2009 ވަނަ އަހަރުގެ ޖޫން މަހުގެ ދުވަހެކެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ދުވަސް ފެށިގެން ކުރިޔަށް ދަނީއެވެ. އުތުރު މެކްސިކޯގެ އަވަށެއް ކަމަށްވާ ހާރމޮސިލޯގައި ދިރިއުޅޭ ބެލެނިވެރިން ވަޒީފާޔަށް ދަނީ އެމީހުންގެ ތުއްތުކުދީން ނާސަރީއަށް ލުމަށް ފަހުގައެވެ. އެކުދީން އެތާނގައި ކުޅެ މަޖާކުރުމަށް ފަހު، މެންދުރު ކައިގެން ކޮންމެ ދުވަހަކުވެސް ނިދައެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އެކުދިން މެންދުރު ފަހުން ތިބީ ނާސަރީގައި ނިދާށެވެ. މިހެން ތިއްބައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހިޔާކުރުމުގެ ގޮތުން މަތީގައި އަޅާފައިވާ ސަތަރީގައި ހުޅުހިފާ، ސަތަރި ނެއްޓިގެންގޮސް މުޅިކޮޓަރިތެރޭ ހުޅުހިފުމާއެކު ބޯދުމުން ސަރަޙައްދު ފޮރުވާލިއެވެ.
ބެލެނިވެރީން އެމީހުންގެ ދަރިން ސަލާމަތްކުރުމަށް ވީ އެންމެ އަވަހަކަށް ނާސަރީއަށް ދިޔައެވެ. ނަމަވެސް އެކުދިން ނާސަރީ އިން ނެރުމަށް ކުރިމަސައްކަތް ވީ ނަކާމިޔާބެވެ. އެތަނުގެ މައިދޮރޯށިން ކިރިޔާ ކުއްޖަކު ގޮވައިގެން ނުކުމެވޭވަރުވަނީއެވެ. އެމަރޖެންސީ އެގްޒިޓްވަނީ ތަޅުލެވިފައެވެ. އަދި އުސް ކުޑަދޮރުތަކަށް އަތެއް ނުފޯރައެވެ. ނާސަރީގެ ސްޓާފުން ހަނިހަނި މައިދޮރޯށީން ކުދިން ބޭރަށް ނެރުމަށް ހިތްވަރުކުރިއެވެ. އަދި އެއްކުއްޖެއްގެ ބައްޕަ އޭނާގެ ޕިކަޕުން ޖައްސައި އެތަނުގެ ފާރު ވައްޓާލާ ސަލާމަތްވެވޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭރު މާލަސްވެއްޖެއެވެ.
އެތައް ގަޑިއިރެއް ވަންދެން އެކުދިންގެ މައިންބަފައިން އެކުދިންގެ ޚަބަރެއްވޭތޯ މަޑުކޮށްގެން ތިބެން ޖެހުނެވެ. 29 ކުދިން މަރުވެގެން ދިޔައިރު 40 ކުދިން ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހުނެވެ. މިހިތާމަވެރި ޙާދިސާގައި އެތަނުގައި ތިބި 47 ކުދީންގެ ތެރެއިން 3 ބައިކުޅަ އެއްބައި ކުދިން މަރުވެގެން ދިޔައީއެވެ.
