މާލެއާއި ވިލިނގިލީ ފުލެޓްތަކުގެ ސެކިއުރިޓީއާއި މެއިންޓެނެންސް މަސައްކަތުގެ އެއްބަސްވުން ބާޠިލްކުރުމަށް އަންގައިފި

11 Jul 2012

މާލޭގައި މީހުން ދިރިއުޅެމުންދާ ފްލެޓްތަކުގެ މެއިންޓެނަންސްއާއި ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރުމުން ބިޑު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށާއި، އެފަރާތާ އެމަސައްކަތް 500,000.00 (ފަސްލައްކަ) ރުފިޔާއަށް ޙަވާލުކުރަން ނިންމާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، މާލެއާއި ވިލިގިލީ ފުލެޓްތަކުގެ މެއިންޓެނެންސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގައި، މާލޭ ސިޓީކައުންސިލް އިދާރާއިން އަމަލުކޮށްފައިވާގޮތް މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު، ތިރީގައި މިދަންނަވާ ކަންކަން ފާހަގަކުރެވިފައިވެއެވެ.

1. މާލެއާއި ވިލިގިލީ ފުލެޓްތަކުގެ މެއިންޓެނެންސްއާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭގޮތުން މާލޭ ސިޓީކައުންސިލް އިދާރާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓަށް ފޮނުވި ސިޓީއަކާ ގުޅިގެން، އެސިޓީގެ ޖަވާބުގައި، އެމިނިސްޓްރީން މާލޭ ސިޓީކައުންސިލް އިދާރާއަށް ފޮނުވާފައިވާ ސިޓީގައި، ފުލެޓްތައް މެއިންޓެއިންކުރުމަށް ބަޔަކާ ޙަވާލުކުރާނަމަ؛

• ސަރުކާރުން ޢިމާރާތްކުރާ ފުލެޓްތަކަކީ ވަކި އުޞޫލެއްގެ ދަށުން ދިވެހި ރައްޔިތުންނަށް ދޫކުރެވޭ ފުލެޓްތަކެއްކަމުގައިވާތީ، ފުލެޓް ޢިމާރާތްތައް މެނޭޖްކުރުމަށް ވަކިފަރާތަކާ ޙަވާލުކުރުމުގައި، އެއްވެސް ފުލެޓެއް އެފަރާތާ ޙަވާލުނުކުރެވޭނެކަމާއި،

• ޢިމާރާތްތަކުގެ ދޭތެރޭގައި ޢިމާރާތް ހުރި ގޯތީގައި އޮންނަ ހުސް ސަރަޙައްދުގައި އެއްވެސް ޢިމާރާތެއް ނުކުރެވޭނެކަމަށާއި، އަދި ލޭންޑު ސްކޭޕްކުރުމުގައި މުޅި ސަރަޙައްދުގެ ތަރައްޤީގެ ޕްލޭނާ ގުޅުވައިގެން ކުރިއަށް ގެންދިއުމަށާއި،

