ލ.މާވަށު ކުރީގެ ކައުންސިލަރ، ވަލީދު ޒަކަރިއްޔާގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

31 May 2012

ލ.މާވަށު ރ.ކ ކޮމިޓީއާއި ރަށުގެ ވެރިންގެ މަޝްވަރާއާ ނުލައި އެރަށު އިންޖީނުގޭގައި ވަޒީފާ އަދާކުރާ މުވައްޒަފަކަށް 2,000.00 (ދެހާސް) ރުފިޔާގެ އެލަވަންސް ދެމުންގެންދާތާ ތިން މަހަށްވުރެ ގިނަވެފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުގެ ފަރާތުން ތަޙްޤީޤުކުރިއިރު، ލ.މާވަށު އިންޖީނުގޭގެ މުވައްޒަފަކަށް 2009 ވަނަ އަހަރުގެ އޭޕްރީލް މަހާއި މެއިމަހުގައި މަހަކު 2,000 (ދެހާސް) ރުފިޔާގެ ރޭޓުން އިތުރަށްކުރި މަސައްކަތުގެ އެލަވަންސްގެ ގޮތުގައި ފައިސާ ދީފައިވަނީ އިންޖީނުގޭގައި ޢާންމުކޮށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރަށް އެދުވަސްވަރު އެމުވައްޒަފު ކޮންމެވެސް ބޮޑެތި މަސައްކަތްތަކެއް އިންޖީނުގޭގައި ކުރުމުންކަމަށް ލ.މާވަށު ކައުންސިލަރަކަށް އޭރު ހުރި ލ.މާވަށު ސަންދާނު ވަލީދު ޒަކަރިއްޔާ ބުނެފައިވީނަމަވެސް އެމުވައްޒަފު އެދުވަސްވަރު ކުރި މަސައްކަތަކީ ކޮބައިކަން ބުނެދެވިފައިނުވާތީއާއި ރައްޔިތުންގެ އެއްވެސް ބަހެއްނެތި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށް މިފައިސާ ދީފައިމިވަނީ ލ.މާވަށު ކައުންސިލަރަކަށް އޭރު ހުރި ލ.މާވަށު ސަންދާނު ވަލީދު ޒަކަރިއްޔާގެ އަމިއްލަ ނިންމުމެއްގެ މައްޗަށްކަމަށްވުމުން، ލ.މާވަށު އިންޖީނުގޭގެ މުވައްޒަފަކަށް 2009 ވަނަ އަހަރުގެ އޭޕްރިލް މަހާއި މެއިމަހުގައި މަހަކު 2,000.00 (ދެހާސް) ރުފިޔާގެ ރޭޓުން، އިތުރަށްކުރި މަސައްކަތުގެ އެލަވަންސްގެ ގޮތުގައި ފައިސާ ދިނުމަކީ ލ.މާވަށު ކައުންސިލަރަކަށް އޭރު ހުރި ލ.މާވަށު ސަންދާނު ވަލީދު ޒަކަރިއްޔާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ލ.މާވަށު ކައުންސިލަރއަކަށް އޭރު ހުރި ލ.މާވަށު ސަންދާނު ވަލީދު ޒަކަރިއްޔާގެ މައްޗަށް ދައުވާކުރުމަށް ޝަރީޢަތަށް ހުށަހަޅުއްވައިދެއްވުމަށާއި އަދި އެގޮތަށް ޢަމަލުކުރުމުގެ ސަބަބުން ރައްޔިތުންގެ މާލިއްޔަތަށް ލިބުނު ގެއްލުންކަމަށްވާ 4,000.00 (ހަތަރުހާސް) ރުފިޔާ ވަލީދު ޒަކަރިއްޔާގެ އަތުން ހޯދުމުގެ ދަޢުވާކުރުމަށް ޝަރީޢަތަށް ހުށަހަޅައިދެއްވުމަށް އެދި 29 މެއި 2012ވީ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×