މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ވަކީލުންނާއި، މުވައްޒަފުން ގުޅިގެން އެ ކުންފުނީގެ ބޯޑަށް އެނގުމެއްނެތި ޕްރައިވެޓް ކުންފުންޏަކަށް ދޭން ނުޖެހޭ ފައިސާތަކެއް ހޯދައިދީފައިވާކަމަށް ބުނާ މައްސަލައާ ގުޅޭ

12 Apr 2016

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ވަކީލުންނާއި، މުވައްޒަފުން ގުޅިގެން އެ ކުންފުނީގެ ބޯޑަށް އެނގުމެއްނެތި، ފޯޖް ލިޔުންތަކެއް ތައްޔާރުކޮށްގެން ކޯޓަށް މައްސަލައެއް ހުށަހަޅައި، ޕްރައިވެޓް ކުންފުންޏަކަށް ދޭން ނުޖެހޭ ފައިސާތަކެއް ދިނުމަށް މަސައްކަތްކޮށް އެގޮތަށް ކޯޓުން ޙުކުމްކޮށްފައިވާކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤްކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. ޕްރައިވެޓް ކުންފުންޏެއްގެ ފަރާތުން ޓަގު ބޯޓެއް ބަނދެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ސަޕްލައިކުރުމަށް ހިންގި ޕްރޮޖެކްޓާ ގުޅިގެން އެ ޕްރޮޖެކްޓު ހުއްޓުވާފައި ބޭއްވި މުއްދަތަށްވާ އައިޑަލް ޗާޖާއި އެ ކުންފުނީގެ ފަރާތުން ފޮނުވި އިންވޮއިސްއަށް، އެ އިންވޮއިސްގައި ބުނާ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ އިންވޮއިސްގައިވާ ފަދައިން ސަރޗާޖަށްވާ ފައިސާއާއި، ޖީ.އެސް.ޓީއަށްވާ ފައިސާއާއެކު ޖުމުލަ 21,123,362.31 (އެކާވީސްމިލިއަން އެއްލައްކަ ތޭވީސްހާސް ތިންސަތޭކަ ފަސްދޮޅަސް ދެރުފިޔާ އެއްތިރީސްލާރި) ހޯދުމަށް އެ ކުންފުނީގެ ފަރާތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާގައި ވަކި ގޮތަކަށް ނިންމުމަށް ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން އެއްބަސްވެފައިވާތީ، ދެފަރާތް ދެމެދު އެއްބަސްވެފައިވާގޮތަށް، ދަޢުވާގައި ހޯދުމަށް އެދިފައވާ ފައިސާގެ ތެރެއިން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދޭ ލުޔެއްގެ ގޮތުގައި، -/2,000,000 (ދެމިލިއަން ރުފިޔާ) އުނިކުރުމުން އަންނަ 19,123,362.31 (ނަވާރަމިލިއަން އެއްލައްކަ ތޭވީސްހާސް ތިންސަތޭކަ ފަސްދޮޅަސް ދެރުފިޔާ އެއްތިރީސް ލާރި) އަކީ އެ ދަޢުވާއާ ގުޅިގެން ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، އެ ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 23 ޖުލައި 2015 ވަނަ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަށް އަންގައި ސިވިލް ކޯޓްގެ ގަޟިއްޔާ އިން ޙުކުމްކޮށްފައިވާއިރު،

2. ސިވިލް ކޯޓުގެ ގަޟިއްޔާގެ ނިޔާ އެ ލިޔުމެއްގެ މައްޗަށް ބަރޯސާވި ލިޔުންތަކުގެތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޯޑް ސެކްރެޓޭރިއޭޓް މެމޯއާއި ސިޓީ ހިމެނޭތީއާއި، އިސްވެބަޔާންކުރި ބޯޑް ސެކްރެޓޭރިއޭޓް މެމޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޯޑު ސެކްރެޓޭރިއޭޓްގެ އެހެން މެމޯތަކުގެ ފުޓާ އާއި ހެޑާ އަދި ފޮންޓް ސައިޒްގައި ވަރަށް ބޮޑު ތަފާތުކަމެއް ހުރުމުންނާއި، ޓަގު ބޯޓު މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ބޯޑް ސެކްރެޓޭރިއޭޓް މެމޯގައި ކޮށްފައިވާ ސޮޔާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޯޑު ސެކްރެޓޭރިއޭޓް އެހެން މެމޯތަކުގައި އެކުންފުނީގެ ކުރީގެ ސީ.އީ.އޯ ކޮށްފައިވާ ސޮއި ތަފާތުވާތީއާއި އަދި މެމޯގައި ޓަގު ބޯޓު މައްސަލައާ ގުޅިގެން ހޯދަން އެދޭ ފައިސާ އެފަރާތަށް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް އެކުންފުނީގެ 2015 ވަނައަހަރުގެ ބޯޑް ރިސޮލިއުޝަންތަކުން އެފަދަ ނިންމުމެއް އެކުންފުނިން ނިންމާފައިވާކަން އެނގެން ނެތްއިރު، ޓަގު ބޯޓު މައްސަލައިގައި، ކުންފުނިން 2015 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޤާނޫނީ ވަކީލު ސިވިލް ކޯޓަށް ހުށަހެޅި ސިޓީއާއި މެމޯއަކީ ސައްޚަ ލިޔުންތަކެއްނޫންކަން ތަޙްޤީޤަށް ފާހަގަކުރެވޭތީ އާއި،

