ކ.ތުލުސްދޫގައި އިންޓަރނެޓްގެ ޚިދުމަތް ދިނުމަށްޓަކައި އެންޓަނާ ޖަހާނެ ބިމެއް ޕްރައިވެޓް ކުންފުންޏަކަށް ކުއްޔަށްދޭން އެރަށު ކައުންސިލުން ނިންމާފައިވަނިކޮށް އެ އެންޓަނާ ތުލުސްދޫ ކައުންސިލްގެ ރައީސްގެ ގޭގައި ޖެހިކަމަށް ބުނާ މައްސަލައާ ގުޅޭ،

06 Mar 2016

ކ.ތުލުސްދޫގައި އިންޓަރނެޓްގެ ޚިދުމަތް ދިނުމަށްޓަކައި ޕްރައިވެޓް ކުންފުންޏެއްގެ އެންޓަނާ ޖަހާނެ ބިމެއް އެފަރާތަށް ކުއްޔަށްދޭން ތުލުސްދޫ ކައުންސިލަރުންގެ ބައްދަލުވުމަކުން ނިންމާފައިވާކަމަށާއި، ނަމަވެސް، މިހާރު އެ އެންޓަނާ ޖަހާފައިހުރީ ތުލުސްދޫ ކައުންސިލްގެ ރައީސްގެ ގޭގައި ކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

ކ.ތުލުސްދޫގައި އިންޓަރނެޓްގެ ޚިދުމަތް ދިނުމަށްޓަކައި އެންޓަނާއެއް ޖެހުމަށް ބިންކޮޅެއް ހޯދަން ޕްރައިވެޓް ކުންފުންޏަކުން ކ.ތުލުސްދޫ ކައުންސިލްގެ އިދާރާއަށް ސިޓީ ހުށަހަޅާފައިވާކަން ކ.ތުލުސްދޫ ކައުންސިލްގެ އިދާރާގެ ލިޔުންތަކުންނާއި މިމައްސަލައިގެ ތަޙުޤީޤަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭތީއާއި،
އެ ކުންފުނީގެ ސިޓީއާ ގުޅިގެން ކ.ތުލުސްދޫ ކައުންސިލްގެ 27 ވަނަ ޖަލްސާގައި މަޝްވަރާކުރުމަށްފަހު އެ ކުންފުންޏަށް ބިންކޮޅެއް ދިނުމަށް އެ ބައްދަލުވުމުން ނިންމާފައިވާކަމާއި މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ބައިވެރިވެރިވެފައިވާކަން ބައްދަލުވުމުގެ ޔައުމިއްޔާއިންނާއި އެބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ ބަހުން އެނގޭތީއާއި،
އެ ކުންފުނިން ބިންކޮޅެއް ހޯދުމަށް އެދި ތުލުސްދޫ ކައުންސިލްގެ އިދާރާއަށް ސިޓީ ހުށަހަޅާފައިވަނީ 03 ޖުލައި 2012 ގައި ކަމާއި އެ ސިޓީއާ ގުޅިގެން ބިންކޮޅެއް ދޭން ކައުންސިލުން ނިންމާފައިވަނީ 17 ޖުލައި 2012 ގައި ކަމާއި، ކ.ތުލުސްދޫގައި އިންޓަރނެޓްގެ ހިދުމަތް ރީޓެއިލް ކުރުމުގެ ހުއްދަ މޯލްޑިވްސް ޓެލެކޮމް އޮތޯރިޓީއިން އެ ކުންފުންޏަށް ދީފައިވަނީ 29 ޖަނަވަރީ 2013 ގައިކަން ލިޔުންތަކުން އެނގޭތީއާއި، ކުންފުނީގެ ފަރާތުން ކައުންސިލްގެ ރައީސްގެ ގޯތީގައި އެންޓަނާ ޖަހާފައިވަނީ ކުންފުންޏަށް ބިންކޮޅެއް ދޭން ކައުންސިލުން ނިންމުމަށްފަހުކަން އެނގޭތީއާއި،
ދައުލަތަށް ފައިދާވާގޮތަށް އެ ކުންފުންޏާއި ކ.ތުލުސްދޫ ކައުންސިލްގެ އިދާރާއާ ދެމެދު ކުރެވެން އޮތް މުޢާމަލާތެއްގެ މަޢުލޫމާތު ކ.ތުލުސްދޫ ކައުންސިލްގެ ރައީސް އަށް އެނގިހުރެ، އެ ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގެ ފައިދާ އަމިއްލައަށް ހޯދައިފައިވާތީ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް

ކަނޑައަޅައި، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން) ގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ކ.ތުލުސްދޫ ކައުންސިލްގެ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×