3 ފަނޑިޔާރަކަށް ދީފައިވާ ފުލެޓްތައް އަމިއްލަކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކުރުމަށް އަންގައިފި

23 May 2012

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ފަނޑިޔާރުންގެ ޤާނޫނާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ އޮނިގަނޑާ ޚިލާފަށް 3 ފަނޑިޔާރަކަށް ލިވިންގ އެލަވަންސްގެ އިތުރުން ދިރިއުޅުމަށްޓަކައި ފުލެޓު ދޫކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު، ތިރީގައިމިވާ ކަންކަން ވަނީ ފާހަގަކުރެވިފައެވެ.

ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސް އަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް މިލްކުވާގޮތަށް ކުއްޔަށް ހިފާފައިވާ ފުލެޓުތަކުގައި ދިރިއުޅޭ ފަނޑިޔާރުންގެ ތެރެއިން އެ ފުލެޓުތަކަށް މިހާތަނަށް ފައިސާ ދައްކަމުން ގެންގޮސްފައިވާ ފަރާތްތަކުން، އެފުލެޓެއްގެ އަގު އަދާކޮށް ނިމުމުން އެފަރާތަކަށް އެ ފުލެޓެއް މިލްކުވާގޮތަށް ރަޖިސްޓްރީ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި، އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 38 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރާ ޚިލާފަށް ކަމަށްވުމާއި، އެނިންމުން ތަންފީޒުކޮށްފިނަމަ، އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާންކުރުމާ ކަނޑައެޅިގެން ޚިލާފަށް ތިން ފަނޑިޔާރަކަށް، އެ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓުތަކުގައި މަސައްކަތްކުރާ އެހެން ފަނޑިޔާރުންނަށް ލިބިނުދެވޭ ދިރިއުޅުމުގެ ފަސޭހައެއް ނުވަތަ އިތުރު ޢިނާޔަތެއް ލިބިގެންދިއުމެވެ.

އެހެންކަމުން، މިނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނު ގެ 38 ވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރާ ތަޢާރުޒުވާގޮތަށް ނިންމަވާފައިވާ ނިންމެވުމަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ނަންބަރު: 57-F/ML/195/2012/13 (06 ފެބްރުއަރީ 2012) ސިޓީން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގާފައިވާ އެންގުމާއި ރައްޔިތުންގެ މަޖިލީހުގެ ނަންބަރު 57-F/ML/198/2012/3 (6 ފެބްރުއަރީ 2012) ސިޓީއިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގަވާފައިވާ އެންގުވުން އަލުން މުރާޖަޢާކުރެއްވުމަށް 23 މެއި 2012 ގައި ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވާނީ އެންގިފައެވެ. މީގެއިތުރުން، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް އެއްވެސް ފަނޑިޔާރަކަށް އެއްވެސް ޢިނާޔަތެއް ނުދިނުމަށް 23 މެއި 2012 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވާނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×