސައްކަތް ޙަވާލުކުރުމަށް އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ހަދާފައިވަނީ ކުންފުނީގެ ފަރާތުން ފައިސާ ހޯދުމަށް އައުމުން އައްޑޫސިޓީގެ މޭޔަރ އަންގައިގެންކަމަށް ތަޙްޤީޤުގައި ފާހަގަކުރެވިފައި ވާތީ އާއި،
8. މި މައްސަލައިގެ ޝަކުވާގައި ކޮންވެންޝަން ސެންޓަރު ޒީނަތްތެރިކުރުމުގެ ގޮތުން ހަދާފައިވާ ފިލާތައް އެއްވެސް ގޮތަކަށް ބޭނުންނުކޮށް އެ ސެންޓަރުގެ ކޮޓަރިއެއްގެ ތެރޭގައި ގުދަންކޮށްފައި ހުރިކަމަށް ބުނެފައިވާތީ، 18 މާރޗް 2014 ގައި މިކޮމިޝަނުގެ ތަޙްޤީޤު ޓީމުން ކޮންވެންޝަން ސެންޓަރަށް ދިޔައިރު، އެ ސެންޓަރުގެ ކޮޓަރިއެއް ތެރޭ 168 ރީފިލް އާރޓް ބަހައްޓާފައި ހުއްޓާ ފެނިފައިވާތީ އާއި، އެއިން އެއްވެސް އާރޓް ވާރކެއް ކޮންވެންޝަން ސެންޓަރު ޒީނަތްތެރިކުރުމަށް ބޭނުންކޮށްފައިނުވާކަމަށް މި މައްސަލަ އާ ގުޅިގެން ބަޔާންދީފައިވާ ފަރާތްތަކުގެ ބަޔާނުގައި ބުނެފައިވާތީ އާއި،
9. ކޮންވެންޝަން ސެންޓަރު ޒީނަތްތެރިކުރުމުގެ ގޮތުން ހަދާފައިވާ ރީފިލް އާރޓް ވާރކްތަކުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްގެން ކުރުވާފައިވަނީ އައްޑޫސިޓީގެ މޭޔަރ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގައިވާގޮތުގެމަތިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން، އައްޑޫސިޓީގެ މޭޔަރގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީއެވެ.
10. އަދި އައްޑޫ ސިޓީގެ މޭޔަރގެ މިޢަމަލަކީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުން ނުވަތަ ދަޢުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުންކަމަށް ބެލެވެން އޮތުމުން، އައްޑޫސިޓީގެ މޭޔަރގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން، ދަޢުވާކުރުމާއެކު، އައްޑޫސިޓީގެ މޭޔަރގެ މިޢަމަލުގެ ސަބަބުން ދަޢުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ޖުމްލަ336,000.00 (ތިންލައްކަ ތިރީސް ހަހާސް ރުފިޔާ) ދަޢުލަތަށް އަނބުރާ ހޯދުމުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

މިހެންވެ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×