• ސިނަމާލެ އަދި މާލެހިޔާގެ ބައެއް އެޕާޓްމެންޓްތަކަކީ ފުލެޓްތަކުގެ ވެރިފަރާތުން އަމިއްލަކޮށްފައިވާ ފުލެޓްތަކެއްކަމުން މިޢިމާރާތްތައް މެނޭޖްކުރުމާއި މެއިންޓެއިންކުރުމަށް ބަޔަކާ ޙަވާލުކުރުމުގައި އެފަރާތްތަކުގެ ރުހުން ހޯދަންޖެހޭނެކަން ފާހަގަކޮށް، މިކަންކަމަށް ރިއާޔަތްކުރުމަށް ދަންނަވާފައިވާކަން.
2. ފުލެޓްތަކުގެ މެއިންޓެނެންސްއާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަކީ ޖުމްލަ އަގު 1.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތަކަށް ވުމާއެކު މިމަސައްކަތަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.25 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 15ގެ 13 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތިން ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކުރަންޖެހޭ މަސައްކަތެއްނަމަވެސް މާލޭ ސިޓީކައުންސިލްގެ އިދާރާއިން އެގޮތަށް ޢަމަލުކޮށްފައި ނުވާކަން.
3. ސަރުކާރުން ޢިމާރާތްކުރާ ފުލެޓްތަކަކީ ވަކި އުޞޫލެއްގެ ދަށުން ދިވެހި ރައްޔިތުންނަށް ދޫކުރެވޭ ފުލެޓްތަކެއްކަމުގައިވާތީ، ފުލެޓް ޢިމާރާތްތައް މެނޭޖްކުރުމަށް ވަކިފަރާތަކާ ޙަވާލުކުރުމުގައި، އެއްވެސް ފުލެޓެއް އެފަރާތާ ޙަވާލުނުކުރެވޭނެކަމަށާއި ޢިމާރާތްތަކުގެ ދޭތެރޭގައި ޢިމާރާތް ހުރި ގޯތީގައި އޮންނަ ހުސް ސަރަޙައްދުގައި އެއްވެސް ޢިމާރާތެއް ނުކުރެވޭނެކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑު އެންވަޔަރަންމަންޓުން އަންގާފައިވަނިކޮށް، އެކަންކަމަށް ރިއާޔަތްނުކޮށް، މިފަދަ ތަންތަންވެސް މަސައްކަތް ލިބޭ ފަރާތާ ޙަވާލުކުރެވޭނެގޮތަށް މަސައްކަތުގެ އެއްބަސްވުން ހަދާފައިވާކަން.
4. މާލެ އާއި ވިލިގިލީގައި ހުރި ފުލެޓްތަކުގެ މެއިންޓެނެންސްއާއި ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން މާލޭ ސިޓީކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާގުޅިގެން ދީފައިވާ މަޢުލޫމާތުގައިވެސް އަދި އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ ބިޑުގައިވެސް މިމަސައްކަތަށް އެއްވެސް މުއްދަތެއް ހުށަހަޅާފައި ނުވިނަމަވެސް ފުލެޓްތަކުގެ މެއިންޓެނެންސްއާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 10 އަހަރުދުވަހަށް އެމަސައްކަތް ޙަވާލުކުރިކަމަށް، މަސައްކަތުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަން.
5. ފުލެޓްތަކުގެ މެއިންޓެނެންސްއާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ މާލޭ ސިޓީކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިނުވާތީއާއި، މީގެ އިތުރުން އެއިދާރާގެ ނަންބަރު: 0101-2012/0589 (16 މެއި 2012) ޕޭމެންޓް ވައުޗަރު، އެއިދާރާއިން އެސް.އޭ.ޕީ. ސިސްޓަމުން ޕޯސްޓްކޮށްފައިވަނީ، ބަޖެޓް އައިޓަމްގައި ޕޭމެންޓް ވައުޗަރުގައިވާ ފައިސާ ދެއްކޭނެވަރަށް ބާކީ ނެތިސް، އައިޓަމް ޑެބިޓްކޮށްކަމަށްވާތީ، މާލޭ ސިޓީކައުންސިލްގެ އިދާރާގެ ނަންބަރު 0101-2012/0589 (16 މެއި 2012) ޕޭމެންޓް ވައުޗަރުން އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތަށް ދައްކާފައިވާ 500,000.00 (ފަސްސަތޭކަހާސް) ރުފިޔާ ޚަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 4.06 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށްކަން.
6. މާލޭ ސިޓީކައުންސިލްގެ އިދާރާގެ ނަންބަރު: (FRM)425-A2/13/2012/27 (13 މެއި 2012) އޮފީސް ބަޖެޓަށް ބަދަލުގެންނަ ފޯމުން، ކޯޑު ނަންބަރު 223999 (އެހެނިހެން އޮފީސް ހިންގުމުގެ ޚަރަދު) އަށް 500,000.00 (ފަސްސަތޭކަހާސް) ރުފިޔާ އިތުރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑު ޓްރެޜަރީއަށް ހުށަހަޅާފައިވާއިރު، މިފޯމާ ގުޅިގެން މާލޭ ސިޓީކައުންސިލްގެ އިދާރާގެ ބަޖެޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމާއި، އަދި މިފޯމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން އެއިދާރާއަށް ފޮނުވާފައިވާ ނަންބަރު: 13-B/425/2012/14 (07 ޖޫން 2012) ސިޓީގައި، ބަޖެޓަށް ބަދަލުގެނެސްގެން އިތުރުކުރުމަށް އެދިފައިވާ ފައިސާއިން ޚަރަދުކުރުމަށް ބޭނުންވާކަމަށް ހުށަހަޅާފައިވާ، ސިނަމާލެއާއި މާލެހިޔާ ފުލެޓްތަކުގެ މަރާމާތުކުރުމަށާއި މެއިންޓެނެންސްކޮށް ބެލެހެއްޓުމަށާއި ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތުގެ ޖުމްލަ އަގު 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 77 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާގޮތުގެމަތިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.25 ވަނަ މާއްދާއާ އެއްގޮތަށް ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅަންޖެހޭތީ، މިގޮތަށް ޢަމަލުކުރުމަށްފަހު ބަޖެޓުން ޚަރަދުކުރުމަށް ގެންނަންޖެހޭ ބަދަލު ގެނައުން އެދޭ ކަމަށް ބަޔާންކޮށްފައިވާކަން.
7. މިމަސައްކަތުގެ އަގުގެ ގޮތުގައި ފުރަތަމަ އަހަރު 3,750,000.00 (ތިންމިލިއަން ހަތްސަތޭކަ ފަންސާސްހާސް) ރުފިޔާ އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތަށް ދައްކަންޖެހޭއިރު، އޭގެފަހުން ބާކީ 9 އަހަރުވަންދެން، އަހަރަކު 3,000,000.00 (ތިންމިލިއަން) ރުފިޔާ އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތަށް ދައްކަންޖެހޭތީ، 10 އަހަރަށް ބަލާއިރު މިމަސައްކަތަށް ޖުމްލަ 30,750,000.00 (ތިރީސްމިލިއަން ހަތްސަތޭކަ ފަންސާސްހާސް) ރުފިޔާ މާލޭ ސިޓީކައުންސިލްގެ އިދާރާގެ ބަޖެޓުން ޚަރަދުކުރަންޖެހޭތީއާއި، މިމަސައްކަތަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.25 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 15ގެ 13 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތިން ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކުރަންޖެހޭ މަސައްކަތެއްނަމަވެސް މާލޭ ސިޓީކައުންސިލްގެ އިދާރާއިން އެގޮތަށް ޢަމަލުކޮށްފައިނުވާކަން.

