ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ފުވައްމުލަކުގައި ޑޯރ-ޓު-ޑޯރ ކެމްޕޭނެއް ކުރިއަށްގެންގޮސްފި

20 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ޑޯރ-ޓު-ޑޯރ ކެމްޕޭނެއް މިއަދު (19 އެޕްރީލް 2016) ކުރިއަށްގެންގޮސްފިއެވެ. މި ކެމްޕޭނަކީ، ޢާއްމުންނަށް ކޮރަޕްޝަނާއި ބެހޭގޮތުން މަޢުލޫމާތުދިނުމާއި ޚާއްސަ ގޮތެއްގައި ކޮރަޕްޝަނާއި ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ އިވެންޓެކެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ރެޑްކްރެސެންޓް އަދި ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިތުރުން، ވޮލެންޓިއަރުން ހިމެނޭ ގޮތަށް 21 ޓީމަކުން ކުރިއަށްގެންދިޔަ މި ކެމްޕޭނުގައި، ފުވައްމުލަކުގެ ގޭގެއަށް ޒިޔާރަތްކޮށް ކޮރަޕްޝަނާއި ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމަށް ތަފާތު މަޢުލޫމާތު ފޯރުކޮށްދީފައިވާނެއެވެ. އޭގެ އިތުރުން، ގޭގެއަށް ކުރި ޒިޔާރަތުގައި ކޮރަޕްޝަނާމެދު ޢާންމުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށާއި، ކޮރަޕްޝަނާމެދު ޢާންމުން ދެކޭގޮތް ބެލުމަށް އޭސީސީގެ ފަރާތުން ސާރވޭއެއް ކުރިއަށްގެންދެވުނެވެ.

1 ދުވަހަށް ކުރިއަށްގެންދިޔަ މި ކެމްޕޭނުގައި ފުވައްމުލަކުގެ 8 އަވަށުގައި މީހުން ދިރިއުޅޭ  ގާތްގަނޑަކަށް 1700 ގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދެވުނެވެ. މި ކެމްޕޭން ފައްޓަވައިދެއްވީ ކެމްޕޭން ފެށުމުގެ ގޮތުން ފުވައްމުލަކު މާދަޑު އަވަށު “ދިރާސާ”ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު އާމިނަތު މިންނާއެވެ. އަދި ރަސްމިއްޔާތު ނިމުމުން ފުވައްމުލަކުން މި ކެމްޕޭނުގައި ޙަރަކާތްތެރިވި ފުވައްމުލަކުގެ ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކުރެވުނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×