ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން (UNCAC) ގެ އިމްޕްލިމެންޓޭޝަން ރިވިއު ގުރޫޕުގެ 07 ވަނަ ސެޝަނުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެއްޖެއެވެ. މި ޖޫން މަހުގެ 20 އިން 24 އަށް އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ މި ސެޝަންގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނައިބުރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދު އެވެ.
މި ސެޝަންގެ މައިގަނޑު މަޤުޞަދަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މި ގުރޫޕުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، ކޮންވެންޝަން ތަންފީޒު ކުރުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު އުޞޫލާއި އަދި ބޭނުންވާ ފަންނީ އެހީތެރިކަން ޙިއްޞާ ކުރުމާބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ. މީގެއިތުރުން، ވޭތުވެދިޔަ ތަނުގައި މުއާހަދާއަށް ޢަމަލުކޮށްފައިވާ މިންވަރާ ގުޅޭގޮތުން އެކި ޤައުމުތަކުން ލިބިފައިވާ ރިވިއުތަކާގުޅޭ ގޮތުން މި ސެޝަންތަކުގައި މަޝްވަރާކުރެވޭނެއެވެ.
މިއަހަރުން ފެށިގެން މި މުއާހަދާގެ 2 ވަނަ އަދި 5 ވަނަ ޗެޕްޓަރ އަށް ޤައުމުތަކުން ޢަމަލުކުރެވިފައިވާ މިންވަރު ދެނެގަތުމަށް ރިވިއުއެއް ހަދަން ފެށޭނެއެވެ. އަދި، މުއާހަދާގެ ފުރަތަމަ ބުރުގެ ރިވިއު ދިވެހިރާއްޖެއިން ފުރިހަމަކޮށްފައިވާއިރު ދެވަނަ ބުރުގެ ރިވިއު ހެދުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގައެވެ.
މި ރިވިއު ގުރޫޕަކީ މި މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުން މުއާހަދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމަށް އެކުލަވާލާފައިވާ ގުރޫޕެކެވެ.