ނަޒާހަތްތެރިކަން ކުރިއަރުވާ ނަޒަހަތްތެރިވުމަށް ބާރުއެޅުމުގެ ގޮތުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިއަހަރު މިހާތަނަށް 10670 މީހުން މި ވަޢުދުގައި ސޮއިކޮށްފިއެވެ. މިވަޢުދުގެ ބޭނުމަކީ ދައުލަތުންދޭ ޚިދުމަތްތައް އިންސާފުވެރި ކަމާ ހާމަކަމާއެކު ފޯރުކޮށްދިނުމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި، ދައުލަތުގެ މާލިއްޔަތުން ކުރާ ޚަރަދުތައް ކޮރަޕްޝަނަށް މަގުފަހި ނުވާނެ ގޮތުގެ މަތިން ކުރުމަށް ދައުލަތުގެ މުވައްޒަފުންނާއި އާއްމު ރައްޔިތުން ހޭލުންތެރިކޮށް އެކަމަށާއި ދައުލަތުގެ މުވައްޒަފުންގެ ޢަމަލުތައް އެގޮތުގެމަތިން ބެހެއްޓުމުގެ ޢަޒުމް އާކުރުމެވެ.
ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާގުޅުވައިގެން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ދުވަހު ސޮއިކުރުމުގެ ޙަރަކާތް ގެންދެވިފައި ވާއިރު ރަށްރަށުގެ ސަރުކާރުގެ އިދާރާތަކުންނާއި ދައުލަތުގެ ކުންފުނިތަކުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން މި ވަޢުދުގައި ސޮއިކޮށްފައި ވެއެވެ. މާލޭގެ 7 އިދާރާއެއްގެ ހުރިހާމުވައްޒަފުން ވަނީ މިވަޢުގައި ސޮއިކޮށްފައެވެ. މި ކޮމިޝަނުގެ ފަރާތުން ދައުލަތުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ހިންގާ ނަޒާހަތްތެރިކަމުގެ ވަޢުދުގައި ސޮއިކުރުމުގެ ޕްރޮގްރާމަކީ ދައުލަތުގެ އެންމެހާ މުވައްޒަފުންނަށާއި އަދި ދިވެހި އެންމެހާ ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ޕްރޮގްރާމެކެވެ. މިވަޢުދުގައި ސޮއި ކުރުމަށް ބޭނުންވާ ދައުލަތުގެ އިދާރާތަކަށާއި ކްލަބްޖަމްޢިއްޔާ ޖަމާޢަތްތަކަށް އަދި ފަރުދުންނަށްވެސް އެ ފުރުޞަތު ވަނީ ހުޅުވާލެވިއެވެ.