ނޫސް ބަޔާން

14 Apr 2016

އާސަންދަ އޮފީހުންނާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަދި ބައެއް ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޢަމަލުކުރަމުންދާކަމަށް ތުޙުމަތުކުރާ މައްސަލަތަކެއް މިކޮމިޝަނަށް ހުށަހެޅި، އެ މައްސަލަތައް މިކޮމިޝަނުން ދަނީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.

އެ މައްސަލަ މިކޮމިޝަނުން މިހާތަނަށް ތަޙުޤީޤު ކުރި ކުރުމުގައި، ވަކި ކަމެއް ކުރުމަށް، އަދި ވަކި ކަމެއް ނުކުރުމަށް އާސަންދަ އޮފީހަށް، އަދި އެންސްޕާއަށް ވެސް އަންގާފައިނުވާނެއެވެ. ނަމަވެސް، މި 2 އިދާރާއިން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި، ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ދެމުން ގެންދާކަމަށް މިކޮމިޝަނަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އާސަންދަ އޮފީހުން އަދި އެންސްޕާއިން ދެމުންގެންދާ އެއްވެސް ޚިދުމަތެއް ދިނުން ހުއްޓާލުމަށް ނުވަތަ ޚިދުމަތް ދިނުމުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް މިކޮމިޝަނުން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ވާހަކަ ޢާންމުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

އަދި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް، ހަމަހަމަކަމާއެކު، ދެފުންފެންނަ، އަދި ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް ދިނުމަށް އާސަންދަ އޮފީހަށާއި އެންސްޕާއަށް އިލްތިމާސްކުރަމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×