17 ވަނަ ސާކް ސަމިޓަށް ތައްޔާރުކުރި 1000 ގަސްމުށި ހެދުމަށް ކޮށްފައިވާ ޚަރަދު ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަދި ކޮށްފައިވާ ޚަރަދަކީ ދައުލަތުގެ ފައިސާ އިސްރާފުގެ ގޮތުގައި ހޭދަކުރުން ކަމަށް ބެލެވޭ ކަމަށް ބުނާ މައްސަލައާ ގުޅޭ،

07 Mar 2016

17 ވަނަ ސާކް ސަމިޓުގެ ބޭނުމަށް 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތައްޔާރުކުރި 1000 ގަސްމުށީގެ ބޭނުން ކުރެވެމުން ނުދާ ކަމަށާއި، އެކަމަށް ކޮށްފައިވާ ޚަރަދަކީ ދައުލަތުގެ ފައިސާ އިސްރާފުގެ ގޮތުގައި ހޭދަކުރުން ކަމަށް ބެލެވޭ މައްސަލަ މިކޮމިޝަނުން ތަޙްޤީޤު ކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު 17 ވަނަ ސާކް ސަމިޓުގެ ބޭނުމަށް ގަސްމުށި ހެދުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އައި ފަރާތްތަކަށް ދީފައިވާ މަޢުލޫމާތުގައި ކުރެހުން ނަންބަރު 1 ގެ 100 އަދި ކުރެހުން ނަންބަރު 3 ގެ 200 ގަސްމުށި ހަދަން ޖެހޭކަމަށް ބަޔާންކޮށްފައިވަނިކޮށް، އަދި އެޢަދަދުތަކަށް ގަސްމުށި ހެދުމަށް ތިންފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިވަނިކޮށް، އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކަށް ގަސްމުށި ހަދަން ޖެހޭ ޢަދަދަށް ބަދަލު އައިސްފައިވާކަން އެންގުމަކައި ނުލައި، އަދި އަލުން އަގު ހުށަހެޅުމުގެ ފުރުޞަތު ދިނުމަކައި ނުލައި ވަކި ކުންފުންޏަކާއެކު އައްޑޫސިޓީ ކައުންސިލް އިދާރާއިން އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމުގައި ހަދަންޖެހޭ ގަސްމުށީގެ ޢަދަދު އިތުރުކޮށް، އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ އައްޑޫސިޓީގެ މޭޔަރކަމަށް އައްޑޫސިޓީ ކައުންސިލްގެ ލިޔެކިޔުންތަކުން އެނގޭތީއާއި،
އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އިޢުލާނާ ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައިވާ ކުރެހުން ނަންބަރު 1 އަދި ކުރެހުން ނަންބަރު 3 ގައިވާ ވައްތަރުގެ ގަސްމުށި ހެދުމަށް ހަވާލުކޮށްފައިވާ ކުންފުންޏަކީ ސާކް ސަމިޓް ދުވަސްވަރު ހިތަދޫ އަވަށު ބޯޑްގެ ރައީސްގެ ގޮތުގައި ހުރި ފަރާތުގެ އާއިލީ ކުންފުންޏެއް ކަމާއި އަދި އޭނާއަކީ އެކުންފުނީގެ ހިއްސާދާރެއް ކަމާއި ގަސްމުށި ހެދުމުގެ މަސައްކަތް ކުރިއަށްދިޔައިރު ހިތަދޫ އަވަށު ބޯޑުން އެ މަސައްކަތް ބަލަހައްޓާފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމާއި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.08ގައި ވާގޮތުގެމަތިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްދަ ހޯދާފައިނުވާތީއާއި،
17 ވަނަ ސާކް ސަމިޓްގެ ބޭނުމަށް ތައްޔާރުކުރި ގަސްމުށިތަކުގެ އިންސްޕެކްޝަނުގައި، ގަސްމުށިތައް ހެދުމަށް ހަވާލުކޮށްފައިވާ އަދަދަށް ގަސްމުށިތައް ހަދާފައިވޭތޯ ބަލާފައިނުވާކަމާއި އަދި އެގްރިމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގަސްމުށި ނިންމާފައިވޭތޯ ބަލާފައިނުވާކަން އައްޑޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަހުން އެނގޭކަމާއި އެގްރިމެންޓް ގައި ބަޔާންކޮށްފައިވާ އަދަދަށް ގަސްމުށި ލިބިފައިވާކަން ޔަގީން ނުކޮށް އަދި އެގްރިމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތަށް މަސައްކަތް ނިންމާފައިވާކަން ޔަޤީންނުކޮށް، އެ ކުންފުންޏާއި އަދި އެހެން ކުންފުންޏަކަށް ފައިސާ ދޫކޮށްފައިވާކަން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި، މިއީ އައްޑޫ ސިޓީގެ މޭޔަރ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދަދޭން ކޮށްފައިވާ ކަމެއްކަމަށް ތަޙްޤީޤަށް ސާބިތުވާތީ،
ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި އައްޑޫ ސިޓީގެ މޭޔަރގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
2. އަދި މިމައްސަލައިގައި ސާކް ސަމިޓްގެ ބޭނުމަށްކަމަށްބުނެ ގިނަ ޢަދަދެއްގެ ގަސްމުށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފައިވާއިރު މިމަސައްކަތް ނިމިފައިވަނީ ސާކްސަމިޓް ނިމުނުފަހުން ކަމަށްވާތީއާއި މިގަސްމުށިތައް ހެދި ބޭނުން ހިފިފައިނުވާކަން މިކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، މިމަސައްކަތަށް ހޭދަވެފައިވާ ފައިސާއަކީ ދަޢުލަތަށް ލިބުނު ބޮޑު ގެއްލުމެއްކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13ވަނަ މާއްދާގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދަޢުވާ އައްޑޫ ސިޓީގެ މޭޔަރގެ މައްޗަށް ކުރުމަށް މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
3. 17 ވަނަ ސާކް ސަމިޓްގެ ބޭނުމަށް ތައްޔާރުކުރި ގަސްމުށިތަކުގެ އިންސްޕެކްޝަނުގައި، ގަސްމުށިތައް ހެދުމަށް ހަވާލުކޮށްފައިވާ އަދަދަށް ގަސްމުށިތައް ހަދާފައިވޭތޯ ބަލާފައިނުވާކަމާއި އަދި އެގްރިމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގަސްމުށި ނިންމާފައިވޭތޯ ބަލާފައިނުވާކަން އައްޑޫސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް އޮފިސަރ އާއި، އައްޑޫސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އާއި، އައްޑޫސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ ބަހުން އެނގޭކަމާއި އެގްރިމެންޓް ގައި ބަޔާންކޮށްފައިވާ އަދަދަށް ގަސްމުށި ލިބިފައިވާކަން ޔަގީން ނުކޮށް އަދި އެގްރިމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތަށް މަސައްކަތް ނިންމާފައިވާކަން ޔަޤީންނުކޮށް، ދެ ކުންފުންޏަކަށް ފައިސާ ދޫކޮށްފައިވާކަން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި، މިމައްސަލައިގައި ސާކްސަމިޓްގެ ބޭނުމަށްކަމަށްބުނެ ގިނަ ޢަދަދެއްގެ ގަސްމުށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފައިވާއިރު މިމަސައްކަތް ނިމިފައިވަނީ ސާކްސަމިޓް ނިމުނުފަހުން ކަމަށްވާތީ، މިގަސްމުށިތައް ހެދި ބޭނުން ހިފިފައިނުވާކަން މިކޮމިޝަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، މިމަސައްކަތަށް ހޭދަވެފައިވާ ފައިސާއަކީ ދަޢުލަތަށް ލިބު ބޮޑު ގެއްލުމެއްކަމަށް ބެލެވޭތީ، އެއް ކުންފުންޏަށް 1,307,020.00 (އެއްމިލިއަން ތިންލައްކަ ހަތްހާސް ވިހި) ރުފިޔާ ދިނުމަށާއި އަދި އެހެން ކުންފުންޏަކަށް 1,148,190.00 (އެއްމިލިއަން އެއްލައްކަ ސާޅީސްއަށްހާސް ސަތޭކަ ނުވަދިހަ) ރުފިޔާ ދިނުމަށް އައްޑޫސިޓީގެ މޭޔަރ ހުއްދަދީ ސޮއިކޮށްފައިވާތީ، މި ޕްރޮޖެކްޓްގެ ސަބަބުން ދަޢުލަތަށް ލިބިފައިވާ ގެއްލުމުގެ ޖުމްލަ އަގު ކަމަށްވާ 2,455,210.00 (ދެމިލިއަން ހަތަރުލައްކަ ފަންސާސްފަސްހާސް ދުއިސައްތަ ދިހައެއް) ރުފިޔާ އައްޑޫސިޓީގެ މޭޔަރގެ އަތުން ދައުލަތަށް އަނބުރާ ހޯދުމުގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×