ލ. ހިތަދޫ ކައުންސިލަރ އަޚްމަދު ޢަލީ، ހިރާ/ ލ.ހިތަދޫ އޭނާގެ ބައްޕަގެ ”ރިވެލި” ދޯނީގެ ”މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓް” ގެ މުއްދަތު ހަމަވެފައިވަނިކޮށް، ދައްކަން ޖެހޭ ޖޫރިމަނާ ނުދައްކައި މަސްވެރިކަމާބެހޭ ސެޓިފިކެޓް އޮޅުވާލައިގެން ހައްދާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރިކުރުމުގައި، 31 ޑިސެމްބަރ 2009 ގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ދޫކޮށްފައިވާ ”ރިވެލި” ދޯނީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ހެދުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އެދޯނީގެ ސަލާމަތާބެހޭ ސެޓްފިކެޓަކީ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓެއްކަން ފާހަގަކުރެވިފައިވެއެވެ. އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި އެކުއަރކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (2) ގައި، އެކްސްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު މުއްދަތު ހަމަނުވާ ސަލާމަތީ ސެޓްފިކެޓް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާތީއާއި، “ރިވެލި” ދޯނީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ހަދައިދިންއިރު އެލައިސަންސް ހެދުމަށް އެދި ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ދޯނީގެ ސަލާމަތާބެހޭ ސެޓްފިކެޓަކީ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓެއްކަން އެނގިހުރެ، “ރިވެލި” ދޯނީގެ ސަލާމަތާބެހޭ ސެޓިފިކެޓްގެ މުއްދަތު ހަމަވެފައިވަނިކޮށް އެސެޓްފިކެޓް އޮތްކަމަށް ބަލައިގެން ”ރިވެލި” ދޯނީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ހަދައިދީފައި އޮތްއޮތުމަކީ، ލ.ހިތަދޫ ކައުންސިލަރއަކަށް އޭރު ހުރި ލ.ހިތަދޫ ހިރާ އަޙްމަދު ޢަލީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ށ) ގެ ދަށުން އަޙުމަދު ޢަލީގެ މައްޗަށް ދަޢުވާކުރުމަށްޓަކައި 11 ޖޫން 2012ގައި މިމައްސަލަ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ.