ކ.ފުށިދިއްގަރުކިޔާ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބޭރުބަޔަކަށް ދިންކަމަށް ބުނާ މައްސަލަ ނިންމިގޮތް ތިރީގައި އެވަނީއެވެ.
1. ކ.ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް، ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް 2011 ވަނަ އަހަރު ހުށަހެޅި ޕްރޮޖެކްޓް ޕްރޮޕޯސަލްއާކާ ގުޅިގެން، އެ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާފަދައިން ދިވެހި ސަރުކާރުން ޙިއްޞާވާ ޖޮއިންޓް ވެންޗަރއެއްގެދަށުން ކ.ފުށިދިއްގަރުފަޅު ކުއްޔަށްދިނުމަށް ނިންމާފައިވަނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުންނާއި، 29 ނޮވެމްބަރ 2011 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމައިގެންކަން މިނިސްޓްރީ އޮފް ފިނޭންސްގެ ސިޓީއަކުން އެނގެއެވެ.
1.1 ކ.ފުށިދިއްގަރު ފަޅު ސްޕެޝިއަލް ޓޫރިޒަމް ޒޯނެއްގެގޮތުގައި ތަރައްޤީކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން ފާސްކުރިއިރު، އެ މަޝްރޫޢުކުރިޔަށް ގެންދެވޭނީ ދިވެހި ސަރުކާރުން %50 ޙިއްޞާވާ ޖޮއިންޓް ވެންޗަރއެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވީނަމަވެސް، ކ.ފުށިދިއްގަރު ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމުގެ ބޭނުމުގައި، ދިވެހި ސަރުކާރާއި އަމިއްލަ ކުންފުންޏަކާ ދެމެދު 18 ޖަނަވަރީ 2013 ގައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ދިވެހިސަރުކާރުގެ ޙިއްޞާއަކީ %25 ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތަށް މެދުވެރިވެފައިވަނީ ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ 2011 ވަނަ އަހަރު ކަމަށްވެފައި 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުއައިއިރު، ފަޅުތައް ކުއްޔަށް ދޭއިރު އިކުއިޒިޝަން ކޯސްޓެއް ނަގާގޮތަށް ނިންމުމުންކަމަށް ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދުވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދުވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައިވެސް އަދި އެކަމާ ގުޅޭގޮތުން ކޮށްފައިވާ އެހެން މުޢާމަލާތްތަކުގައިވެސް ކ.ފުށިދިއްގަރުފަޅު ކުއްޔަށްދޭއިރު އިކުއިޒިޝަން ކޯސްޓެއް ނެގުމާ ގުޅޭގޮތުން އެއްވެސް މުޢާމަލާތެއްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
1.2 ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު 18 ޖަނަވަރީ 2013 ގައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީކުރުން ލަސްވުމާ ގުޅިގެން އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީކުރުމަށް ސިވިލް ކޯޓުން ޙުކުމް ކުރުމާގުޅިގެން، ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތަށް ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީކުރުމުގެ ކުރިން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީކުރުމާ ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާގެ ހުއްދަ ހޯދާފައިވާކަން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ސީޓީއަކުން އެނގެއެވެ.
1.3 ކ.ފުށިދިއްގަރުފަޅު ކުއްޔަށްދިނުމަށް ދިވެހިސަރުކާރާއި އެ ކުންފުންޏާ ދެމެދު ސޮއިކުރަންޖެހޭ މާސްޓަރ ލީސް އެގްރިމަންޓުގައި ދިވެހި ސަރުކާރުން މިހާތަނަށް ސޮއިކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. އިސްވެދެންނެވުނު މާސްޓަރ ލީސް އެގްރިމަންޓްގައި ސޮއިކޮށްފައިނުވަނީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާ ގުޅިގެން ދެފަރާތުން އެކަންތައް އެއްބަސްވުމަކަށް ނާދެވުމުންކަމަށް ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ.
