އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ޢާއްމުކޮށް މީޑިއާއާ ޙިއްޞާކުރަނީ

02 Mar 2016

ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2015 ވަނަ އަހަރު ރިޕޯޓު އެކުލަވާލާ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. އަދި އެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެމަތިން ރައީސުލް ޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ރިޕޯޓު ފޮނުވާތާ 14 ދުވަހުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އަހަރީ ރިޕޯޓު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރުމުގެ އިތުރުން، މިއަހަރުވެސް މީޑިއާގެ ފަރާތްތަކަށާއި ރިޕޯޓު ޙިއްޞާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް، 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވެސް، 2015 ވަނަ އަހަރު އިދާރީ ގޮތުން ކޮމިޝަން ހިންގާފައިވާ ގޮތާއި، ކޮރަޕްޝަންގެ ޢަމަލުތައް ތަޙްޤީޤުކުރުމާއި، ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތަކާއި، ކޮމިޝަނަށް ހުށަހެޅި، ބަލަމުންދާ އަދި ނިންމާފައިވާ މައްސަލަތަކުގެ ތަފްޞީލާއި، ކޮމިޝަނުގެ މެމްބަރުންގެ ބައްދަލުވުންތަކާ ބެހޭ މަޢުލޫމާތާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގިޔަ ނުދިނުމަށް ކޮރަޕްޝަން ޕްރިވެންޝަންގެ ގޮތުން ކޮމިޝަނުގެ ފަރާތުން ކޮށްފައިވާ ކަންކަމާއި، ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމަށް ހިންގުނު ޙަރަކާތްތަކާއި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި، ކޮމިޝަނުގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ހިންގުނު ޕްރޮގްރާމްތަކާއި، އަދި މި މަސައްކަތްތައް ކުރުމުގައި ކޮމިޝަނަށް ދިމާވި ގޮންޖެހުންތައް ހިމެނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތްތަކުގެ މިސްރާބާއި، ކުރިމަގަށް ރާވާފައިވާ ކަންތައްތަކުގެ މައްޗަށްވެސް މި ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ.
ރިޕޯޓު ތައްޔާރުކޮށް ޢާއްމުކުރުމުގެ މައިގަނޑު މަޤްޞަދަކީ، މި ކޮމިޝަނާ މަތިކުރެވިފައިވާ ޤާނޫނީ މުހިންމު ވާޖިބުތައް އަދާކުރަމުންދާ ގޮތް ރައްޔިތުންނަށް ހާމަކޮށްދީ، ޖަވާބުދާރީވެ މަޢުލޫމާތު ޙިއްޞާކުރުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×