އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 18 މޭ 2016 ވީ އަންގާރަ ދުވަހު ހެނދުނު 11:00 ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައެވެ.
މި ބައްދަލުވުމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އަދި ކޮމިޝަން މެމްބަރ އާމިނަތު މިންނާގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުންނާއި، ޕްލޭން ތަންފީޒު ކުރުމުގައި އެފަރާތުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން އެ ސަރވިސްގެ އިސްވެރިންގެ ފަރާތުން އޭސީސީއަށް ވަނީ އަރުވާފައެވެ.
މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް، ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް، ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުދަނީ ކުރަމުންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ޕްލޭން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ޙިއްޞާކޮށްފި
18 May 2016