ގދ.ރަތަފަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ފައުޒީގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

21 May 2012

ގދ.ރަތަފަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ފައުޒީގެ އާއިލާގެ ވަރަށްގާތް ފަރާތަކަށް ފިއުލް ސަޕްލައި މޯލްޑިވްސްއިން ތެޔޮ ހޯދައިދިނުމަށްޓަކައި އަޙްމަދު ފައުޒީ، އަމިއްލައަށް ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެކަން ކޮށްފައިވަނީ ކައުންސިލްގައި އެއްވެސް މަޝްވަރާއެއްކުރުމެއްނެތި ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށާއި، ގދ.ރަތަފަންދޫ ކައުންސިލްގައި މަޝްވާރާކުރުމެއްނެތި ގާނޫނާއި ގަވާއިދާ ޚިލާފަށް ގދ.ރަތަފަންދޫ ކައުންސިލްގެ ރައީސް، އެރަށު ގޯއްޗަކަށް ބިން އިތުރުކޮށްދީފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު، ގދ. ރަތަފަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ފައުޒީގެ އާއިލާގެ ވަރަށްގާތް ފަރާތަކަށް ފިއުލް ސަޕްލައި މޯލްޑިވްސްއިން ތެޔޮ ހޯދައިދިނުމަށްޓަކައި އަޙްމަދު ފައުޒީ، އަމިއްލައަށް ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސިޓީއެއް ފޮނުވާފައިވާފައިވާކަން އެނގެއެވެ. އެސިޓީ ފޮނުވާފައިވަނީ ގދ.ރަތަފަންދޫ ކައުންސިލްގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާއާ ޚިލާފަށް، ކައުންސިލްގެ ޢާއްމު ބައްދަލުވުމަކަށް އެމައްސަލަ ހުށަހަޅައި، ކައުންސިލުން ގޮތެއް ނިންމައިގެން ނޫންކަން ލިޔެކިޔުންތަކުންނާއި، ހެކިންގެ ހެކިބަހުގެ އިތުރުން އަޙްމަދު ފައުޒީގެ އިޢުތިރާފުން އެނގޭތީއާއި، ރަތަފަންދޫގައި ތެލުގެ ވިޔަފާރި ކުރާނެ ފަރާތެއް ހޯދުމަށް ހަމަހަމަ ފުރުޞަތުތަކެއް ރަށުގެ ރައްޔިތުންނަށް ދީފައިނުވާކަން އެނގޭތީއާއި، ރަތަފަންދޫ ކައުންސިލްގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގެ (ޅ) ގައި ކައުންސިލްގެ ރަސްމީ ލިޔުންތަކާއި ސިއްކައާއި ނިޝާން ބޭނުންކުރަންވާނީ ކައުންސިލްގެ ރަސްމީ ބޭނުންތަކަށްކަމަށް ބުނެފައިވީނަމަވެސް، އެޤަވާޢިދުގެ 33 ވަނަ މާއްދާއާއި ޚިލާފަށް ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، ވަކި ފަރާތަކަށް ތެޔޮ ހޯދައިދިނުމަށް މަސައްކަތްކޮށް، ރަތަފަންދޫ ކައުންސިލް އިދާރާގެ ނަމުގައި އެއިދާރާގެ ލެޓަރހެޑްގައި ދައުލަތުގެ ނިޝާން ބޭނުންކޮށް ސިޓީ ފޮނުވާފައިވާތީ، މިއީ އަޙްމަދު ފައުޒީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

އަދި ގދ.ރަތަފަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ފައުޒީ އެރަށު 2 ގޯއްޗެއްގެ ދެމެދުގައިވާ 950 (ނުވަސަތޭކަ ފަންސާސް) އަކަފޫޓުގެ ބިން އޭގެތެރެއިން އެއް ގޯތީގެ ބައެއްގެ ގޮތުގައި ހަދައި، އެގޯތީގެ ”ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ” ހަދައިދީފައިވަނީ ކައުންސިލްގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާއާ ޚިލާފަށްކަން ލިޔެކިޔުންތަކުންނާއި ހެކިންގެ ހެކިބަހުން އެނގޭތީއާއި، އެގޯއްޗަކީ ކުރިންވެސް 5000 (ފަސްހާސް) އަކަފޫޓުގެ ބޮޑު ގޯއްޗަކަށްވެފައި، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިންބިމާބެހޭ ޤާނޫނު)ގެ 11 ވަނަ މާއްދާގައި، ދިރިއުޅުމަށް ބޭނުންކުރެވޭ އެއްވެސް ގޯއްޗެއް 4000 (ހަތަރުހާސް) އަކަފޫޓަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ބުނެފައިވާ ހިނދުވެސް ގދ. ރަތަފަންދޫ ގޯއްޗަކަށް 950 (ނުވަސަތޭކަ ފަންސާސް) އަކަފޫޓު އިތުރުކޮށް އެގޯއްޗަށް “ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ” ހަދާދީފައިވާތީ، މިއީ ވެސް އަޙްމަދު ފައުޒީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ފައިދާއެއް ހޯދަނިދުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

އެހެންކަމުން، ޤާނޫން ނަންބަރު: 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަމާއްދާގެ (ހ) ގައި ބުނާފަދައިން ގދ.ރަތަފަންދޫ ކުއްޅަވައްގެ އަޙްމަދު ފައުޒީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ފައިދާއެއް ހޯދާދިނުމަށް މަސައްކަތްކޮށްފައިވާތީ، އަޙްމަދު ފައުޒީގެ މައްޗަށް ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 23 ވަނަމާއްދާގެ ދަށުން ދަޢުވާކޮށްދެއްވުމަށް ޝަރީޢަތަށް ހުށެހެޅުމަށް 16 އެޕްރީލް 2012 ގައި އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×