އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ޢާއްމުކޮށް، މީޑިއާއާ ޙިއްޞާކޮށްފި

16 Mar 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ޢާއްމުކޮށް، މީޑިއާއާ ޙިއްޞާކޮށްފިއެވެ. އަހަރީ ރިޕޯޓު މީޑިއާއާ ޙިއްޞާކުރީ އެކަމަށްޓަކައި، 13 މާރިޗު 2015 ވީ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ތަޢާރަފުކޮށްދިނީ ކޮމިޝަނުގެ އެސިސްޓެންޓް ރިސަރޗް އޮފިސަރ އަލްފާޟިލް އާދަމް ޝާމިލް އެވެ. އަހަރީ ރިޕޯޓު ނެރެދެއްވެވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. ރިޕޯޓު ނެރެދެއްވުމަށް ފަހު ކޮމިޝަނުގެ ރައީސްވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި 2015 ވަނަ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރެވިފައިވަނީ މުވައްޒަފުންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެކަމަށްޓަކައި ކޮމިޝަނުގެ ހުރިހައި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރެވިފައިވަނީ ދައުލަތުގެ އެކި އިދާރާތަކުން ކޮމިޝަނަށް ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ ސަބަބުން ކަމަށް ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޮމިޝަނުން، ކޮރަޕްޝަނުގެ ވަބާ ޤައުމުން ފުހެލުމަށް ކުރާ މަސައްކަތްތަކުގައި މީޑިއާއިން ދޭ އެއްބާރުލުމާ އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކައި މީޑިއާތަކަށް ޝުކުރުއަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވަނީ 2015 ވަނަ އަހަރު ކޮމިޝަނުން ކުރެވުނު މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި ޚުލާޞާ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. މި ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދެވެ. މި ރަސްމިއްޔާތު ނިމިގެން ދިޔައީ ނޫސްވެރިންގެ ސުވާލުތަކަށް މެމްބަރުން ޖަވާބުދިނުމުގެ ސެޝަނަކުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×