ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ނާއިބުރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

09 May 2012

ނެޓްބޯޅަ އެސޯސިއޭޝަނުގެ ނާއިބުރައީސާ މުޡުހިރާ އިބްރާހީމް، ނެޓްބޯޅަ އެސޯސިއޭޝަނުގެ ލެޓާރހެޑާއި ތައްގަނޑު ބޭނުންކޮށްގެން އޭނާއަށް ނެޓްބޯޅަ އެސޯސިއޭޝަނުން މަހަކު 12,000 (ބާރަހާސް) ރުފިޔާ ލިބޭކަމަށްބުނެ، ދޮގު މަޢުލޫމާތު ހިމެނޭ ސިޓީއެއް އަމިއްލައަށް ސޮއިކޮށް، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ (އެޗް.ޑީ.އެފް.ސީ) އަށް ފޮނުވާފައިވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު، ނެޓްބޯޅަ އެސޯސިއޭޝަނުގެ ނާއިބުރައީސާ މުޡުހިރާ އިބްރާހީމްއަށް އެ އެސޯސިއޭޝަނުން ލިބެނީ މަހަކު 4,000 (ހަތަރު ހާސް) ރުފިޔާ ކަން އެނގެއެވެ. ނަމަވެސް، މުޡުހިރާ އިބްރާހީމަށް ނެޓްބޯޅަ އެސޯސިއޭޝަނުން 12,000.00 (ބާރަހާސް) ރުފިޔާ ލިބޭކަމަށް ބަޔާންކޮށް މުޡުހިރާ އިބްރާހީމް އަމިއްލައަށް ސޮއިކޮށް އެސޯސިއޭޝަނުގެ ނަމުގައި އެޗް.ޑީ.އެފް.ސީއަށް ސިޓީއެއް ފޮނުވާފައިވެއެވެ. އަދި ނެޓްބޯލް އެސޯސިއޭޝަނުގެ ޖަލްސާއެއްގައި އެއެސޯސިއޭޝަންގެ ނާއިބުރައީސް މުޡުހިރާ އިބްރާހީމް އެއެސޯސިއޭޝަންގެ ނަމުގައި އެފަދަ ސިޓީއެއްގައި ސޮއިކޮށް އެޗް.ޑީ.އެފް.ސީ އަށް ފޮނުވިކަމަށް މުޡުހިރާ އިބްރާހީމް އެއްބަސްވެފައިވާ ކަންވެސް އެނގެއެވެ. އޭގެއިތުރުން، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިން ފޮނުވި ސިޓީގައިވާ އިބާރާތް ބަދަލު ކުރުމަށް އެދި 27 އޭޕްރީލް 2011 ވަނަ ދުވަހު މުޡުހިރާ އިބްރާހީމް އެޗް.ޑީ.އެފް.ސީ އަށް ސިޓީ އެއް ފޮނުވާފައިވެއެވެ. 27 އޭޕްރީލް 2011 ވަނަ ދުވަހު މުޡުހިރާ އިބްރާހީމް އެޗް.ޑީ.އެފް.ސީ އަށް ފޮނުވި ސިޓީއަކީ އޭނާއަށް އަމިއްލައަށް ފެނިގެން ފޮނުވިސިޓީއެއް ނޫންކަމާއި، އެޗް.ޑީ.އެފް.ސީ އަށް މުޡުހިރާ އިބްރާހީމް 01 މާޗް 2011 ވަނަ ދުވަހު ފޮނުވި ސިޓީގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވިގެން އެކަން މުޡުހިރާ އިބްރާހީމްއަށް އެންގުމުން ފޮނުވި ސިޓީއެއްކަމާއި އަދި މުޡުހިރާ އިބްރާހީމްގެ މި ޢަމަލަކީ އެޗް.ޑީ.އެފް.ސީ އަށް އޮޅުވާލުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ތަޙުޤީޤަށް ފާހަގަކުރެވެއެވެ.
އެހެންކަމުން، މުޡުހިރާ އިބްރާހީމް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ލެޓާރހެޑާއި ތައްގަނޑު ބޭނުންކޮށް އަމިއްލަ ނަމުގައި ސޮއިކޮށް ދޮގު މަޢުލޫމާތު އެޗް.ޑީ.އެފް.ސީ އަށް ފޮނުވާފައިވަނީ އެނާގެ އާޢިލީ ގާތް ފަރާތެއްގެ ލޯނު އެޗް.ޑީ.އެފް.ސީ އިން ހޯދުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2/2000 )ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު( ގެ 12 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް 23 ވަނަ މައްދާގެ ދަށުން ގ.މާލަމް، މުޡުހިރާ އިބްރާހީމްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާޢިޒު ފައިދާ ހޯދައިދޭން އުޅުމުގެ ކުށުގެ ދައުވާކުރުމަށް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި 16 އެޕްރީލް 2012 ވަނަ ދުވަހު މިމައްސަލަ ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×