މިނިވަން މުއައްސަސާތަކުގެ އިޖްތިމާޢީ ޙަރަކާތް “އާރޯ” އިފްތިތާޙްކޮށްފިއެވެ. މިނިވަން މުސްތަޤިއްލު މުއައްސަސާތައް އެކުގައި ޤައުމުގެ އިޖްތިމާޢީ ކަންކަން ރަނގަޅުކުރުމުގެ މަޤްޞަދުގައި އިފްތިތާޙުކުރެވުނު މި ޙަރަކާތް އިފްތިޠާޙްކޮށްފައިވަނީ 15 މޭ 2016 ވީ އާދީއްތަ ދުވަހު 14:30 ގައި ، ސްޓެލްކޯ މާލަމްގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އޮނަރަބަލް އަލްފާޟިލް ޠޯރިޤް އިބްރާހީމްއެވެ. މި ޙަރަކާތުގައި 13 އިދާރާއަކުން ބައިވެރިވެއެވެ. އެއީ، އެންޓި-ކޮރަޕްޝަން ކޮމިޝަން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އޮޑިޓަރ ޖެނެރަލްގެ އޮފީސް، ޖުޑީޝަލް ސަރވިސް ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އިލެކްޝަން ކޮމިޝަން، ސިވިލް ސަރވިސް ކޮމިޝަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ޕަބްލިކް ސަރވިސް މީޑިއާ ހިމެނެއެވެ. މީގެ އިތުރުން އެސޯސިއޭޓް ބައިވެރިންގެ ގޮތުގައި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ.
މިޙަފްލާ ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައި ދެއްވެވީ އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. އަދި، “އާރޯ” ތަޢާރަފްކޮށްދެއްވެވުމުގެ ގޮތުން ވާހަކަދެއްކެވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމްއެވެ. ހަމަ މި ޙަފްލާގައި ވަނީ “އާރޯ” ގެ ރަސްމީ ލޯގޯއާއި، ތީމް ލަވަވެސް އިފްތިޠާޙްކޮށްފައެވެ. މި ތަކެތި ލޯންޗްކޮށްދެއްވެވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް އަލްފާޟިލް ޠޯރިޤް އިބްރާހީމްއެވެ. މި ޙަފުލާގައި ޝަރަފުވެރި މެހެމާން ވަނީ ވާހަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިނިވަން މުއައްސަސާތަކުން މިފަދަ މަތިވެރި މަސައްކަތެއް ފައްޓަވާދެއްވެވިކަމަށްޓަކައި، ހުރިހާ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
“އާރޯ” ގެ ދަށުން ކުރިއަށް ގެންދާ ޙަރަކާތްތައް، އިންތިޒާމުކުރެވެނީ މިނިވަން މުސްތަޤިއްލު އިދާރާތަކުގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ “ޓާސްކްފޯސް” އަކުންނެވެ. މި ޙަރަކާތުގެ ތެރެއިން، މުޖުތަމަޢަށް ފައިދާހުރި ގިނަ ޙަރަކާތްތަކެއް ހިންގުމަށް ނިންމާފައިވެއެވެ. މީގެ ތެރެއިން، “އާރޯ” ގެ ދަށުން ކުރިއަށް ގެންދެވޭ ފުރަތަމަ ޙަރަކާތަކީ، 4 ޖޫން 2016 ގައި ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިމުގެ ސަރަހައްދުގައި ބާއްވާ ގަސް އިންދުމުގެ ޙަރަކާތެވެ.