މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ 11 ވަނަ އިޞްލާޙާގުޅިގެން އޭސީސީގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކާ ޙިއްސާކޮށްފި

23 Jun 2016

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ 11 ވަނަ އިޞްލާޙާ ގުޅިގެން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.15 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ނ) އާއި (ރ) ގައި، ދައުލަތުން ހިންގާ މަޝްރޫޢުތައް ހިންގާނެ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދިރާސާކޮށް އެ އިސްލާޙާ ގުޅިގެން އޭސީސީގެ ހުރި ކަންބޮޑުވުންތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ޙިއްޞާކޮށްފިއެވެ.
މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ 11 ވަނަ އިޞްލާޙަކީ، ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތައް ޢާއްމުކޮށް ބީލަމަށް ހުޅުވާލުމަކާނުލާ ކުރިއަށް ގެންދިއުމަށް މަގުފަހިވާގޮތަށް މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ އިޞްލާހެކެވެ. ދައުލަތުގެ މަސައްކަތްތައް ހަވާލުކުރުމުގައި ދެފުށްފެންނަ އަދި ހާމަކަން ބޮޑު ގޮތެއްގައި އެކަންކަން ކުރިއަށް ގެންދިއުމަށް، އެ އިޞްލާޙަށް ގެންނަން ފެންނަ ބަދަލުތަކާއި އެ އިޞްލާޙު އޮތްގޮތުން ދިމާވެދާނެކަމަށް ފާހަގަކުރެވޭ މައްސަލަތައް މި ދިރާސާއާ ގުޅިގެން ތައްޔާރުކޮށްފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ދައުލަތުގެ ޕްރޮކިއުމެންޓްގެ ތެރެއިން ހިންގާ ބޮޑެތި މަސައްކަތްތަކުގައި ވާދަވެރިކަމާއި، ދެފުށްފެނުމާއި، ޖަވާބުދާރީކުރެވުމާއި، ނަޒާހަތްތެރިކަމުގެ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ޢަމަލުކުރުމަށްޓަކައި އިޞްލާޙުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ މައިގަނޑު ކަންތައްތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
1. ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމާ ބެހޭ ކޮމިޓީ ނުވަތަ ކައުންސިލުން ކަނޑައަޅާ ވަކި ޚާއްޞަ މަޝްރޫޢުތަކާއި، ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫޢު (މެގަ ޕްރޮޖެކްޓް) ތަކާއި، ބޭރު ޤައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި ކުރިއަށް ގެންދިޔަނަމަވެސް، އެފަދަ މަޝްރޫއުތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމުގައި އާންމުކޮށް ބީލަމަށް ހުޅުވާލައިގެން ބީލަމުގައި ބައިވެރިވުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ މެދުގައި ހަމަހަމަ ފުރުޞަތު ހުޅުވިގެންދާ ގޮތަށް ގަވާއިދު ބަދަލުކުރުން.
2. ހޯދަން ބޭނުންވާ ޚިދުމަތުގެ ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތުގެ ފުރިހަމަ ތަފްޞީލް ރަނގަޅަށް ތައްޔާރުކުރަން ލާޒިމްވާނެ ގޮތަށް ގަވާއިދު ބަދަލުކުރުން.
3. ބީލަމަށް ހުޅުވާލާއިރު ޕްރޮކިއުމަންޓްގެ ބާވަތާއި، ޕްރޮކިއުމަންޓުގެ ޝަރުޠުތަކާއި، ފަންނީ މިންގަނޑުތަކާއި، ކޮލިފައިވާނެ ޝަރުޠުތަކާއި، އެންމެ ރަނގަޅު ޓެންޑަރއެއް ހޮވަންވާނީ ކުރިން އާންމު ކުރެވިފައިވާ މިންގަނޑަކުން ވަޒަންކޮށް އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަށްކަމާއި، އެކަން ބިޑް ޑޮކިއުމަންޓްގައި ހިމެނުން ލާޒިމްކުރުން.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ އިޞްލާޙުތައް ހިމެނޭ ކަރުދާސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ގަވާއިދު ނަންބަރު 2015/R-141 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) އާ ގުޅިގެން
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކަރުދާސް ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ޑައުންލޯޑް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×