1.4 މަތީގައި ފާހަގަކޮށްފައިވާ ކަންތައްތައްކަށް ބަލާއިރު، ޖޮއިންޓް ވެންޗަރ އުސޫލުން ކ.ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 05 މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންކަމާއި، ކ.ފުށިދިއްގަރުފަޅު ކުއްޔަށްދިނުމުގެ ގޮތުން ދިވެހިސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގެ ދަށުން، އުފައްދައި ރަޖިސްޓްރީކޮށްފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ، ޝަރުޢީ ކޯޓެއްގެ ޙުކުމަކާ ގުޅިގެންކަމާއި، މި މުޢާމަލާތުގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގައި ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދޭން މަސައްކަތްކޮށްފައިވާކަން ސާބިތުކުރެވޭވަރަށް ތަޙުޤީޤަށް ހެއްކާއި ޤަރީނާ ލިބިފައިނުވާކަން ފާހަގަ ކުރެވެއެވެ.
2. މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ތުޙުމަތުތަކަށް ބަލާއިރު ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމުގެ ގޮތުން ދިވެހިސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަރުކާރު ބަންދު ދުވަހެއްގައި، ޓްރޭޑަރސް ހޮޓެލްގައި ކަމަށް ބުނެފައިވީނަމަވެސް، އެކަން ސާބިތުކުރެވޭ މިންވަރަށް ހެއްކާ ގަރީނާ ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.
3. ކ.ފުށިދިއްގަރުކިޔާ ފަޅެއް އެއްވެސް ފައިދާއެއް ނުލިބޭގޮތަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބޭރުބަޔަކަށް ދިންކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރިކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފި ޓޫރިޒަމަށް ވަނީ އެންގިފައެވެ.
ކ.ފުށިދިއްގަރު ފަޅު ސްޕެޝިއަލް ޓޫރިޒަމް ޒޯނެއްގެގޮތުގައި ތަރައްޤީކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން ފާސްކުރިއިރު، އެ މަޝްރޫޢުކުރިޔަށް ގެންދެވޭނީ ދިވެހި ސަރުކާރުން %50 ޙިއްޞާވާ ޖޮއިންޓް ވެންޗަރއެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވީނަމަވެސް، ކ.ފުށިދިއްގަރު ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމުގެ ބޭނުމުގައި، ދިވެހި ސަރުކާރާއި އަމިއްލަ ކުންފުންޏަކާ ދެމެދު 18 ޖަނަވަރީ 2013 ގައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ދިވެހިސަރުކާރުގެ ޙިއްޞާއަކީ %25 ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތަށް މެދުވެރިވެފައިވަނީ ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ 2011 ވަނަ އަހަރު ކަމަށްވެފައި 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުއައިއިރު، ފަޅުތައް ކުއްޔަށް ދޭއިރު އިކުއިޒިޝަން ކޯސްޓެއް ނަގާގޮތަށް ނިންމުމުންކަމަށް ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދުވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދުވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައިވެސް އަދި އެކަމާ ގުޅޭގޮތުން ކޮށްފައިވާ އެހެން މުޢާމަލާތްތަކުގައިވެސް ކ.ފުށިދިއްގަރުފަޅު ކުއްޔަށްދޭއިރު އިކުއިޒިޝަން ކޯސްޓެއް ނެގުމާ ގުޅޭގޮތުން އެއްވެސް މުޢާމަލާތެއްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
ވީމާ، ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ދަށުން ކ.ފުށިދިއްގަރު ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމުގެ ގޮތުން އެ ފަޅު ކުއްޔަށް ދޭނަމަ ދޭންވާނީ ދައުލަތުގެ މިހާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުއްޔަށްދޫކުރާ ފަޅުގެ ބޮޑު މިނަށް ބަލައި، ދައުލަތުން އަކަފޫޓަކަށް ކަނޑައަޅާފައިވާ މިންވަރަކަށް އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުން މެނުވީ ފަޅު ކުއްޔަށް ނުދިނުމަށް ވަނީ އެންގިފައެވެ.
މިހެންވެ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.