އެހެންކަމުން، މަތީގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކުރާއިރު، މާލޭ ސިޓީކައުންސިލްގެ އިދާރާއާއި އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާއި ދެމެދު ހަދާފައިވާ ފުލެޓްތަކުގެ މެއިންޓެނެންސްއާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގެ އެއްބަސްވުން ހެދިފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށްވާތީ، މާލޭ ސިޓީކައުންސިލްގެ އިދާރާއާއި، އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާ ދެމެދު ހަދާފައިވާ ފުލެޓްތަކުގެ މެއިންޓެނެންސްއާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގެ އެއްބަސްވުން ބާތިލް ކުރުމަށްފަހު، މިމަސައްކަތް އިތުރަށް ކުރިއަށްގެންދާނަމަ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތީން ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް 09 ޖުލައި 2012 ގައި މާލޭ ސިޓީކައުންސިލްގެ އިދާރާއަށް ވާނީ އަންގާފައެވެ.

އަދި މިމައްސަލާގައި މިކޮމިޝަނަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަމަށް ބަލާއިރު، މިކަމަކީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާކަމެއްކަމަށް ބެލެވޭތީ، އެމައްސަލަ މިކޮމިޝަނުން މިގެންދަނީ ތަޙްޤީޤުކުރަމުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×