3. ޕްރައިވެޓް ކުންފުނިން ޓަގު ބޯޓެއް ބަނދެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ސަޕްލައިކުރުމަށް ހިންގި ޕްރޮޖެކްޓާ ގުޅިގެން ކުންފުނިން ހޯދަންއެދޭ ފައިސާއާ ގުޅޭގޮތުން އެކުންފުނިން 2015 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ތަމްސީލްކުރަން ދިޔައީ އެކުންފުނީގެ ޤާނޫނީ ވަކީލު ކަމަށްވެފައި، މި މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި ބޯޑް ސެކްރެޓޭރިއޭޓް މެމޯއާއި ޕްރައިވެޓް ކުންފުނީގެ ސިޓީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ އެމްޕީއެލްގެ ޤާނޫނީ ވަކީލު ކަމަށްވާއިރު ބޯޑް ސެކްރެޓޭރިއޭޓް މެމޯއާއި ސިޓީ އޭނާއަށް ލިބުނީ މެއިލްގެ ޒަރީއާއިންކަމަށް އޭނާ ބުނާއިރު މެއިލްގެ ޒަރީއާއިން ލިބުނު އިސްވެދެންނެވުނު ލިޔެކިޔުންތަކަކީ ސައްޚަ ލިޔެކިޔުންތަކެއްތޯ އޭނާ ބަލާފައިނުވާތީއާއި، އެލިޔެކިޔުންތަކަކީ ސައްޚަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އޭނާ އެއްވެސް މަސައްކަތެއްކޮށްފައިނުވާކަމަށް ތަޙްޤީޤުގައި އޭނާ އިޢުތިރާފްވެފައިވާތީ އާއި،

4. މިމައްސަލާގެ ހުރިހާ މަރުހަލާއެއްގައިވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެފައިސާ ދައްކަން އެއްބަސްނުވާތީއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޤާނޫނީ ވަކީލު މި މައްސަލާގައި އެކުންފުނީގެ ވިސްނުން އެކި ބައްދަލުވުންތަކުގައި ޙިއްސާކުރެވިފައިވާތީ، މިފަދަ ލިޔުމެއް އީމެއިލް މެދުވެރިކޮށް ކުއްލިއަކަށް ލިބުމުން، ކުންފުނީގެ އިސްވެރިންނާ މަޝްވަރާކުރުމަކާއި ނުލައި، އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޒޮލިއުޝަނަކާއި ނުލައި، އެލިޔުންތައް ކޯޓަށް ހުށަހެޅުމުން އެއީ އެކަމުގައި އެމްޕީއެލްގެ ޤާނޫނީ ވަކީލު އިޙުމާލުވެފައިވާކަމަށް ބެލެވޭތީއާއި،

5. މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޤާނޫނީ ވަކީލު ހުށަހެޅި ބޯޑް ސެކްރެޓޭރިއޭޓް މެމޯއާއި ސިޓީއަކީ އޭނާ ތަމްސީލްކުރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ދިފާޢުގައި ހުށަހެޅި ހެއްކާ ޤަރީނާއެއް ނޫންކަމަށް ތަޙްޤީޤަށް ލިބިފައިވާ ހެކިތަކުން ބެލެވެން އޮތަތީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ދިފާއުގައި ހެއްކާ ޤަރީނާ ދެއްކުމަކީ އޭނާގެ މަސްޢޫލިއްޔަތެއްކަމަށްވާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އޭނާ އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތައް ފުރިހަމަޔަށް އަދާކޮށްފައި ނުވާތީއާއި، އޭނާގެ މި އަމަލުގެ ސަބަބުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް މަންފާތަކެއް ހޯދަން މަސައްކަތްކޮށްފައިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ލިޔުންތަކެއްކަމަށް ދައްކައި، ލިޔުންތަކެއް ކޯޓަށް ހުށަހެޅި އެކުންފުނީގެ ޤާނޫނީ ވަކީލުގެ މައްޗަށް ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނުނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއާއި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކަން ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×