ސ.ހިތަދޫ ގައުކެޑި ސަރަޙައްދުގައި ޗެކްޕޯސްޓެއް ޢިމާރާތްކުރުމަށް ކުރީގެ ރކ.ކޮމިޓީން ނިންމައި، ޗެކްޕޯސްޓުގެ ކުރެހުން ތައްޔާރުކޮށް، އެސްޓިމޭޓް ހޯދައިފައިވީނަމަވެސް ގައުމުގެ މާލީ ޙާލަތު ހުރިގޮތުން އެމަސައްކަތަށްވުރެ މުހިންމު ކަންތައް ހުރުމުން އެމަސައްކަތް ނުކުރުމަށް ނިންމާފައިވަނިކޮށް ޗެކްޕޯސްޓް މަސައްކަތް ބަޔަކާ ޙަވާލުކޮށްގެން ކުރުވާ އަދި އެމަސައްކަތުގެ އަގަށްވާ ފައިސާ ދެއްކުމަށް ހަމަޖެހިފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިއިރު، ސ.ހިތަދޫ ގައުކެޑި ސަރަޙައްދުގައި ޗެކްޕޯސްޓެއް ޢިމާރާތްކުރުމަށް އޭރު އޮތް ރކ.ކޮމިޓީގައި މަޝްވަރާކުރެވިގެން ހިތަދޫ ރައްޔިތުންގެ އެކައުންޓުން ފައިސާ ނެގުމަށްފަހު، އެދުވަސްވަރު މިމަސައްކަތް ނުކުރުމަށް އޭރު އޮތް ރކ.ކޮމިޓީން ނިންމުމުން، އަނބުރާ ރައްޔިތުންގެ އެކައުންޓަށް އެފައިސާ ޖަމާކޮށްފައިވަނިކޮށް، އޭގެ ފަހުން، ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް މިމަސައްކަތް އަލުން ކުރުމަށް ފައިސާ ހޯދުމަށް ލިޔެ މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިވަނީ ސ.ހިތަދޫ ކުރީގެ ކައުންސިލަރ ސ.ހިތަދޫ އަސަރީގޭ މުޙައްމަދު ޝާމިން ޢަލީ ކަން ލިޔެކިޔުމުން އެނގެއެވެ. އަދި ސ.ހިތަދޫ ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން މިމަސައްކަތް ކުރުވާފައި މިވަނީ މަދަނީ ކޯޓުގެ ނަންބަރު 3087/MC/2009 (28 ފެބްރުއަރީ 2010) ޤަޟިއްޔާއިން ނިންމާފައިވާ ޙުކުމާ އެއްގޮތަށް ރައްޔިތުންގެ މަސްލަޙަތަށް ބަލައިގެން އަދި ރައްޔިތުންގެ ރުހުން އޮވެގެންކަމަށް ނުބެލެވެއެވެ. އަދި ހިތަދޫ ގައުކެޑި ސަރަޙައްދުގައި ޢިމާރާތްކުރި ޗެކްޕޯސްޓު ފުލުހުން ބޭނުންކޮށްފައިވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގައިކަމަށްވެފައި ހިތަދޫ ރައްޔިތުންގެ ފައިސާއިން 189,393.75 (އެއްސަތޭކަ އަށްޑިހަ ނުވަހާސް ތިންސަތޭކަ ނުވަދިހަ ތިން ރުފިޔާ ހަތްދިހަ ފަސްލާރި) ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރި ޗެކްޕޯސްޓުގެ ނަފާ އެންމެ އެދެވޭގޮތުގައި ރައްޔިތުންނަށް ނުލިބި އެތަން މިހާރު ހަލާކުވެފައިވުމުން މިފައިސާ ޚަރަދުކުރެވިފައިމިވަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ނޫންކަމަށް ބެލެވެއެވެ.
އެހެންކަމުން، ސ.ހިތަދޫ ގައުކެޑި ސަރަޙައްދުގައި ޢިމާރާތް ކޮށްފައިވާ ޗެކްޕޯސްޓް ޢިމާރާތްކުރުމުގެ މަސައްކަތަކީ ސ.ހިތަދޫ ކައުންސިލަރއަކަށް އޭރު ހުރި ސ.ހިތަދޫ އަސަރީގޭ މުޙައްމަދު ޝާމިން ޢަލީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެމަސައްކަތް ކުރި ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ޝާމިން ޢަލީގެ މައްޗަށް ދައުވާކުރުމަށް މި މައްސަލަ ޝަރީޢަތަށް ހުށަހަޅުއްވައިދެއްވުން އެދި 30 މެއި 2012 ގައި ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.