އޭސީސީގެ ވަފްދެއް ސިންގަޕޫރަށް ޒިޔާރަތްކޮށްފި

21 Mar 2016

ސަރަޙައްދީ ފެންވަރުގައި ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް އިތުރަށް ފުޅާކުރުމާއި ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް އެއްގައުމު އަނެއްގައުމާ ޙިއްސާކޮށް މަޢުލޫމާތު ބަދަލުކުރުމަށް އޭސީސީގެ ވަފްދެއް ސިންގަޕޫރަށް ޒިޔާރަތްކޮށްފިއެވެ.
އޭސީސީގެ މި ދަތުރުގައި، ސިންގަޕޫރުގެ “ކޮރަޕްޓް ޕްރެކްޓިސެސް އިންވެސްޓިގޭޝަން ބިޔުރޯ” (CPIB) އަށް ޒިޔާރަތްކޮށް، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ސީ.ޕީ.އައި.ބީ އިން އަމަލުކުރަމުންދާ ސިޔާސަތުތަކާއި ސްޓްރެޓެޖީސްތައް ދެނެގަތުމާއި، ސީ.ޕީ.އައި.ބީގެ ހިންގުން ބައްޓަންވެފައިވާގޮތް ދެނެގަތުމާއި، ދެ ޤައުމުގެ ދެމެދުގައި ފަންނީ އެހީތެރިކަން ހިއްސާކުރުމާއި، ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤުކުރުމާއި ޕްރިވެންޓް ކުރުމުގައްޔާއި، ތަމްރީނު ފުރުޞަތުތައް ފަހިކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރުމާއި، ނިޒާމީ ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ އުޞޫލުތައް ހަމަޖެއްސުމުގެ އިތުރުން، ދެގައުމުގެ މެދުގައި ކޮރަޕްޝަން ނައްތާލުމުގެ ތަޖުރިބާ ހިއްސާކޮށް މަޝްވަރާކުރެވޭނެއެވެ.
މީގެއިތުރުން، ސިންގަޕޫރުގެ އެޓަރނީ ޖެނެރަލްއާ ބައްދަލުކޮށް ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދެވިދާނެ ދާއިރާތައް ދެނެގަނެ، މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. ޚާއްޞަގޮތެއްގައި، އޭސީސީން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ސިންގަޕޫރުން ބޭނުންވާ މަޢުލޫމާތު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.
21 މާރިޗު 2016 އިން 25 މާރިޗު 2016 އަށް ކުރިއަށްދާ މި ޒިޔާރަތުގައި އޭސީސީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ކޮމިޝަނުގެ ނާއިބުރައީސް މުޢައްވިޒު ރަޝީދު އާއި، ކޮމިޝަނުގެ މެމްބަރު ޔަޒުމީދު މުޙައްމަދު އަދި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދުއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×