ލ.މާމެންދޫ ކުރީގެ ކަތީބު އިބްރާހީމް ޝިޔާމާއި ކުޑަކަތީބު ޢަބްދުﷲ ވަޙީދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

16 May 2012

ލ.މާމެންދޫ ރައްޔިތުންގެ އިންޖީނުގެއަށް ޑީސަލް ގަތުމުގެ އުޞޫލު އޮންނަނީ ކަނޑައެޅޭ މުއްދަތަކަށް، އިޢުލާނުކޮށްގެން އަމިއްލަ ފަރާތަކާ ކޮންޓްރެކްޓް އުޞޫލުން ޙަވާލުކޮށްގެންކަމަށްވާއިރު، އިސްވެރިޔާގެ މަސްލަހަތު އެކުލެވޭ ވިޔަފާރިއަކުން އިޢުލާނެއްނުކޮށް އަދި އެއްބަސްވުމެއް ނުހަދައި 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ބައެއްގައި ރައްޔިތުންގެ އިންޖީނުގެއަށް ޑީސަލް ގަނެ އެތައްލައްކަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު، ލ.މާމެންދޫ އޮފީހުގެ އޭރުގެ ކަތީބު އިބްރާހީމް ޝިޔާމްގެ މަސްލަހަތު ހިމެނޭ ފިހާރައަކުން 812,260.00 (އަށްސަތޭކަ ބާރަހާސް ދުއިސައްތަ ފަސްދޮޅަސް) ރުފިޔާގެ ޑީސަލް ލ.މާމެންދޫ އިންޖީނުގެއަށް ގަނެފައިވުމާއި މީގެތެރެއިން 713,760.00 (ހަތްސަތޭކަ ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް) ރުފިޔާ ޚަރަދުކުރުމަށް ހުއްދަދީފައިވަނީ އިބްރާހީމް ޝިޔާމުކަން އެނގޭތީއާއި އެފިހާރައަކީ އިބްރާހީމް ޝިޔާމްގެ ޢާއިލާގެ ވަރަށްގާތް ފަރާތެއްގެ ފިހާރައެއްކަމަށް ވާތީއާއި، އެފިހާރައިން ޑީސަލް ގަތުމުގައި އޭރު އަމަލުކުރަމުން ގެންދިޔަ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 6.18 މާއްދާގައި (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.08 މާއްދާ) ބުނެފައިވާގޮތަށް އެންޓި-ކޮރަޕްޝަން ބޯޑުގެ ހުއްދައެއް ހޯދާފައިވާކަން އެނގެން ނެތުމުންނާއި އޭރު ލ.މާމެންދޫ އޮފީހުގެ އެންމެ އިސް މުވައްޒަފަކީ އިބްރާހީމް ޝިޔާމް ކަމަށްވާތީ، ލ.މާމެންދޫ އިންޖީނުގެއަށް އިބްރާހީމް ޝިޔާމްގެ ޢާއިލާގެ ވަރަށް ގާތް ފަރާތެއްގެ ފިހާރައިން ޑީސަލް ގަނެފައިމިވަނީ ސަރުކާރުގެ ގަވާއިދާ ޚިލާފަށްކަން ޔަޤީންކުރެވޭނެ ކިތާބީ ހެކި ހުރުމާއެކު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން އިބްރާހީމް ޝިޔާމްގެ މައްޗަށް ދައުވާ ކުރުމަށް ޝަރީޢަތަށް ހުށަހެޅުމަށް 15 އެޕްރީލް 2012ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

ލ.މާމެންދޫ އިންޖީނުގެއަށް ޑީސަލް ގަތުމަށް ލ.މާމެންދޫގެ އަމިއްލަ ފަރާތަކާއެކު ހަދާފައިވާ އެގްރިމެންޓްގެ މުއްދަތު 25 މާރޗް 2007 ގައި ހަމަވުމަށްފަހު 24 ޖޫން 2008 ގައި ލ.މާމެންދޫގެ އެހެން ފަރާތަކާއެކު ޑީސަލް ގަތުމުގެ އެގްރިމެންޓް ހެދުމާ ދެމެދު މާމެންދޫ ރައްޔިތުންގެ އިންޖީނުގެއަށް ޑީސަލް ގަނެފައިވަނީ އޭރު އަމަލުކުރަމުން ގެންދިޔަ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާޢިދާ ޚިލާފަށް ކަމަށްވާތީއާއި، މިމުއްދަތުގައި ގަވާއިދާ ޚިލާފަށް 1,571,465.00 (އެއްމިލިއަން ފަސްސަތޭކަ ހަތްދިހަ އެއްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާގެ ޑީސަލް ލ.މާމެންދޫ ކައުންސިލްގެ އޭރުގެ ކަތީބު އިބްރާހީމް ޝިޔާމްގެ ޢާއިލާގެ ވަރަށް ގާތް ފަރާތެއްގެ ފިހާރައިން ގަނެފައިވާކަން ލިޔުންތަކުން އެނގޭތީއާއި، ލ.މާމެންދޫ ރައްޔިތުންގެ އިންޖީނުގެއަށް ޑީސަލް ގަތުމަށް އަމިއްލަ ފަރާތަކާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 25 މާރޗް 2007 ގައި ހަމަވިއިރު، މާމެންދޫ އޮފީސް ހިންގުމާ ޙަވާލުވެ ހުރީ އޭރުގެ ކުޑަކަތީބު ޢަބްދުﷲ ވަޙީދު ކަމަށްވާތީއާއި، ގަވާއިދާ ޚިލާފަށް ގަނެފައިވާ ޑީސަލަށް ޚަރަދުކޮށްފައިވާ ފައިސާގެ ތެރެއިން 819,205.00 (އަށްސަތޭކަ ނަވާރަ ހާސް ދުއިސައްތަ ފަހެއް) ރުފިޔާ ޚަރަދުކުރުމަށް ހުއްދަދީފައިވަނީ ޢަބްދުﷲ ވަޙީދުކަން ލިޔުންތަކުން އެނގޭތީ، ޢަބްދުﷲ ވަޙީދު ޢަމަލުކޮށްފައިމިވަނީ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަމަށް ބެލެވޭތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަބްދުﷲ ވަޙީދުގެ މައްޗަށް ދައުވާ ކުރުމަށް ޝަރީޢަތަށް ހުށަހެޅުމަށް 15 އެޕްރީލް 2012ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×