މިނިވަން މުއައްސަސާތަކުގެ އިޖްތިމާޢީ ޙަރަކާތް “އާރޯ” ގެ ފުރަތަމަ ޙަރަކާތް ބާއްވައިފި!

05 Jun 2016

15 މޭ 2016 ގައި އިފްތިތާޙްކުރެވުނު މިނިވަން މުއައްސަސާތަކުގެ އިޖްތިމާޢީ ޙަރަކާތް “އާރޯ” ގެ ފުރަތަމަ ޙަރަކާތް، 4 ޖޫން 2016 ވީ ހޮނިހިނު ދުވަހު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިއްކި ބިމުގައި ބާއްވައިފިއެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން “އާރޯ” ގެ ފުރަތަމަ ޙަރަކާތް ބޭއްވުމެވެ. މި ޙަރަކާތުގެ ޝަރަފުވެރި މެހެމާނަކީ، މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އޮނަރަބަލް އަލްފާޟިލް ޠޯރިޤް އިބްރާހީމްއެވެ. މި ޙަރަކާތް ފެށިގެންދިޔައީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ކީރިތި ޤުރުއާން ކިޔަވާވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ ރައީސް އައްޟައިޚް އަޙްމަދު ސުލައިމާން އެވެ. ޙަރަކާތް ތަޢާރަފުކޮށްދެއްވެވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް އެވެ. އެއަށް ފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ސައިންމަން ވާހަކަފުޅުދެއްކެވިއެވެ. އެއަށްފަހު ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އޮނަރަބަލް އަލްފާޟިލް ޠޯރިޤް އިބްރާހީމް ވާހަކަފުޅުދެއްކެވިއެވެ. ޝަރަފުވެރި މެހެމާންގެ ވާހަކަފުޅައްފަހު ދެން ކުރިޔަށް ދިޔައީ “ތިމާވެށި އާރޯ ކުރުމުގެ ވަޢުދު” ގައި ސޮއިކުރުމެވެ. މި ވަޢުދުގައި ސޮއިކުރެއްވެވީ މިނިވަން މުއައްސަސާތަކުގެ ވެރިންނެވެ. އެއަށްފަހު ދެން ކުރިޔަށް ދިޔައީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ގަސްއިންދުމުގެ ޙަރަކާތެކެވެ. މި ޙަރަކާތް އިސްވެ ފައްޓަވައިދެއްވެވީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ޝަރަފުވެރިމެހެމާން މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އޮނަރަބަލް އަލްފާޟިލް ޠޯރިޤް އިބްރާހީމްއެވެ. މި ޙަރަކާތުގައި ބައިވެރިވެފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ޕަބްލިކް ސަރވިސް މީޑިއާ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އޮޑިޓަރ ޖެނެރަލްގެ އޮފީސް، ޖުޑީޝަލް ސަރވިސް ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އިލެކްޝަން ކޮމިޝަން، ސިވިލް ސަރވިސް ކޮމިޝަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ހިމެނެއެވެ. މީގެ އިތުރުން އެސޯސިއޭޓް ބައިވެރިންގެ ގޮތުގައި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބައިވެރިވެފައިވެއެވެ. “އާރޯ” ގެ ދަށުން ކުރިއަށް ގެންދާ ޙަރަކާތްތައް، އިންތިޒާމުކުރެވެނީ މިނިވަން މުސްތަޤިއްލު އިދާރާތަކުގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ “ޓާސްކްފޯސް” އަކުންނެވެ. މި ޙަރަކާތުގެ ތެރެއިން، މުޖުތަމަޢަށް ފައިދާހުރި ގިނަ ޙަރަކާތްތަކެއް ހިންގުމަށް ނިންމާފައިވެއެވެ. ގަސްއިންދުމުގެ މި ޙަރަކާތް ހުށަހަޅާދީފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް އަލްޠަފް ޢަލީ އަދި އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ އަލްފާޟިލާ އާމިނަތު ސަނާ އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×