މަދު ހަފްތާތަކެއްގެ ތެރޭގައި ޢާއިލާތަކައް ލިބުނު ފުން ހިތާމަ ރުޅިވެރިކަމައް ބަދަލުވެގެން ދިޔައެވެ. ރިޕޯޓްތަކުން ދައްކާގޮތުގައި ސަރުކާރުން ޚަރަދުކޮށްގެން ކުރީގައި ވެއަރހައުސްއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައި ހަދާފައިވާ މި ނާސަރީ ހިންގަމުން އައީ ސަރުކާރުގެ މަތީ ޕަބްލިކް އޮފިޝަލެއްގެ އަންހެނުންނާއި އަދި ނުފޫޒުގަދަ ވިޔަފާރިވެރިއެއްގެ އަންހެނުންނާ ދެމީހުން ގުޅިގެންނެވެ. މި ނާސަރީ ވަނީ އެއްވެސް ކްރައިޓީރިއާއަކަށް ނުފެތުނު ނަމަވެސް ސަލާމަތީ ޓެސްޓުތަކުން އޭގެ 10 ދުވަސް ކުރިން ފާސްވެފައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ނާސަރީއާ ޖެހިގެން ހުރި ވެއަރހައުސްގައި ރޯވުމުންނެވެ. އެ ތަނަކީ ސަރުކާރުން ފިނޭންސް ޑިޕަރޓްމަންޓް ހިންގުމަށް ކުއްޔަށް ނަގާފައި ހުރިތަނެކެވެ. އެތަނުގައި ހިފި އަލިފާންގަނޑު ފެތުރި ނާސަރީގެ އުސްފުރާޅާއި، މި ފުރާޅުގެ ދަށުގައިވާ ސަތަރިގަނޑާ ދެމެދުގައި ވަރަށް އަވަހަށް ފެތުރުނެވެ. ނަމަވެސް، ނާސަރީގެ އަލިފާނުގެ އެލާމްތައް ހަރުކޮށްފައިހުރީ ސަތަރިގަނޑުގެ ތިރީގައިކަމުން އަލިފާންގަނޑު ފެތުރި ސަތަރިގަނޑު ވެއްޓިގެންއައިއިރުވެސް ނާސަރީގައި މަސައްކަތް ކުރަމުން ދިޔަ އެއްވެސް ފަރާތަކަށް ރޭކާ ނުލިއެވެ.
އެންމެފަހުން، ހާރމޮސިލޯގެ ރައްޔިތުން އިންސާފު ހޯދުމަށްއެދި އަވަށުގެ މަގުތަކައް ނިކުތެވެ. ނަމަވެސް، އެމީހުން އިދާރާތަކަށް ކުރަމުން ދިޔަ އިތުބާރުވަނީ ގެއްލިފައެވެ. މިހާ ހިސާބައް ކަންތައްތައް ދިޔުމުން، ޢިމާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޙަރަކާތްތެރިވި ހަ އޮފިޝަލުން ސަސްޕެންޑް ކުރެވުނެވެ. އަދި ނާސަރީ ހިންގަމުންއައި މީހުންގެ ފިރީންވެސް އެމީހުންގެ މަޤާމުން އިސްތިއުފާ ދިނެވެ. ނަމަވެސް އެތަން ހިންގުމާ ހަވާލުވެ ތިބި އެމީހުންގެ އަނބީންނާމެދު ފިޔަވަޅެއް ނާޅައެވެ. އަދި މީގެ އިތުރުން ފިނޭންސް ޑިޕަރޓްމަންޓްގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންތަކެއް އަލިފާނުގެ ޙާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެމީހުންގެ ޝަރީޢަތް ގިނަ އަހަރުތަކަކަށް ދެމިގެންދާނެކަމަށް ލަފާކުރެވެއެވެ.
ރޮބަރޓޯ ޒަވަލާގެ 2 އަހަރުގެ ދަރިފުޅުވެސް ވަނީ މި އަލިފާނުގެ ޙާދިސާގައި މަރުވެފައެވެ. ނިއުޔޯކް ޓައިމްސް އަށް އޭނާ ދިން އިންޓަރވިއުއެއްގައި ބުނިގޮތުގައި “އެއްވެސް މީހަކު މިހާދިސާގެ ހާދިސާގެ ޒިންމާ ނަގާކަށް ބޭނުމެއްނުވޭ. އެމީހުންނަށް އިތުބާރުކުރިކަމުގެ ޒިންމާ ނަގަން ޖެހެނީ އަހަރެން. ޓެކްސް ދެއްކައިގެން މިފަދަ ތަންތަން ހިންގާކަމުގެ ޒިންމާ ނަގަންޖެހެނީވެސް ހަމަ ޚުދު އަހަރެން. އެމީހުންނަށް ވޯޓު ދިނުމުގެ ޒިންމާވެސް ނަގަންޖެހެނީ ހަމަ އަހަރެން. އެމީހުން މިބާވަތުގެ ވަހަކަދައްކަނީ އަހަންނަށް ޖެއްސުމަށް. އެމީހުންނަށް ޖެއްސުން ކުރުމަށް ފުރުޞަތު ދިނުމުގެ ޒިންމާވެސް ނަގަން ޖެހެނީ އަހަރެން.”
