ދަރުބާރުގެ ބެލެހެއްޓުމާ ވަގުތީގޮތުން ޙަވާލުވެގެން ކުރިން ހުރި އިބްރާހީމް ފަޔާޟްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

06 Jun 2012

26 އޭޕްރިލް 2011ވަނަ ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި އެމް.ޑީ.ޕީ.ގެ އިންޓާނަލް އިލެކްޝަނާ ގުޅިގެން ބާއްވާ ބަހުސް ބޭއްވުމަށް ބްރޯޑްކާސްޓިންގ މޯލްޑިވްސް (ދިޓީވީ)އަށް އެތަން ދޫކޮށްފައިވާ ކަމަށާއި، އެކަމަށް އެކުންފުނިން ވަރަށް ގިނަ ތައްޔާރީތައްވެ، ބޮޑުތި ޚަރަދުތަކެއް ކޮށް، އިންވެންޓް އޮންނާނެކަމަށް މީޑިއާއަށް ޢާއްމުވެސް ކޮށްފައިވަނިކޮށް، އެތަނުގެ ބުކިންގ ރާއްޖެ ޓީވީއަށް ބަދަލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިއިރު، 26 އޭޕްރީލް 2011 ވަނަ ދުވަހަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަން ކުއްޔަށް ހިފުމަށް ދިޓީވީން ހަދާފައިވާ ބުކިންގ ކެންސަލްކޮށް އެބުކިންގ ރާއްޖެޓީވީއަށް ބަދަލުކޮށްފައިވަނީ ދަރުބާރުގެ ކުއްޔަށް ދޫކުރަމުންދާ ޢާއްމު އުޞޫލާ ޚިލާފަށް އިވެންޓް އޮންނަ ދުވަހުގެ ކުރީ ދުވަހާ ހަމައަށް ފައިސާ ދެއްކުމުގެ މުއްދަތުއޮއްވައި ކަމާއި، ކުރިން ބުކިން ހަދާފައިވާ ފަރާތެއްގެ ބުކިން ކެންސަލް ކުރަނީނަމަ ކެންސަލް ކުރަނީ އެފަރާތާ މަޝްވަރާ ކުރުމަށްފަހު އެފަރާތުން އެއްބަސްވުމުން ކަން ހެކިންގެ ހެކިބަހުން އެނގޭއިރު، ދިޓީވީގެ ބުކިން ކެންސަލްކޮށް އެބުކިންގ ރާއްޖެޓީވީއަށް ބަދަލުކޮށްފައިވަނީ ދިޓީވީއާ މަޝްވަރާ ކުރުމެއްނެތި ކަމަށްވާތީއާއި، އަދި ދިޓީވީގެ ބުކިން ކެންސަލްކޮށްފައިވަނީ ފޯނުން ގުޅާފައި ފައިސާ ދެއްކުމަށް ދިޓީވީއަށް އަންގައި ފައިސާ ދެއްކުމަށް ފުރުޞަތުދިނުމަށްފަހުގައި ކަމަށް ދަރުބާރުގެ ބެލެހެއްޓުމާ ވަގުތީގޮތުން ޙަވާލުވެ އޭރު ހުރި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ޑިރެކްޓަރ އިބްރާހީމް ފަޔާޟް ބުނާއިރު އެފަދަ ފުރުޞަތެއް ދިޓީވީއަށް ދީފައިނުވާކަން ހެކިންގެ ހެކިބަހުން ޘާބިތުވާތީއާއި، ދިޓީވީގެ ބުކިންގ ކެންސަލްކޮށް ރާއްޖެ ޓީވީއަށް އެބުކިންގ ބަދަލުކޮށްފައިވަނީ އިބްރާހީމް ފަޔާޟް އަންގައިގެންކަން ހެކިންގެ ހެކިބަހުން ޘާބިތުވާތީއާއި، އަދި އެކަމަށް ޚުދް އިބްރާހީމް ފަޔާޟްވެސް އިޢުތިރާފްވެފައިވާތީ، 26 އޭޕްރީލް 2010 ވަނަ ދުވަހަށް ދަރުބާރުގެ ބޭނުންވެގެން ދިޓީވީން ހައްދާފައިވާ ބުކިން ކެންސަލްކޮށް ރާއްޖެޓީވީއަށް އެބުކިންގ ބަދަލުކޮށްފައިވަނީ އިބްރާހީމް ފަޔާޟް މަޤާމްގެ ނުފޫޒް ބޭނުންކޮށްގެން، ދަރުބާރުގެ ކުއްޔަށް ދޫކުރެވެމުންދާ އުޞޫލާއި ޚިލާފަށް، ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަޙްޤީގަށް ފާހަގަކުރެވެއެވެ.

އެހެންކަމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ: 2000/2) ގެ 12 ވަނަމާއްދާގެ (ހ) ގައި ބުނާފަދައިން މ. މެރީޑްރީމް، އިބްރާހީމް ފަޔާޟް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، މ. މެރީޑްރީމް، އިބްރާހީމް ފަޔާޟްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ: 2000/2) ގެ 12 ވަނަމާއްދާގެ (ހ)އަށް ރިޢާޔަތްކޮށް އެޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށްދެއްވުމަށް އެދި 03 ޖޫން 2012ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×