ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ގދ.އަތޮޅު ކައުންސިލްގެ އިދާރާއަށް ފަރުނީޗަރު ގަނެފައިވާކަމަށް ބެލެވޭ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

12 Jun 2012

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ގދ.އަތޮޅު ކައުންސިލްގެ އިދާރާއަށް މާލޭގެ ފިހާރައަކުން 54,200.00 (ފަންސާސް ހަތަރުހާސް ދުއިސައްތަ) ރުފިޔާގެ ތަކެތި ގަނެފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް މިކޮމިޝަނުން ބެލިއިރު، ގދ. އަތޮޅުކައުންސިލަރުން ތިބުމަށް ހޯދި ގޮނޑިއާއި މޭޒު ހޯދުމަށް އަތޮޅުކައުންސިލުން އެއްފަހަރާ ނިންމުމަށްފަހު، މިތަކެތި ގަތުމަށްޓަކައި ތިން ފަހަރުމަތިން އެފިހާރައިން ކޯޓޭޝަން ހޯދައިގެން އެއްތާރީޚެއްގައި ތިން ޕާޗޭސް އޯޑަރެއް ހަދާފައިވެއެވެ. އަދި މި ތިން ޕާޗޭސް އޯޑަރވެސް ހަދާފައިވަނީ ޖެހިޖެހިގެން ހުރި ސީރިއަލް ނަމްބަރުތަކެއްގައި އެއްފަރާތަކަށެވެ. އަދި މިތަކެތި ލިބިފައިވަނީ އެއްކޮށްކަމަށް މިތަކެއްޗާ ޙަވާލުވި ގދ. އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފު ބުނެފައިވެއެވެ. އަދި މިތަކެތީގެ ބިލްވެސް އަތޮޅުކައުންސިލަށް ފޮނުވާފައިވަނީ އެއްތާރީޚެއްގައިކަމަށްވާއިރު، އެބިލްތަކަށް ފައިސާވެސް ދައްކާފައިވަނީ އެއް ޕޭމަންޓް ވައުޗަރަކުންނެވެ.

މިތަކެއްޗަކީ އެއްފަހަރާ ގަނެވިދާނެ ތަކެތިކަމަށްވާއިރު، މިތަކެތި ބައިބަޔަށް ބަހާލައިގެން ގަނެފައިވަނީ އެއްފަހަރާ ގަންނަ ތަކެތީގެ އަގު 25,000.00 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ މަތިނަމަ އިޢުލާންކުރަން ޖެހޭނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އޮންނާތީ އިޢުލާން ނުކޮށް އެތަކެތި ގަންނަންވެގެންކަމަށް މިމައްސަލައިގައި ސުވާލުކުރެވުނު ބައެއް ފަރާތްތަކުގެ ބަހުން އެނގެއެވެ. އެހެންކަމުން، މިތަކެތި ގަނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.01 ވަނަ މާއްދާގެ (މ) އާއި 8.15 ވަނަ މާއްދާގެ (ހ) އާ ޚިލާފަށެވެ.

ވީމާ، ގދ.އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ފަރުނީޗަރ ގަތުމަށްޓަކައި އެތަކެތި ލިބެންހުރި ތަންތަން ހޯދުމަށް ގަވާއިދުން އިޢުލާންނުކޮށް އެފިހާރައިން ތަކެތި ގަނެފައިވަނީ އެފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަމަށް ބެލެވޭތީ، އެތަކެތި އެފިހާރައިން ގަންނަން ނިންމި ފަރާތްތައް ކަމުގައިވާ ގދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިޡާމް (ހުޅުމާލެ 10144/މާލެ) އާއި، ގދ.އަތޮޅު ކައުންސިލްގެ ނާއިބުރައީސް ގދ.މަޑަވެލީ އަދުންގޭ ސާހިރު ޙަސަނާއި، ގދ.އަތޮޅު ކައުންސިލްގެ މެންބަރުން ކަމުގައިވާ ގދ.ފިޔޯރީ “ނެލުން” މުޙައްމަދު މުޚްތާރާއި، ގދ.ހޯޑެއްދޫ ޝާދީވިލާ ޢަބްދުﷲ ޝިފާޒްގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި 11 ޖޫން 2012 ގައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×