ނިޒާމާމެދު އިތުބާރު ގެއްލުމުގެ ނަތީޖާއެއްގެ ގޮތުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް މެކްސިކޯއިން ނާސަރީތައް މޮނިޓަރކުރުމާއި ގުޅޭކަންކަން އިސްލާޙްކުރުމަށް އިސްނެގިއެވެ. ނަތީޖާއެއްގެ ގޮތުން، ނާސަރީތަކުގައިވާ ސަލާމަތީ ކަންތައްތައް ހުރިނެތްގޮތް ބެލުމަށް ދިހަހާހަށްވުރެ ގިނަ ބެލެނިވެރީންނަށް ފުރުޞަތުދީ އެސަރަޙައްދުގެ 1480 ނާސަރީއެއް އެމީހުން ބަލާފާސް ކުރިއެވެ. މިއީ 200 މިލިޔަން އަކަ ކިލޯމީޓަރުގެ ސަރަޙައްދެކެވެ. މިތަންތަން ބަލައި މޮނިޓަރކުރުމަށް ކަނޑައެޅީ އެނާސަރީތަކުގައި ކުދީން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ބެލެނިވެރީންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކެކެވެ.
ކޮންމެ ނާސަރީއަކުންވެސް ފާހަގަ ކުރެވުނު ކަންތައްތައް އެޢިމާރާތުގެ ބޭރުގައި ޝާޢިއުކުރިއެވެ. އަދި އެހެނިހެން ބެލެނިވެރިންނަށާއި މުޖުތަމަޢުގެ ފަރާތްތަކަށް ފެންނާނެހެން އޮންލައިންކޮށް ވެސް މިމަޢުލޫމާތުވަނީ ޙިއްސާކޮށްފައެވެ. ބެލެނިވެރީން ޖުމްލަގޮތެއްގައި، ގާތްގަނޑަކަށް 20،000 ގަޑިއިރު މިކަމަށް ހޭދަކުރިއެވެ. މިގޮތުގައި އެއް އަހަރުދުވަސް ހޭދަވެގެން ދިޔައިރު ނާސަރީތަކުގެ ސަލާމަތީ ރައްކާތެރިކަމުގެ މިންގަނޑު ވަރަށް ބޮޑު ތަން ރަނގަޅު ކުރެވިގެންދިޔައެވެ. މިންގަނޑަށް ނުފެތޭ ތަންތަން ބަންދުކޮށްފާނެ ކަމުގެ ބިރު ހީވުމާއެކު އާދައިގެ ދެރަ ފެންވަރުގައި ހެދިފައިވާ ނާސަރީތަކުން އެތަންތަނުގެ ފެންވަރުވެސް ވަނީ ވަރަށް ބޮޑުތަން ރަނގަޅު ކޮށްފައެވެ. ޓީއެމްގެ އިސްނެގުމުގެ ދަށުން މެކްސިކޯގެ ކުޑަކުދިން ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ޖަވާބުދާރީކުރެވޭ މަޝްރޫޢަކަށް މިހާރު ވެއްޖެއެވެ. ނަމަވެސް މިމަޝްރޫޢުގެ މަޤްޞަދަކީ އަދިވެސް ހަމަ އެކައްޗެކެވެ. ހަރމިސޮލޯގައި ހިނގިފަދަ ހިތާމަވެރި ޙާދިސާއެއް ތަކުރާރުނުވުން ޔަޤީން ކުރުމެވެ.
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ހޫ އިޒް ޓު ބްލޭމް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/who_is_to_blame